މިޔަންމާގައި ހިންގަމުން އަންނަ ބަގާވާތް ސަރުކާރުގެ ވެރިޔާ ޖެނެރަލް މިން އޯންގް ހްލައިންގް.

މިޔަންމާ

އިދިކޮޅު ފަރާތްތައް 'ފުނޑާލަން' މިޔަންމާގެ އަސްކަރީ ވެރިޔާ ވައުދުވެއްޖެ

މިޔަންމާގެ އާންމުން ކުދިކޮށް ކޮށަމުން އަންނަ އަސްކަރިއްޔާއަށް ރަޝިޔާ އާއި ޗައިނާއިން އަންނަނީ އެހީތެރިވަމުން

ހަތިޔާރު އެޅި ގްރޫޕުތަކުން ހިންގަމުން އަންނަ "ޓެރަރިސްޓު ހަރަކާތްތައް" ލަހެއް ފަހެއް ނެތި ހުއްޓުވާނެ ކަމަށް މިޔަންމާގެ އަސްކަރީ ސަރުކާރުގެ ލީޑަރު ވިދާޅުވެއްޖެ އެވެ.

ޖެނެރަލް މިން އޯންގް ހްލައިންގް މިގޮތަށް ވިދާޅުވެ ދެއްވި ތަގްރީރުގައި މިޔަންމާގެ އިންސާނީ ހައްގުތަކާ ބެހޭ ރެކޯޑަށް ފާޑުކިޔާ ފަރާތްތަކުން ޓެރަރިސްޓުންނަށް ތާއީދުކުރާ ކަމަށް ވަނީ ތުހުމަތު ކުރައްވާފަ އެވެ.

ޖެނެރަލް މިން އިސްވެ ހުންނަވާ ފެބްރުއަރީ 2021ގައި ބަގާތެއްކޮށް، ގައުމުގެ ވެރިކަން ދަމައިގަތް ފަހުން އިދިކޮޅު ފަރާތްތަކުން އަންނަނީ އަސްކަރިއްޔާއާ ދެކޮޅަށް ހަނގުރާމަ ކުރަމުން ނެވެ. 

މިހަމަނުޖެހުންތަކުގައި އެތައް ހާސް ބަޔަކު މަރުވެ، މިލިއަނަކަށް ވުރެ ގިނަ މީހުން ވަނީ ގެދޮރުން ނުކުންނަށް މަޖުބޫރުވެފަ އެވެ. 

ވެރިރަށް ނޭޕިޔަޑާގައި އަސްކަރިއްޔާއަށް 78 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ޕެރޭޑެއްގައި މަދުން ނޫނީ ތަގްރީރެއް ނުދެއްވާ ޖެނެރަލް މިން ވިދާޅުވީ މިޔަންމާގެ އަސްކަރީ ވެރިކަމާ ދެކޮޅަށް ހަނގުރާމަ ކުރަމުން އަންނަ ފަރާތްތައް މައިތިރި ކުރުމުގެ މަސައްކަތްތައް ހުއްޓަވާ ނުލައްވާނެ ކަމަށެވެ.

އަދި މިޔަންމާގެ އެކި ސަރަހައްދުތަކުގައި އިމަޖެންސީ އިއުލާނު ކުރަމުން އަންނަނީ "ރައްޔިތުންގެ މަސްލަހަތު ހަލާކުކުރަން އުޅޭ ޓެރަރިސްޓުންނާ" ހަނގުރާމަ ކުރުމަށް ކަމަށް ޖެނެރަލް ވިދާޅުވި އެވެ. އަދި މިޔަންމާގައި އިންތިހާބެއް ބާއްވާ "މޮޅުވާ ޕާޓީ" އަކާ ގައުމުގެ ބާރުތައް ހަވާލު ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ނަމަވެސް މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ އެކު މިފަދަ އިންތިހާބެއް އޮންނާނެ އިރެއް އަދި އެނގިފައެއް ނުވެ އެވެ.

ދެވަނަ ބޮޑު ހަނގުރާމައިގައި ޖަޕާނުން ކުރިއަށް ގެންދިޔަ އުދުވާނާ ދެކޮޅަށް މިޔަންމާގައި ގާއިމު ކުރެވުނު އަސްކަރިއްޔާގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ހަފްލާގައި ޗައިނާ އާއި ރަޝިޔާގެ އޮފިޝަލުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ދުނިޔޭގެ މަސްރަހުގައި ގިނަ ގޮތްގޮތުން އެކަހެރިކޮށްފައި އޮތް މިޔަންމާއާ އެކު ޗައިނާ އާއި ރަޝިޔާއިން އަންނަނީ މެދު ކެނޑުމެއް ނެތި ގުޅުންތައް ބާއްވަމުން ނެވެ. އަދި މިޔަންމާގެ ރައްޔިތުންނާ ދެކޮޅަށް ރަހުމުކުޑަ ލޭ އޮހޮރުވުންތަކެއް ހިންގަމުން އަންނަ ޖެނެރަލް މިންގެ އަސްކަރިއްޔާއަށް ޗައިނާ އާއި ރަޝިޔާއިން އަންނަނީ ހަތިޔާރު ވެސް ފޯރުކޮށްދެމުން ނެވެ. 

އެގޮތުން ވެރިރަށުގައި އޮތް މި ޕެރޭޑުގައި ރަޝިޔާގެ އެމްއައި35 މަރުކާގެ ގަންޝިޕްތަކާއި، ޗައިނާގެ ކޭ8 މަރުކާގެ ހަމަލާދޭ މަތިންދާބޯޓުތަކާއި މިފަހުން ބެއިޖިންގް އިން ގަނެފައިވާ އެފްޓީސީ2000 ޖެޓުތައް ވަނީ ދައްކާލެވިފަ އެވެ. 

އާންމުން ބައިބޯ ސަރަހައްދަކަށް މިޔަންމާގެ އަސްކަރިއްޔާ އިން މިފަހުން އެޅި ބޮންތަކާ ގުޅިގެން އެމެރިކާއިން ވަނީ މިޔަންމާގެ އަސްކަރިއްޔާއަށް ޖެޓް ފިއުލް ހޯދޭނެ ދޮރުތައް ބަންދުކުރުމަށް މިިދިޔަ ހުކުރު ދުވަހު ދަތިކުރުމުގެ ފިޔަވަޅުތަކެއް ތައާރަފުކޮށްފަ އެވެ.

މިޔަންމާގެ އަސްކަރިއްޔާގެ މައްޗަށާއި އަސްކަރީ ވަކިިވަކި މެމްބަރުންގެ މައްޗަށް ހުޅަނގުން ވަނީ ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް