Majlis 2024

500 ކިލޯމީޓަރުގެ ރާސްތާއެއް ހުންނަ އިސްކަންދަރު މަރުކާގެ މިސައިލެއް.

ރަޝިޔާ

ރަޝިޔާއިން ބެލަރޫސްގައި ނިއުކްލިއާ ހަތިޔާރު ބަހައްޓަން ނިންމައިފި

މި ހަތިޔާރުތަކުގެ ކޮންޓްރޯލު އޮންނާނީ ކްރެމްލިންއަށް ކަމަށް ޕޫޓިން ވިދާޅުވި

ރަޝިޔާއިން ބެލަރޫސްގައި ޓެކްޓިކަލް ނިއުކްލިއާ ހަތިޔާރު ބަހައްޓަން ނިންމާފައިވާ ކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވިދާޅުވެއްޖެ އެވެ.

ޕޫޓިން ވިދާޅުވީ ނިއުކްލިއާ ހަތިޔާރު އިތުރުކުރުން ހަލުވިކަމާ އެކު މަނާކުރުމަށް ހަދާފައިވާ އެއްބަސްވުންތަކާ ރަޝިޔާގެ މި ނިންމުން ފުށުނާރާ ކަމަށެވެ. އަދި މިއީ އެމެރިކާއިން ޔޫރަޕުގައި އެ ގައުމުގެ ހަތިޔާރުތައް ބެހެއްޓުން ފަދަ ކަމެއް ކަމަށް ޕޫޓިން ސިފަކުރެއްވި އެވެ.

ބެލަރޫސްގައި ބަހައްޓާ ނިއުކްލިއާ ހަތިޔާރުގެ ކޮންޓްރޯލު ބެލަރޫސް އަށް ނުދޭނެ ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.

ބެލަރޫސްގެ ލީޑަރު އެލެގްޒޭންޑާ ލުކަޝެންކޯ އަކީ ޕޫޓިންއާ ވަރަށް ގާތް ބޭފުޅެކެވެ. ލުކަޝެންކޯ ވަނީ ރަޝިޔާއިން ޔޫކްރެއިނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް ތާއީދުކުރައްވައި މޮސްކޯގެ ފައުޖުތައް ބެލަރޫސްގެ ސަރަހައްދުތަކުގައި ހަރަކާތްތެރި ވުމަށް ވެސް ފުރުސަތު ދެއްވައިފަ އެވެ. 

ބެލަރޫސްގައި ޓެކްޓިކަލް ނިއުކްލިއާ ހަތިޔާރު ގާއިމު ކުރުމާ މެދު ލުކަޝެންކޯ ތަކުރާރުކޮށް ސުވާލު ކުރައްވަމުން ގެންދަވާ ކަމަށް ރަޝިޔާ ސަރުކާރުގެ ޓީވީއަށް ޕޫޓިން އިއްޔެ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

"މިތާކު ނެތް އާދަޔާހިލާފު ކަމެއް،" ޕޫޓިން ވިދާޅުވި އެވެ. "ފުރަތަމަ ކަމަކީ އެމެރިކާއިން މިކަން މިގޮތަށް ކުރާތާ އެތައް އަހަރެއް ވެއްޖެ. ރަހުމަތްތެރި ގައުމުތަކުގެ ސަރަހައްދުތަކުގައި އެމީހުން ވަނީ ޓެކްޓިކަލް ނިއުކްލިއާ ހަތިޔާރުތައް ގާއިމުކޮށްފައި."

ޕޫޓިން ވިދާޅުވީ ބެލަރޫސްގައި މިފަދަ ހަތިޔާރުތައް ގާއިމުކޮށް ރައްކާކުރެވޭނެ ތަނެއް އަންނަ ޖުލައި މަސް ފެށުމުގެ ކުރިން ގާއިމު ކުރާނެ ކަމަށެވެ. އަދި ނިއުކްލިއާ ހަތިޔާރު ލޯންޗުކުރުމަށް ބޭނުން ކުރާ އިސްކަންދަރު މަރުކާގެ މިސައިލު ނިޒާމުތަކެއް ބެލަރޫސް އަށް ގެންގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް