ސްވީޑެންގެ އެއާފޯސް ސާބް ޖޭއޭއެސް 39 ގްރިޕެން ފައިޓާ ޖެޓެއް.
ރަޝިޔާގެ ނުރައްކަލާ ހެދި ނޯޑިކް ގައުމުތަކުން ވައިގެ ދިފާއީ ގުޅުމަކަށް
ރަޝިޔާގެ ނުރައްކަލާ ހެދި ނޯޑިކް ވައިގެ ސަރަހައްދު ދިފާއު ކުރުމުގެ މަސައްކަތް ގުޅިގެން ކުރުމަށް ނިންމައި އެކަމާ ބެހޭ ލިޔުމެއްގައި ސޮއި ކޮށްފައިވާ ކަމަށް ސްވީޑެން، ނޯވޭ، ޑެންމާކު އަދި ފިންލެންޑުގެ އެއާފޯސް ކޮމާންޑަރުން ހާމަކުރައްވައިފި އެވެ.
މި އެއްބަސްވުމުގެ ބޭނުމަކީ ނޭޓޯއިން މިހާރު ވެސް މިފަދަ ދިފާއީ ހަރަކާތްތައް ކުރިއަށް ގެންދާ ގޮތާ އެއްގޮތަށް ނޯޑިކް ސަރަހައްދުގައި މި މަސައްކަތް ގުޅިގެން ފެށުން ކަމަށް މި ހަތަރު ގައުމުގެ އަސްކަރިއްޔާއިން ބުންޏެވެ.
އަދި މިފަދަ ފިޔަވަޅެއް އެޅުމަށް ނިންމީ މިދިޔަ އަަަހަރުގެ ފެބްރުއަރީ މަހު ރަޝިޔާއިން ޔޫކްރެއިނާ ދެކޮޅަށް ހަނގުރާމަ ފެށުމުން ކަމަށް ޑެންމާކުގެ ވައިގެ އަސްކަރިއްޔާގެ މޭޖާ ޖެނެރަލް ޖަން ޑާމް ރޮއިޓާސް އަށް ވިދާޅުވި އެވެ.
"އަހަރެމެންގެ ގުޅިފައިވާ ލަޝްކަރު ޔޫރަޕުގެ ބޮޑު ގައުމަކާ އެއްވަރުވާނެ،" ޑާމް ވިދާޅުވި އެވެ.
ނޯޑިކް ގައުމުތަކުގައި ހުރި ފައިޓާ ޖެޓުތަކުގެ އަދަދުތައް:
-
1-
ނޯވޭގައި އެފް-16 މަރުކާގެ 57 ޖެޓު، އެފް-35 މަރުކާގެ 37 ޖެޓު. އަދި އިތުރު 15 ޖެޓެއް އޯޑަރު ކޮށްފައި
-
2-
ފިންލެންޑުގައި އެފް/އޭ-18 ހޯނެޓު މަރުކާގެ 62 ޖެޓު، އެފް-35ގެ 64 ޖެޓު
-
3-
ޑެންމާކުގައި އެފް-16ގެ 58 ޖެޓު އަދި އެފް-35ގެ 27 ޖެޓު އޯޑަރު ކޮށްފައި
-
4-
ސްވީޑެންގައި 90 އަށް ވުރެ ގިނަ ގްރިޕެން ޖެޓު
ނަމަވެސް މީގެ ތެރެއިން އޮޕަރޭޝަނަލް ޖެޓުތަކުގެ އަދަދެއް ހާމަކޮށްފައެއް ނުވެ އެވެ.
ނޯޑިކްގެ ގައުމުތައް ގުޅިގެން ވައިގެ ސަރަހައްދު ދިފާއު ކުރުމުގެ މަސައްކަތާ ބެހޭ ލިޔުމުގައި ސޮއި ކޮށްފައި ވަނީ ޖަރުމަނުވިލާތުގައި ހުންނަ ނޭޓޯގެ ރަމްސްޓެއިން ވައިގެ މަރުކަޒުގައި މިދިޔަ ހަފްތާގަ އެވެ. ނޭޓޯގެ އެއާ ކޮމާންޑުގެ ވެރިޔާ ޖެނެރަލް ޖޭމްސް ހެކާ ވަނީ މި މުނާސަބަތުގައި ބައިވެރިވެވަޑައިގެންފަ އެވެ.