Majlis 2024

ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯގައި މިދިޔަ އަހަރު ކުރި މުޒާހަރާއެއްގެ ތެރެއިން. (ފޮޓޯ/ރޮއިޓާސް

ސްރީ ލަންކާ

އައިއެމްފުން ލަންކާއަށް ދިން ފުރަތަމަ ފައިސާގެ ބައެއް އިންޑިއާގެ ލޯނަށް ދައްކައިފި

އިގްތިސާދީ އަނދަވަޅަކަށް ވެއްޓިފައިވާ ސްރީ ލަންކާއަށް ދިނުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ފާސްކޮށްފައިވާ 3.2 ބިލިއަން ޑޮލަރުގެ ބެއިލްއައުޓް ޕްރޮގްރާމުގެ ދަށުން މިދިޔަ ހަފުތާގައި ދޫކުރި ފުރަތަމަ 330 މިލިއަން ޑޮލަރުގެ ތެރެއިން 121 މިލިއަން ޑޮލަރު، ލަންކާ އިން އިންޑިއާ އަތުން ނަގާފައިވާ ލޯނުތަކުގެ ބައެއް ދެއްކުމަށް ހަރަދުކޮށްފި އެވެ.

ލަންކާގެ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ރަންޖީތު ސިޔާމްބަލަޕިޓިއާ ވަނީ ލަންކާގެ ނޫސްތަކަށް އިއްޔެ އެކަން ކަށަވަރުކޮށްދެއްވާފަ އެވެ. އޭނާ ވިދާޅުވީ އެ ފައިސާ ދެއްކީ އިންޑިއާ އިން ދީފައިވާ ކްރެޑިޓް ލައިނަށް ދައްކަން ޖެހޭ އިންސްޓޯލްމަންޓް ފައިސާ ހަމަޖެއްސުމަށް ކަމަށެވެ.

ލަންކާގެ އިގްތިސާދީ ސިޔާސަތުތަކާއި އިސްލާހުތަކަށް އެހީތެރިވުމުގެ ގޮތުން ދޭ 3.2 ބިލިއަން ޑޮލަރުގެ ބެއިލްއައުޓް ޕެކޭޖުގެ އެއްބަސްވުމުގައި އައިއެމްއެފާއި ލަންކާ ސަރުކާރާ ދެމެދު ސޮއިކުރީ މިދިޔަ ހޯމަ ދުވަހު އެވެ. އެ ފައިސާ ދޫކުރާނީ 48 މަހަށް ބަހާލައިގެންނެވެ.

އައިއެމްއެފްގެ ބެއިލްއައުޓްގެ ސަބަބުން ވޯލްޑް ބޭންކާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް ފަދަ އެހެނިހެން މާލީ އިދާރާތައް މެދުވެރިކޮށް އިތުރު 3.75 ބިލިއަން ޑޮލަރުގެ އެހީ ލަންކާއަށް ލިބޭނެ ކަމަށް ބެލެވެ އެވެ. މިއީ ލަންކާގެ 84 ބިލިއަން ޑޮލަރުގެ ދައުލަތުގެ ދަރަނީގެ ބޮޑު ބައެއް ހަމައަކަށް އަޅުވައި އިގުތިސާދު އަލުން އާރާސްތުކުރުމުގެ މަގު ތަނަވަސްކޮށްދޭނެ ޕެކޭޖެކެވެ.

މިއީ، ލަންކާގައި ޒަމާނުއްސުރެ ހިނގަމުން ދިޔަ ދާހިލީ ހަނގުރާމަ 2009 ވަނަ އަހަރު ނިމުމަކަށް ގެނައި ފަހުން، އައިއެމްއެފުން ލަންކާއަށް ދިން ތިން ވަނަ އަދި އެ ގައުމުން ހޯދި ޖުމްލަ 17 ވަނަ ބެއިލްއައުޓް ޕްރޮގްރާމެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާއި ޓެކްސް ކަނޑާލުން ފަދަ ސިޔާސަތުތަކުގެ ސަބަބުން ލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުގެ ސަބަބުން މިދިޔަ އަހަރުގެ ކުރީކޮޅު ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ޑޮލަރުގެ ދަތިކަން ކުރިމަތިވެ، ފާއިތުވި 70 އަހަރު ދުވަހުގެ ތެރޭގައި ލަންކާއަށް ކުރިމަތިވި އެންމެ ބޮޑު މާލީ ކާރިސާގެ ތެރެއަށް އެ ގައުމު ވެއްޓުނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް