އެމެރިކާ އަސްކަރިއްޔާގެ މަނަވަރު ޔޫއެސްއެސް މިލިއަސް.

ޗައިނާ

ދެކުނު ޗައިނާ ކަނޑުން ބޭރުވުމަށް އެމެރިކާގެ މަނަވަރަކަށް ޗައިނާއިން އިންޒާރު ދީފި

ދެކުނު ޗައިނާ ކަނޑުގައި ޗައިނާގެ އަސްކަރިއްޔާއާ އެހެން ގައުމުތަކުގެ އުޅަނދުތަކާ ހިނގާ ހާދިސާތައް އަންނަނީ އިތުރުވަމުން

ދެކުނު ޗައިނާ ކަނޑުގައި ޗައިނާގެ ބައެއް ކަމަށް ބެއިޖިންގް އިން ދައުވާ ކުރާ ސަރަހައްދެއްގައި ދަތުރުކުރަމުން ދިޔަ އެމެރިކާގެ މަނަވަރަކަށް އެ ސަރަހައްދުން ބޭރުވުމަށް އަންގައި އިންޒާރު ދީފައިވާ ކަމަށް ޗައިނާގެ އަސްކަރިއްޔާއިން ބުނެެފި އެވެ.

ދެކުނު ޗައިނާ ކަނޑުގައި ބެއިޖިންގް އިން ހިއްކައި އަސްކަރީ ބޭސްތަކެއް ގާއިމުކޮށްފައިވާ ޕަރަސެލް އައިލެންޑްސް ރަށްތައް ކައިރިން ދަތުރު ކުރަމުން ދިޔަ އެމެރިކާ އަސްކަރިއްޔާގެ ޔޫއެސްއެސް މިލިއަސް މަނަވަރަށް އިންޒާރު ދީފައިވާ ކަމަށް ޗައިނީސް ޕީޕަލްސް ލިބެރޭޝަން އާމީ (ޕީއެލްއޭ) އިން ބުނެފައި ވަނީ މިއަދު ނެރުނު ބަޔާނެއްގަ އެވެ. 

ޕީއެލްއޭ އިން ވަނީ "ގާނޫނީ އިމުގެ ތެރެއިން ކަނޑާއި ވައިގެ ބާރުތައް ބޭނުންކޮށް [މި މަނަވަރުގެ] ހަރަކާތްތައް ބަލާ އެ ސަރަހައްދުން ދިޔުމަށް އިންޒާރު ދީފައި،" ސަދަން ތިއޭޓާ ކޮމާންޑުގެ ތަރުޖަމާނު ޓިއަން ޖުންލީ ވިދާޅުވި އެވެ.

އެމެރިކާގެ މި އުޅަނދު "ޗައިނާގެ ސަރަހައްދުގެ ތެރެއަށް ވަދެފައި ވަނީ ގާނޫނާ ހިލާފަށް... ޗައިނާ ސަރުކާރުގެ ހުއްދައެއް ނެތި" މި ސަރަހައްދުގެ "ސުލްހަމަސަލަސްކަމާއި ހަމަޖެހުމަށް ބުރޫ އަރާ" ފަދަ ގޮތަކަށް ކަމަށް ޖުންލީ ވިދާޅުވި އެވެ.

އަދި ދެކުނު ޗައިނާ ކަނޑުގައި ސުލްހަމަސަލަސްކަމާއި ހަމަޖެހުން ދަމަހައްޓާ، ސާބިތުކަމާ އެކު ގައުމީ ސިޔާދަތު ރައްކާތެރިކުރުމަށް އަސްކަރީ ބާރުތަކުން އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އަޅާ، ހުރިހާ ވަގުތުތަކެއްގައި އެލާޓުވެ ދެމި ތިބޭނެ ކަމަށް ވެސް ޖުންލީ ވިދާޅުވި އެވެ.

އެމެރިކާގެ އަސްކަރިއްޔާއިން މިއަދު ޕީއެލްއޭގެ ބަޔާން ދޮގުކޮށް ބުނެފައިވަނީ ދެކުނު ޗައިނާ ކަނޑުގައި އެމެރިކާގެ މަނަވަރު ހަރަކާތްތެރި ވަމުން ދިޔައީ "އާންމު އޮޕަރޭޝަންތަކެއްގައި" ކަމަށާއި ޗައިނާގެ އެއްވެސް މަނަވަރަކުން ޔޫއެސްއެސް މިލިއަސް ބޭރުކޮށްލާފައި ނުވާ ކަމަށެވެ.

އަދި "ބައިނަލްއަގްވާމީ ގާނޫނުތައް ހުއްދަ ދޭ ކޮންމެ ތަނެއްގައި އެމެރިކާއިން އޮޕަރޭޓު ކުރަމުން ގެންދާނެ" ކަމަށް އެމެރިކާ ކަނޑުގެ ލަޝްކަރުގެ 7 ވަނަ ފްލީޓުން ބުނެފައިވެ އެވެ.

ގިނަ ގައުމުތަކަކުން މިލްކުވެރިކަމަށް ދައުވާ ކުރަމުންދާ ސަރަހައްދުގައި ޕަރަސެލް އައިލެންޑްސް އާއި ސްޕްރެޓްލީ އައިލެންޑްސް އޮންނަތަން.

ގާތްގަނޑަކަށް މުޅި ދެކުނު ޗައިނާ ކަނޑަކީ ޗައިނާގެ ސަރަހައްދެއް ކަމަށް ބެއިޖިންގް އިން ދައުވާ ކުރާ އިރު ބައިނަލްއަގްވާމީ ކޯޓަކުން ވަނީ މި މައްސަލަ ބަލައި ޗައިނާއަށް އެގޮތަށް ދައުވާ ކުރެވޭނެ ޖާގައެއް ނެތް ކަމަށް 2016 ވަނަ އަހަރު ނިންމާފަ އެވެ.

ޗައިނާގެ އިތުރުން މި ސަރަހައްދާ މެދު ދައުވާ ކުރާ ގައުމުތަކުގެ ތެރޭގައި ފިލިޕީންސް، ވިއެޓްނާމް، މެލޭޝިއާ އަދި ބްރޫނާއީ ހިމެނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް