އިޝްތިހާރު

ޗައިނާގެ މޯލެއްގެ ތެރޭގައި އާއިލާއަކުން މަޖާކުރަނީ. (ފޮޓޯ/ރޮއިޓާސް

ޗައިނާ

ޗައިނާގެ އާބާދީ އިތުރުކުރުމަށް ކެމްޕޭނެއް ފަށައިފި

ޗައިނާގެ އާބާދީ ދަށަށް ދާތީ އެ ގައުމުގައި އުފަންވާ ކުދިންގެ ނިސްބަތް އިތުރު ކުރުމަށް 20އަށް ވުރެ ގިނަ ރިކޮމެންޑޭޝަން ހުށަހަޅައިފަ އެވެ.

ނަމަވެސް، ތަޖުރިބާކާރުން ބުނަނީ ޗައިނާއަށް އެޅޭނެ އެންމެ ރަނގަޅު ފިޔަވަޅަކީ އާބާދީ ދަށަށް ދާ ނިސްބަތް މަދުކުރުން ކަމަށެވެ.

ނަވާރަސަތޭކަ އަށްޑިހަ ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ދެމެދު ޗައިނާއިން ގެންގުޅުނު އާއިލާއަކަށް އެއް ކުއްޖެއްގެ ސިޔާސަތުގެ ސަބަބުން، ޗައިނާގެ އާބާދީ ވަނީ ވަރަށް ބޮޑަށް މުސްކުޅިވެފަ އެވެ. ކަމާ ބެހޭ ފަރާތްތަކުން 2021 ވަނަ އަހަރު އެ ލިމިޓް ތިން ކުދިންގެ އަދަދަކަށް އިތުރު ކުރި ނަމަވެސް، ކޮވިޑްގައި ގޭގައި ތިބެންޖެހުމުން ކުދިން ހޯދުމަށް މީހުން ވަނީ ފަސްޖެހިފަ އެވެ.

ކުޑަކުދިން ބެލެހެއްޓުމާއި ތައުލީމުގެ ހަރަދު ބޮޑުވުމާއި އާމްދަނީ ދަށްވުމާއި އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ބަލިކަށިވުމާއި ދެ ޖިންސުގެ ހަމަހަމަކަން ކުޑަވުމަކީ ކުދިން ނުހޯދުމަށް ހިތްވަރު ލިބޭ ސަބަބުތަކެއްގެ ގޮތުގައި ޒުވާނުން ފާހަގަކުރާ ކަންކަމެވެ.

މި މަހުގެ ކުރީކޮޅު ބޭއްވި ޗައިނާގެ ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސް (ސީޕީޕީސީސީ)ގެ އަހަރީ ބައްދަލުވުމުގައި، އުފަންވާ ނިސްބަތް އިތުރުކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުންތަކުގެ ތެރޭގައި، ދަރިން ތަރުބިއްޔަތުކުރާ އާއިލާތަކަށް ދޭ ސަބްސިޑީ އިތުރުކޮށް، ހިލޭ ދޭ އާންމު ތައުލީމު ފުޅާކޮށް، ދަރިމައިވުމުގެ ފަރުވާގެ ފުރުސަތުތައް ހަރުދަނާކުރުން ހިމެނެ އެވެ.

ތަޖުރިބާކާރުން ދެކޭ ގޮތުގައި، މި ހުށަހެޅުންތަކަކީ، ޗައިނާގެ އާބާދީ މުސްކުޅިވަމުންދާ މިންވަރާ މެދު އަވަސް ފިޔަވަޅުތަކެއް އަޅަމުން އަންނަކަމުގެ ރަނގަޅު ނިޝާނެއްގެ ގޮތުގައި ބެލެވެ އެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޗައިނާގެ އާބާދީ 60 އަހަރުގެ ތެރޭގައި މިދިޔަ އަހަރު ފުރަތަމަ ފަހަރު ވަނީ ދަށަށް ގޮސްފަ އެވެ.

އޮސްޓްރޭލިއާގެ ވިކްޓޯރިއާ ޔުނިވާސިޓީގެ ސެންޓާ އޮފް ޕޮލިސީ ސްޓަޑީޒްގެ ސީނިއާ ރިސާޗު ފެލޯ ޝިއުޖިއަން ޕެންގް ވިދާޅުވި ގޮތުގައި ޗައިނާގައި އާބާދީ ދަށަށް ދާ ޓްރެންޑް ބަދަލެއް ނުކުރެވޭނެ އެވެ.

 "އެކަމަކު ދަރިމައިވުމުގެ ސިއްހަތު ކުރިއަރުވާނެ ސިޔާސަތެއް ނުގެންގުޅެފި ނަމަ، ދަރިމައިވުން އިތުރަށް ދަށަށް ދާނެ،" އޭނާ ވިދާޅުވި އެވެ.

ސީޕީޕީސީސީގެ މެމްބަރު ޖިއާންގް ޝެންގްނާން ހުށަހެޅުއްވި ގަރާރެއްގައި ބުނެފައިވަނީ ޒުވާނުން ދުވާލަކު މަސައްކަތް ކުރަނީ އެންމެ އަށް ގަޑިއިރު ކަމަށާއި އެހެންކަމުން "ލޯބީގެ ގޮތުން ގުޅިގެން، ކައިވެނިކޮށް، ދަރިން ހޯދަން" ވަގުތު ލިބޭ ކަމަށެވެ. އޭނާ ވިދާޅުވީ އަންހެނުން ގިނަ އިރު މަސައްކަތް ކުރަން ނުޖެހޭ ސިޔާސަތެއް އޮތުމަކީ ވެސް އެ ކަމަށް މުހިންމު ކަމެއް ކަމަށެވެ.

އަލަތު ދަރިފުޅު ލިބުމުން އިނާޔަތެއް ދިނުމަކީ ދެމަފިރިންނަށް މަދުވެގެން އެއް ކުއްޖަކު ލިބުމަށް ހިތްވަރު ލިބިގެންދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. ގިނަ ޕްރޮވިންސްތަކުން މިހާރު ސަބްސިޑައިޒް ކުރަނީ ދެވަނަ އަދި ތިންވަނަ ދަރިފުޅު އެކަންޏެވެ.

ޒުވާން އާއިލާތަކަށް ކުރިމަތިވެފައިވާ ޕްރެޝަރު ކުޑަކުރުމަށް އެހީތެރިވުމުގެ ގޮތުން ނޭޝަނަލް ހެލްތު ކޮމިޝަން (އެންއެޗްސީ) އިން މިދިޔަ ބުދަ ދުވަހު ޑްރާފްޓް އުސޫލެއް ނެރެފައި ވާއިރު، ޝަރުތު ހަމަވާ ފަރާތްތަކަށް ގިނަވެގެން ތިން އަހަރާ ހަމައަށް ފަސް ކުއްޖަކަށް ޑޭ ކެއާގެ ހިދުމަތް ދޭނެ އެވެ.

މިދިޔަ އަހަރު ޗައިނާގައި އުފަންވި ނިސްބަތް ކޮންމެ 1000 މީހަކަށް 6.77އަށް ވެއްޓުނު އިރު، 2021 ވަނަ އަހަރު އެ އަދަދު އުޅުނީ ކޮންމެ 1000 ކުއްޖަކަށް 7.52 ކުދިންގެ ރޭޓްގަ އެވެ.

ތަޖުރިބާކާރުން އިންޒާރު ދެނީ ޗައިނާ މުއްސަނދިވުމުގެ ކުރިން އާބާދީ މުސްކުޅިވާނެ ކަމަށާއި ޗައިނާގެ މަސައްކަތްތެރިން މަދުވެ ދަރަނިވެރިވެފައިވާ ލޯކަލް ސަރުކާރުތަކުން އެ މީހުންގެ މުސްކުޅި އާބާދީއަށް ބޮޑު ހޭދައެއް ކުރަން ޖެހޭނެ ކަމަށެވެ.

ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސްގެ އެސޯސިއޭޓް ޕްރޮފެސަރު އަރްޖަން ގްޖޮންކާ ވިދާޅުވީ މާލީ އިނާޔަތްތައް ނުފުދޭ ކަމަށާއި ދެ ޖިންސުގެ ހަމަހަމަކަމާއި އަންހެނުންނަށް ވަޒީފާގެ ހައްގުތަކަށް އިސްކަންދޭ ސިޔާސަތުތަކުގެ ސަބަބުން އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށެވެ.

ވަޒީފާ ދޭ ފަރާތުގެ ބަދަލުގައި ސަރުކާރުން ދޭ މެޓާނިޓީ ލީވް ފަދަ ހުށަހެޅުންތަކުގެ ސަބަބުން އަންހެނުންނާ މެދު ކުރެވޭ ތަފާތުކުރުންތައް ކުޑަވެގެންދާނެ އެވެ. ބަފައިންނަށް ދޭ ޗުއްޓީ އިތުރުކުރުމުން ބެލެނިވެރިންގެ މަސްއޫލިއްޔަތުތައް އުފުލުމުގައި ބަފައިންނަށް އޮތް ހުރަހެއް ނައްތާލާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

އިޝްތިހާރު

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް