ސައުދީ އާއި އީރާނުގެ ބަދަހިވަމުން އަންނަ ގުޅުންތަކާ އެކު މެދު އިރުމައްޗަށް ބޮޑެތި ބަދަލުތަކެއް އަންނާނޭ ކަމަށް ބެލެވޭ.

މެދު އިރުމަތި

ސައުދީ އާއި އީރާނުގެ ހާރިޖީ ވަޒީރުންގެ އިތުރު ބައްދަލުވުމެއް ބާއްވަނީ

ސައުދީ-އީރާނުގެ ގުޅުންތައް ބަދަހިވަމުން އަންނަ ވަރަކަށް މެދުއިރުމައްޗަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ވަނީ ބެލެވިފައި

ޗައިނާ މެދުވެރިއަކަށްވެ، މީގެ ދެހަފްތާ ކުރިން ސައުދީ އަރަބިއްޔާ އާއި އިރާނުން ގުޅުންތައް ބަދަހިކުރުމަށް ވީ އެއްބަސްވުން ތަންފީޒު ކުރުމަށް މި ރަމަޟާން މަހުގެ ތެރޭ ދެ ގައުމުގެ ހާރިޖީ ވަޒީރުން ބައްދަލުކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ. 

ސައުދީ އަދި އީރާނުގެ ހާރިޖީ ވަޒީރުން މިގޮތަށް އެއްބަސްވެފައި ވަނީ މި ހަފްތާ ތެރޭ ދެވަނަ ފަހަރަށް ފޯނުން ވާހަކަދައްކަވަމުން ކަމަށް ރަސްމީ ސައުދީ ޕްރެސް އެޖެންސީ (އެސްޕީއޭ) އިން މިދައު މައުލޫމާތު ދިނެވެ.

"ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާއާ އެކު ވެވުނު ތިން ޕާޓީ ހިމެނޭ އެއްބަސްވުމުގެ ދަށުން އާންމު ގިނަ މައްސަލަތަކާ ބެހޭގޮތުން މިކޯލުގައި މަޝްވަރާ ކުރެވުނު" ކަމަށް އެސްޕީއޭ އިން ބުނެފައިވެ އެވެ.

އަދި "މިހާރު ކުރިއަށް މިދާ ރަމަޟާން މަހު ދެ ވަޒީރުން ބައްދަލުކުރުމަށް އެއްބަސްވެވަޑައިގެންނެވި" ކަމަށް އެސްޕީއޭ އިން ރިޕޯޓުކޮށްފައިވެ އެވެ. ނަމަވެސް މި ބައްދަލުވުން އޮންނާނެ ތާރީހަކާއި ތަނެއް އެ އިދާރާއިން ހާމަކޮށްފައެއް ނުވެ އެވެ. 

މި ބައްދަލުވުމަކީ ހަތް އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު ދެގައުމުގެ މެދުގައި ގުޅުންތައް އަލުން ގާއިމު ކުރުމަށް ދެން އަޅަން ޖެހޭ ފިޔަވަޅުކަމަށް ސައުދީގެ އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ. 

ރިޔާދުން ތެހެރާނާ އެކު އޮތް ރަސްމީ ގުޅުންތައް ކަނޑާލާފައި ވަނީ ޝީއީ މުސްލިމް ލީޑަރު ނިމްރް އަލް-ނިމްރުގެ މައްޗަށް ސައުދީގައި މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅިގެން ތެހެރާނުގައި މުޒާހަރާކޮށް، ބަޔަކު ސައުދީގެ އެމްބަސީއަށް ވަދެ ހަމަނުޖެހުން ހިންގުމާ ގުޅިގެންނެވެ.

އީރާނާއި ސައުދީގެ ހާރިޖީ ވަޒީރުން މި ރޯދަމަހު ބައްދަލުކުރުމަށް ހަމަޖެހުމާ ގުޅޭ (ވީޑިއޯ/ވިއޯން)

މިމަހު ސައުދީ އަރަބިއްޔާ އާއި އީރާނުން ސޮއިކުރި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި ދެގައުމުގައި އެމްބަސީތައް ގާއިމު ކުރެވިގެން ދާނެ އެވެ. އަދި މީގެ އިތުރުން އިގްތިސާދީ ރޮނގުންނާއި ސަލާމަތީ ރޮނގުން ގުޅިގެން މަސައްކަތް ކުރުމަށް މީގެ 20 އަހަރު ކުރިން ވެފައި އޮތް އެއްބަސްވުމެއް އިއާދަކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ސައުދީގެ ރަސްގެފާނު ސަލްމާން އީރާނުގެ ރައީސް އިބްރާހީމް ރައީސީ ސައުދީއަށް ވަޑައިގެންނެވުމަށް ދައުވަތެއް އަރުވާފައިވާ ކަމަށް މިމަހުގެ 19 ވަނަ ދުވަހު ތެހެރާނުގެ އޮފިޝަލެއް ވަނީ ހާމަކުރައްވާފަ އެވެ. ނަމަވެސް މި ދައުވަތު ރިޔާދުން އަދި ޔަގީން ކޮށްދީފައެއް ނުވެ އެވެ.

މެދު އިރުމަތީގައި ނުފޫޒުގަދަ މި ދެގައުމުގެ ގުޅުންތައް ބަދަހިވަމުން އަންނަ ވަރަކަށް މި ސަރަހައްދަށް ބޮޑެތި ބަދަލުތަކެއް އަންނާނޭ ކަމަށް ވަނީ ބެލެވިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް