އިޝްތިހާރު

ހިއުމޭން އޭއައި ޕިން.

ސްމާޓްފޯންގެ ބަދަލުގައި ބޭނުން ކުރެވިދާނެ އޭއައި ޕިން އެއް ލޯންޗުކޮށްފި

މި ޕިންގައި ފޯނު މެދުވެރިކޮށް ބޭނުންކުރާ ގިނަ އަސާސީ ހިދުމަތްތަކެއް ހިމަނާފައިވޭ
11 ނޮވެމްބަރު 2023

އެޕަލްގައި ކުރިން މަސައްކަތް ކުރި ދެ ޑިޒައިނަރަކު ވެގެން ސްމާޓް ފޯންގެ ބަދަލުގައި ބޭނުން ކުރެވިދާނެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޕިންއެއް ލޯންޗުކޮށްފި އެވެ.

އިމްރާން ޗައުދަރީ އާއި ބެތަނީ ބޮންޖޯރްނޯ ވެގެން އުފެއްދި ހިއުމޭން ކުންފުނިން ލޯންޗުކުރި މި ޕިން ލައިގެން ހުންނަ ހެދުމުގެ މޭމަތީގައި ހަރުކުރެވޭ އިރު، މިއިން ޕިން އެއްގެ އަގަކީ 699 އެމެރިކާ ޑޮލަރެވެ. 

ފޯނުކޮށް، މެސެޖުކޮށް އަދި ވޮއިސް ކޮންޓްރޯލް މެދުވެރިކޮށް މައުލޫމާތު ހޯދާލެވޭ 'ދަ ހިއުމޭން އޭއައި ޕިން' ފަރުމާކޮށްފައި ވަނީ ސްމާޓްފޯންގެ ބަދަލުގައި ބޭނުން ކުރެވިދާނެ އާލާތެއްގެ ގޮތުގަ އެވެ. އަދި ލޭޒާ ޑިސްޕްލޭއެއް މެދުވެރިކޮށް ބޭނުންކުރާ ފަރާތުގެ އަތު ތެރެއަށް ކުޑަ ސްކްރީނެއް ޕްރޮޖެކްޓުކޮށް، ވަގުތާއި ތާރީހާއި އަދި ކައިރީގައިވާ ތަންތަނުގެ މައުލޫމާތު މި ޕިން އިން ދައްކުވައިދެ އެވެ.

"މީގައި ވޭކް ވޯޑްސް [އާލާތް މަސައްކަތް ކުރުވުމަށް ބުނާ ބަހެއް] އެއް ނުހުންނާނެ، އެހެންވީމަ މީތި [ބޭނުން ކުރާ މީހާ އެއްޗެއް ބުނޭތޯ] އަބަދު އަޑު އަހަމުން ރެކޯޑު ކުރަމުންނެއް ނުދާނެ،" މި ޑިވައިސް ތައާރަފް ކުރުމަށް ހިއުމޭން ވެބްސަައިޓުގައިވާ ވީޑިއޯގައި ޗައުދަރީ ވިދާޅުވެ އެވެ.

"އަދި މިއާ އެންގޭޖް ނުކުރާ ހިނދަކު އެެއްވެސް ކަމެއް ނުކުރާނެ. އެންގޭޖް ކުރެވޭނީ އަޑުން، އަތްލުމުން ނުވަތަ ލޭޒާ ޑިސްޕްލޭއަށް އިޝާރާތް ކުރުމުން."

މިވަގުތު އެމެރިކާގެ މާކެޓަށް ލޯންޗުކޮށްފައިވާ މި އާލާތް ބޭނުން ކުރުމަށް މޯބައިލް އޮޕަރޭޓަރު ޓީ-މޮބައިލް އަށް 24 ޑޮލަރުގެ ޑޭޓާ ސަބްސްކްރިޕްޝަން އެއް ދައްކަން ޖެހެ އެވެ. އަދި ކޮންމެ ޕިން އަކަށް ވަކި ފޯނު ނަމްބަރެއް  އިނުމުން ސްމާޓް ވޮޗްތައް ފަދައިން މި ޕިން ކަސްޓަމަރު އަތުގައި އޮންނަ ފޯނާ ޓެދާ ކުރާކަށް ނުޖެހެ އެވެ.

ހިއުމޭން ކުންފުނިން އެއްވެސް އުފެއްދުމެއް ލޯންޗު ނުކޮށް މިއަހަރުގެ މާޗް މަހު 100 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ހޯދާފައިވާ ކަމަށް އިއުލާނު ކުރުމުން ގިނަ ބަޔެއްގެ ހައިރާންކަން ލިބުނެވެ.  މިހާތަނަށް މި ކުންފުންނިން 200 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓު ހޯދާފައިވާ އިރު، ޕާޓްނަރުންގެ ތެރޭގައި މައިކްރޮސޮފްޓް، އެލްޖީގެ ވެންޗާ ކުންފުނި ޓައިގާ ގްލޯބަލް، ޗެޓްޖީޕީޓީ އުފެއްދި އޯޕެންއޭއައި ކުންފުނީގެ ސީއީއޯ ސޭމް އޯލްޓްމަން، އަދި ސޭލްސްފޯސް ކުންފުނީގެ މާކް ބެނިއޮފް ހިމެނެ އެވެ.

އޭއައި ޕިން ވިއްކަން ފެށުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު އެވެ. ކުއަލްކޮމްގެ ޗިޕްސެޓެއް އިންނަ މި ޕިން ތައާރަފް ކުރުމަށް ހިއުމޭންގެ ވެބްސައިޓުގައި ހިމަނާފައިވާ ވީޑިއޯގައި ޗައުދަރީ އާއި ބޮންޖޮރްނޯ މި ޕިންގެ ފީޗާތައް ދައްކާލާ ޓެކްނޮލޮޖީތަކާ ބެހޭގޮތުން މައުލޫމާތު ދެއްވަ އެވެ.

ދަ ހިއުމޭން އޭއައި ޕިން ލޯންޗިންގް ވީޑިއޯ (ވީޑިއޯ/ނިމްރޮޑް ކަމެރް)

މި ޕިންގެ އެތެރޭގައި ސްޕީކަރަކާއި ކެމެރާއެއް ހިމަނާފައި ވާއިރު، މި ދޭތި ބޭނުން ކުރާ އިރު ބޭނުން ކުރާކަން ދައްކުވައި ދިނުމަށް ލެޑެއް ވެސް ދިއްލެ އެވެ. 

ފޯނުކޮށް، މެސެޖުކޮށް، ފޮޓޯ އާއި ވީޑިއޯ ނަގާ އަދި ލަވަ ޖެހުމުގެ އިތުރުން ދައްކާ ވާހަކަ އެއް ބަހުން އަނެއް ބަހަށް ތަރުޖަމާ ކުރުމުގެ ފީޗާއެއް ވެސް މި ޕިންއާ އެކު ހިމަނާފައިވެ އެވެ.

ސްމާޓްފޯނުތަކުން އެޕްތައް ޑައުންލޯޑު ކޮށް ބޭނުންކުރާ ގޮތާ ހިލާފަށް މި ޕިންގައި ބޭނުންކުރާ ހިދުމަތްތައް ނަގަނީ ސީދާ އިންޓަނެޓުގައި މައިކްރޮސޮފްޓް، ގޫގުލް އަދި އޯޕަންއޭއައި ފަދަ ކުންފުނިތަކުން ފޯރުކޮށްދޭ އޭއައި ޕްލެޓްފޯމުތަކުން ނެވެ.

އިޝްތިހާރު

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް