އިންޑިއާގެ ޓެކްސް އޮފިޝަލުން ބީބީސީގެ އޮފީސްތައް ބަލާފާސް ކުރިއިރު ފުލުހުން ވަނީ އެ ތަންތަނުގެ ބޭރުގައި ފޯރިމަރާފައި (ފޮޓޯ/ރޮއިޓާސް)

ބިރެއް ނެތި ރިޕޯޓު ކުރުމަށް ބީބީސީގެ ޑިރެކްޓަ ޖެނެރަލް މުވައްޒަފުންނަށް ގޮވާލައްވައިފި

މޯދީއާ ގުޅޭ ބީބީސީ ޑޮކިއުމެންޓްރީއަށް ފަހު އިންޑިއާގެ ޓެކުހާ ބެހޭ އިދާރާއިން ވަނީ ބީބީސީގެ އިންޑިއާ އޮފީސްތައް ބަލާ ފާސްކޮށްފައި
24 ފެބްރުއަރީ 2023

ބީބީސީ އިން އެއްވެސް ބިރެއް އަދި ރުހުން ހޯދުމެއް ނެތި ރިޕޯޓުކުރުން ހުއްޓާނުލާނެ ކަމަށް ޑިރެކްޓަ ޖެނެރަލް ޓިމް ޑޭވީ އިންޑިއާގައި ތިބި މުވައްޒަފުންނަށް ފޮނުއްވި އީމެއިލެއްގައި ވިދާޅުވެއްޖެ އެވެ. 

ޑޭވީ މިގޮތަށް ވިދާޅުވެފައި މިވަނީ އިންޑިއާގެ ޓެކްސް އޮފިޝަލުން، ނިއު ދިއްލީ އާއި މުމްބާއީގައި ހުންނަ ބީބީސީގެ އޮފީސްތައް މިދިޔަ ހަފްތާގައި ބަލައި ފާސްކޮށްފައި ވަނިކޮށެވެ. 

ޑޭވީ ފޮނުއްވި އީމެއިލުގައި މުވައްޒަފުންގެ ހިތްވަރަށް ޝުކުރު އަދާކުރައްވައި އިންސާފުވެރިކަމާ އެކު ރިޕޯޓުކުރުމަށް ވުރެ މުހިންމު ކަމެއް ނޯންނާނޭ ކަމަށް ވަނީ ވިދާޅުވެފަ އެވެ.  

ޓެކްސް ތަހްގީގަށް އިންޑިއާގެ ވުޒާރާތަކަށް އެއްބާރުލުން ދެމުން އަންނަ ބީބީސީ އިން މިފަހުން ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދަރު މޯދީއަށް ފާޑުކިޔާ ޑޮކިއުމަންޓްރީއެއް، ގުޖުރާތުގައި 2002 ވަނަ އަހަަރު ހިނގި ހަމަނުޖެހުންތަކާ ގުޅޭގޮތުން، ނެރެފަ އެވެ.  

މިއީ "ދެކޮޅުވެރި ޕްރޮޕެގަންޑާ" ކަމަށް ބުނެ އިންޑިއާ ސަރުކާރުން ވަނީ މި ޑޮކިއުމަންޓްރީ ދެއްކުން އިންޑިއާގައި މަނާކުރުމަށް މަސައްކަތް ކޮށްފަ އެވެ.

މުވައްޒަފުން ރައްކާތެރިކަމާ އެކު ހަރުދަނާ ގޮތުގައި ވަޒީފާ އަދާ ކުރުމަށް ބީބީސީ އިން އެހީތެރިވެދޭނެ ކަމަށް ޑޭވީ ވިދާޅުވި އެވެ. 

"ބިރެއް ނެތި ރުހުން ހޯދުމެއް ނެތި ރިޕޯޓު ކުރުމަށް ވުރެ މުހިންމު ގާބިލުކަމެއް އަހަރެމެންގެ ނެތް،" ޑޭވީ ފޮނުއްވި އީމެއިލުގައި ވެ އެެވެ.

"ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޯޑިއަންސްތަކަށް އަހަރެމެން އަދާކޮށްދޭންޖެހޭ ވާޖިބަކީ މިނިވަން އަދި އިންސާފުވެރި ނޫސްވެރިކަމުގެ ތެރެއިން ހަގީގަތްތައް ހާމަކުރުމަށް މަސައްކަތްކޮށް، އެންމެ މޮޅު އުފެއްދުންތެރި ކޮންޓެންޓް އުފައްދައި ޑިސްޓްރިބިއުޓް ކުރުން. އެ މަސައްކަތުން އަހަރެމެން އެއްކިބައެއް ނުކުރެވޭނެ."

ބީބީސީގެ ޑިރެކްޓަ ޖެނެރަލް ޓިމް ޑޭވީ (ފޮޓޯ/ބީބީސީ)

ބީބީސީގެ އިންޑިއާ އޮފީސްތައް ބަލާ ފާސްކުރުމަށް ޓެކްސް އޮފިޝަލުން ތިން ދުވަސް ހޭދަކުރި އެވެ. 

ބީބީސީގެ ބޭރުގެ އޮފީސްތަކުން އިންޑިއާއަށް ފޮނުވާފައިވާ ބައެއް ފައިސާއަކީ އާމްދަނީ ކަމަށް ޖަހާފައި ނުވާކަމުގެ ހެއްކާއި އެހެނިހެން ފުށުއެރުންތައް ފެނިފައިވާ ކަމަށް އިންޑިއާގެ ސެންޓްރަލް ބޯޑް އޮފް ޑިރެކްޓް ޓެކްސެސް އިން ވަނީ ބުނެފަ އެވެ.

އިންޑިއާގައި ހުންނަ ބީބީސީގެ އޮފީސްތައް ޓެކުހާ ބެހޭ އޮފިޝަލުން ފާސްކުރުމާ ގުޅޭ (ވީޑިއޯ/ފްރާންސް24)

އިންޑިއާ ސަރުކާރުން ބީބީސީއަށް ބިރުދެއްކުމަށް ހިންގަމުންދާ ކަމަށް ތުހުމަތު ކުރެވޭ މި ހަރަކާތްތަކާ ގުޅިގެން، އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ އިދިކޮޅު މެމްބަރުން މި ހަފްތާގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް