ރާހުލް ގާންދީ ކޯޓުން ނުކުމެ ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ. (ފޮޓޯ/ ރޮއިޓާސް

އިންޑިއާ

އިއްވީ ސިޔާސީ ހުކުމެއް؛ ފަހަތަކަށް ނުޖެއްސޭނެ: ރާހުލް ގާންދީ

އިންޑިއާގެ އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީގެ ގާނޫނު ހަދާ މަޖިލީހުގެ ގޮނޑި ގެއްލުވާލީ ސިޔާސީ މަގްސަދެއްގައި ކަމަށް އޭނާ އިއްޔެ ވިދާޅުވެއްޖެ އެވެ.

އަބުރުގެ މައްސަލައެއްގައި ރާހުލް ދެ އަހަރަށް ޖަލަށް ލުމަށް މިދިޔަ ބުރާސްފަތި ދުވަހު ހުކުމް ކުރިތާ 24 ގަޑިއިރު ނުވަނީސް ގާނޫނު ހަދާ މަޖިލީހުން އޭނާވަނީ މިދިޔަ ހުކުރު ދުވަހު ވަކިކޮށްފަ އެވެ.

އޭނާގެ ގޮނޑި ގެއްލުވާލީ ކަފާލާތުގެ ދަށުން ދޫކޮށްލައި ހުކުމް އިސްތިއުނާފު ކުރުމަށް 30 ދުވަސް ދީފައިވަނިކޮށެވެ.

އޭނާގެ މައްޗަށް ކޯޓުން ހުކުމް ކުރީ 2019 ވަނަ އަހަރު ބޭއްވި އިންތިހާބީ އެއްވުމެއްގައި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ނަމާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ.

ވެރިކަން ކުރާ ބީޖޭޕީން ބުނަނީ ރާހުލް ބޭރުކުރީ މަޖިލީހުގެ އުސޫލާ އެއްގޮތަށް ކަމަށެވެ.

ސުޕްރީމް ކޯޓުން 2013 ވަނަ އަހަރު ނެރުނު އަމުރެއްގައި ބުނެފައި ވަނީ، ކުށެއް ސާބިތުވެ ދެ އަހަރު ނުވަތަ އެއަށް ވުރެ ގިނަ ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ މެންބަރެއްގެ ގޮނޑި ވަގުތުން ގެއްލޭނެ ކަމަށެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރާހުލް ވިދާޅުވީ އޭނާ "ޑިސްކޮލިފައި ކުރުމަކީ އެއްވެސް އަސާސެއް ނެތް" ކަމެއް ކަމަށެވެ.

"އަހަރެންގެ މުޅި ހަޔާތަށް ވެސް ގާނޫނު ހަދާ މަޖިލީހުން މަނާކުރޭ. އަހަރެން ހުއްޓުވައެއް ނުލެވޭނެ،" ރާހުލް ވިދާޅުވި އެވެ.

އިންޑިއާގެ އިދިކޮޅު ޕާޓީތަކުން އަބަދުވެސް ސިޔާސީ ކަންކަމުގައި އެއްބަސް ނުވި ނަމަވެސް، ރާހުލްގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅުމުން ގިނަ ބަޔަކު ދަނީ އޭނާއަށް ތާއީދު ކުރަމުންނެވެ. މިދިޔަ ހުކުރު ދުވަހު 14 ޕާޓީއަކުން ވަނީ ސުޕްރީމް ކޯޓަށް ޝަކުވާއެއް ހުށަހަޅާފަ އެވެ. އެ ޝަކުވާގައި ބުނެފައިވަނީ، ބީޖޭޕީގެ ވާދަވެރިންނަށް އަމާޒުކޮށް ސަރުކާރުން ތަހުގީގީ އިދާރާތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ކަމަށެވެ.

ކޮންގްރެސް ޕާޓީގެ ރައީސް މަލިކާރްޖުން ހަރްގޭ ތުހުމަތު ކުރެއްވި ގޮތުގައި، ރާހުލްއާ ދެކޮޅަށް އެޅި ފިޔަވަޅަކީ މޯދީއާ ގާތް ގުޅުމެއް އޮންނަ ބިލިއަނަރު ގައުތަމް އަދާނީގެ ވިޔަފާރި ގުރޫޕުގެ މައްޗަށް ކުރެވޭ ތުހުމަތުތައް ބެލުމަށް ގާނޫނު ހަދާ މަޖިލީހުން ތަހުގީގެއް ހިންގުމަށް ރާހުލް ގޮވާލެއްވުމުގެ ނަތީޖާ އެވެ.

މި އަހަރުގެ ކުރީކޮޅު އެމެރިކާގެ ޝޯޓް ސޭލާ، ހިންޑެންބާގް ރިސާޗުން ވަނީ ހިއްސާގެ އަގާއި ހިއްސާ އެކަށައެޅިފައިވާ ގޮތް އޮޅުވާލުމާއި މާލީ ހިސާބުތައް އޮޅުވާލުމުގެ ތުހުމަތު އަދާނީ ގްރޫޕަށް ކޮށްފަ އެވެ. އަދާނީ ގުރޫޕުން ވަނީ މާލީ ހިޔާނާތުގެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.

"އަޅުގަނޑަށް ފެންނަ ގޮތުގައި އަޅުގަނޑުގެ މަސައްކަތަކީ މި ގައުމުގެ ޑިމޮކްރެޓިކް ސިފަ ދިފާއު ކުރުން،" ގޮނޑި ގެއްލުނުކަން ކަނޑައެޅި ފަހުން ރާހުލް ދެއްވި ފުރަތަމަ ބަޔާނުގައި ވިދާޅުވި އެވެ.

"އޭގެ މާނައަކީ މި ގައުމުގެ މުއައްސަސާތައް ދިފާއުކުރުން. އޭގެ މާނައަކީ މި ގައުމުގެ ފަގީރުންގެ އަޑު ދިފާއުކުރުން. އޭގެ މާނައަކީ އަދާނީގެ ހަގީގަތް އާންމުންނާ ހަމައަށް ތިލަކޮށްދިނުން. އަޅުގަނޑު ޑިސްކޮލިފައި ކުރީ އަދާނީއާ ބެހޭ ގޮތުން ދެން އޮންނަ ތަގުރީރަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ބިރުފުޅުގަންނާތީ."

ރާހުލްގެ ސަޕޯޓަރުން ބުނަނީ އޭނާގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅުމަކީ އިންޑިއާގެ ޑިމޮކްރެޓިކް ނިޒާމު ބަލިކަށިވަމުންދާ ކަމުގެ ނިޝާނެއް ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ސަރުކާރާ ދެކޮޅަށް އިތުރު މުޒާހަރާތަކެއް ކުރަން ރާވާފައިވާ ކަމަށެވެ.

އޭނާގެ މައްޗަށް އިއްވާފައިވާ ހުކުމް ސަސްޕެންޑް ކޮށްގެން ނޫނީ ނުވަތަ އެ މައްސަލައިން ބަރީއަވެގެން ނޫނީ އަންނަ އަހަރު ބާއްވާ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބުގައި ބައިވެރިވެވަޑައެއް ނުގެންނެވޭނެ އެވެ.

ނަމަވެސް، ވެރިކަން ކުރާ ބީޖޭޕީ އިން ބުނީ ރާހުލްގެ ގޮނޑި ގެއްލޭ ކަމަށް ނިންމީ ބަރުލަމާނީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި އެ ހުކުމާ މެދު ސުވާލު އުފައްދާތީ ވަނީ ދެކޮޅުހަދައިފަ އެވެ.

ލޭބާ މިނިސްޓަރު ބޫޕެންދަރު ޔާދަވް ވިދާޅުވީ ރާހުލް ވަނީ "މޯދީ"ގެ ނަން ކިޔާ އެންމެންނަށް އިހާނެތިކޮށް ވާހަކަދައްކަވާފައި ކަމަށެވެ.

"އެއްވެސް ނަމަކާ މެދު އިހާނެތިކޮށް ހިތުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް، ރާހުލްގެ ހުކުމާ މެދު ބައެއް ތަޖުރިބާކާރުން ވަނީ ސުވާލު އުފައްދައިފަ އެވެ.

ޔުނިވާސިޓީ އޮފް މިޝިގަންގެ އެސޯސިއޭޓް ޕްރޮފެސަރު އޮފް އިންފޮމޭޝަން ޖޮޔޯޖީތު ޕާލް ވިދާޅުވީ ރާހުލް ފަދަ ފުރަތަމަ ފަހަރަށް ހުކުމް ސާބިތުވި ބޭފުޅަކަށް ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމަކީ ވަރަށް އާދަޔާ ހިލާފު ކަމެއް ކަމަށެވެ.

"އިންޑިއާގެ ދަށު ދަރަޖައިގެ ސިޔާސީ ބޭފުޅުންނާއި މަޖިލިސް މެމްބަރުންނަކީ ވެސް ސޯޝަލް މީޑިއާ އާއި އެ ބޭފުޅުންގެ އާންމު ޖަލްސާތަކުގައި ހަރުކަށި ވާހަކަތައް ދައްކަވާ ބޭފުޅުން. މިއީ މައިގަނޑު ގޮތެއްގައި މޯދީއަށް ގޮންޖައްސަވާ ފަރާތް މަގާމުން ދުރުކުރުމުގެ ފިޔަވަޅެއް،" އޭނާ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް