އެއާކާ

އުދުހޭ ކާރަކަށް ސްލޮވާކިއާގައި އުދުހުމުގެ ހުއްދަ ދީފި

މި އުޅަނދު އޮޕަރޭޓު ކުރުމަށް ޕައިލެޓް ލައިސެންސެއް ބޭނުންވޭ

ގަޑިއަކު 160 ކިލޯ މީޓަރުގެ ބާރުމިނުގައި އަދި 8،000 ފޫޓު މަތިން އުދުހުމުގެ ގާބިލުކަން ލިބިފައިވާ ކާރަކަށް އުދުހުމުގެ ހުއްދަ ސްލޮވާކިއާގެ ޓްރާންސްޕޯޓު ވުޒާރާއިން ދީފި އެވެ.

ކާރަކާއި މަތިންދާބޯޓެއް އެއްކޮށްލާފައިވާ މި "އެއާކާ"ގެ ނަންދެވިފައިވާ މިއުޅަނދުގައި ވަނީ ޕެޓްރޯލުން ދުވާ ބީއެމްޑަބްލިއު އިންޖީނެކެވެ.

އަދި ކާރަކުން އުދުހޭ އުޅަނދަކަށް ބަދަލު ކޮށްލުމަށް ނަގަނީ އެންމެ ދެމިނެޓާއި 15 ސިކުންތެވެ.

ސްލޮވާކިއާގެ ޓްރާންސްޕޯޓާއި ބެހޭ ވުޒާރާއިން މިއުޅަނދަށް އޮޕަރޭޓު ކުރުމުގެ ހުއްދަ ދީފައި ވަނީ 70 ގަޑިއިރުގެ ޓެސްޓުތަކަކަށް ފަހު އެވެ. މި ޓެސްޓުތަކުގައި 200 އަށް ވުރެ ގިނަ ފަހަރު މި އުޅަނދު ޖައްސާ، ނައްޓާލާފައިވާ ކަމަށް މިއުޅަނޑު އުފެއްދި ކުންފުނިން މައުލޫމާތު ދިނެވެ.

"އެއާކާއަށް މިލިބުނު ސެޓިފިކޭޝަނުން ފުރުސަތު ހުޅުވިގެން މިދިޔައީ އުދުހޭ ކާރުތައް ފެކްޓަރީތަކުގައި އުފެއްދުމަށް،" މި އުޅަނޑު އުފެއްދެވި ޕްރޮފެސާ ސްޓެފަން ކްލެއިން ވިދާޅުވި އެވެ.

"މެދު ރާސްތާ ދަތުރުތައް ކުރެވޭ ގޮތް ބަދަލު ކުރުމުގެ ގާބިލުކަން އަހަރުމެންނަށް ލިބިފައިވާކަން ރަސްމީވެ ޔަގީންވީ މި،" އޭނާ ވިދާޅުވި އެވެ.

މިދިޔަ ޖޫން މަހު މިކާރު ވަނީ 35 މިނެޓުގެ ފްލައިޓެއް ސްލޮވާކިއާގައިވާ ދެ އެއާޕޯޓެއް ދެމެދުގައި އުދުހިފަ އެވެ.

އަދި "ކައިރި މުސްތަގުބަލެއްގައި ލަންޑަނުން ޕެރިސް އަށް" ދަތުރުކުރަން ރާވާފައިވާ ކަމަށް އެކުންފުނިން ވަނީ ބީބީސީ އަށް މައުލޫމާތު ދީފަ އެވެ.

ގިނަ އެހެން ކުންފުނިތަކަކުން ވެސް ދަނީ އުދުހޭ އުޅަނދުތަކެއް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ. މީގެ ތެރޭގައި މަތިންދާބޯޓު އުފައްދާ ބޮއިންގް ކުންފުނިވެސް ހިމެނެ އެވެ.

މަތިންދާބޯޓެއް ޖައްސާ ނައްޓާލާ ގޮތަށް އޮޕަރޭޓު ކުރާ އެއާކާ ދުއްވުމަށްޓަކައި ޕައިލެޓު ލައިސެންސެއް ބޭނުންވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް