މަސްކު ޗައިނާގައި.
ޗައިނާގެ 2 ނަމްބަރު އޮފިޝަލްއާ މަސްކު ބައްދަލުކުރައްވައިފި
ޗައިނާގެ ދެ ވަނައަށް އެންމެ އިސް އޮފިޝަލާ ޓެސްލާގެ ސީއީއޯ އީލޮން މަސްކު ބައްދަލުކުރައްވައިފި އެވެ.
މަސްކް ޗައިނާގެ ޕްރިމިއާ ލީ ޗިއާންގްއާ ބައްދަލުކުރައްވާފައި މިވަނީ އޭޕްރީލް 25 އިން މެއި 5 އަށް ކުރިއަށްދާ ބެއިޖިން މޮޓޯ ޝޯގައި ޗައިނާގެ ކާރު އުފައްދާ ކުންފުނިތަކުން އެންމެ ފަހުގެ އިލެކްޓްރިކް ވެހިކަލްތައް އިޝްތިހާރު ކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ.
އިއްޔެ އޮތް ބައްދަލުވުމުގައި ލީ ވަނީ، އެމެރިކާއިން ޗައިނާއާ އެކު ދެ ގައުމަށް ވެސް ނަފާތަކެއް ލިބޭ ގުޅުމެއްގައި ބައިވެރިވާނެކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި މީގެ މިސާލެއް ކަމަށް ލީ ދައްކަވާފައި ވަނީ ޓެސްލާއިން ޗައިނާގައި ހިންގަމުން އަންނަ އޮޕަރޭޝަންތައް ކަމަށް ޗައިނާ ސަރުކާރުގެ މީޑިއާއިން ވަނީ ރިޕޯޓުކޮށްފަ އެވެ.
"ޗައިނާގެ މި ބިޔަ މާކެޓު އަބަދު ވެސް ބޭރު ގައުމުތަކުން ފަންޑުކޮށްފައިވާ ކުންފުނިތަކަށް އޮންނާނީ ހުޅުވިފައި،" ލީ ވިދާޅުވެފައިވެ އެވެ.
"ޗައިނާއިން ބުނާ ބަހުގެ އިތުބާރު ދަމަހައްޓާނެ. އަދި މާކެޓު އިތުރަށް ފުޅާކޮށް ހިދުމަތްތަކުގެ ޔަގީންކަން ވަރުގަދަ ކުރުމަށް ކުރަމުން އަންނަ ބުރަ މަސައްކަތްތައް ކުރިއަށް ގެންދާނެ."
ސޯޝަލް މީޑިއާ އެކްސްގައި މަސްކް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވުވީ ޗައިނާގެ ދެވަނަ އަށް އެންމެ އިސް އޮފިޝަލާ ބައްދަލު ކުރެއްވުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
"މާ ކުރިންސުރެ ޝަންހާއީއިން އަހަރުމެން އެކަކު އަނެކަކު ދަންނަތާ އެތައް އަހަރެއް ވެއްޖެ،" މަސްކް ވިދާޅުވި އެވެ.
މަސްކްގެ މި ދަތުރު ކުރިން އިއުލާނު ކޮށްފައި ނުވާއިރު، ޓެސްލާއާ ސީދާ ވާދަކުރަމުން އަންނަ އިލެކްޓްރިކް އުޅަނދުތައް ދައްކާލަމުން އަންނަ ބެއިޖިންގް އޮޓޯ ޝޯއަށް އޭނާ ޒިޔާރަތް ކުރައްވާނެ ކަމެއް އަދި އެނގިފައެއް ނުވެ އެވެ.
މަސްކު ޗައިނާއަށް ޒިޔާރަތް ކުރައްވާފައި މިވަނީ، އިންޑިއާއަށް ވަޑައިގެން ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ބައްދަލުކުރެއްވުމަށް އޮތް ދަތުރެއް ޓެސްލާގައި މަސައްކަތްތައް ބުރަވުމުގެ ސަބަބުން މިދިޔަ ހަފްތާގައި ކެންސަލް ކުރައްވާފައި ވަނިކޮށެވެ.
ޓެސްލާއިން އެމެރިކާ އިން ބޭރުގައި ހިންގާ އެންމެ ބޮޑު ކާރުހާނާ ހިންގަމުން އަންނަނީ ޗައިނާގެ ޝަންހާއީގަ އެވެ. ޓެސްލާއިން އުފައްދާ ވެހިކަލްތަކުގެ ދެބައި ކުޅަ އެއްބައި އުފައްދަމުން އަންނަނީ މި ކާރުހާނާއިން ނެވެ.
ޗައިނާގެ އިލެކްޓްރިކް އުޅަނދު އުފައްދާ ކުންފުނިތަކުން ޓެސްލާއާ އެކު ވަރުގަދައަށް ވާދަކުރަމުން އަންނަ އިރު، ޓެސްލާގެ ވިޔަފާރި ވެސް ވަނީ މަޑުޖެހިލާފަ އެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓެސްލާއިން ވިއްކި އުޅަނދުތަކުގެ އަދަދު ވަނީ %8.5 ދަށަށް ގޮސްފަ އެވެ.
އަދި މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 2.51 ބިލިއަން ޑޮލަރުގެ ފައިދާއެއް އެ ކުންފުންޏަށް ލިބިފައި ވާއިރު، މި އަހަރުގެ އެ މުއްދަތުގައި ފައިދާ ވެފައި ވަނީ 1.1 ބިލިއަން ޑޮލަރެވެ.
ކުންފުނީގެ އުފެއްދުންތެރިކަން ވަރުގަދަކޮށް ދެން ޖެހިގެން އޮތް ބިނާ ކުރަނިވި ހަރުފަތަށް ދިޔުމަށް މުވައްޒަފުންގެ %10 މަދުކުރަން ނިންމާފައިވާ ކަމަށް މިމަހު ކުރީ ކޮޅު މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައި މަސްކު ވިދާޅުވެފައި ވެއެވެ.