އެޕަލް ފިހާރައެއް ތެރޭ އަންހެނަކު އައިފޯނެއް ބަލަނީ.

އައިފޯން ވިޔަފާރި މައްޗަށް ދިޔަ ނަމަވެސް އެޕަލްގެ ޖުމްލަ ވިޔަފާރި އަނެއްކާވެސް ދަށަށް

ހިދުމަތްތަކުން އެޕަލްއަށް ލިބުނު އާމްދަނީ އިތުރުވެފައިވީ ނަމަވެސް، މެކް އާއި އައިޕެޑް ފަދަ ބައެއް ހާޑްވެއާތަކުގެ ވިޔަފާރި ދަނީ ދަށްވަމުން

އައިފޯނާއި އެޕަލް ޓީވީ ޕްލަސް ފަދަ ސްޓްރީމިން ހިދުމަތްތަކުގެ ވިޔަފާރި ރަނގަޅުވި ކަމުގައިވީ ނަމަވެސް އެޕަލް ކުންފުނީގެ ޖުމްލަ ވިޔަފާރި އަނެއްކާވެސް ދަށަށް ހިނގައްޖެ އެވެ.

އެޕަލް އިން ބުނި ގޮތުގައި މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިމުނު ކުއާޓަރުގެ ވިޔަފާރި ވަނީ މިދިޔަ އަހަރުގެ އެ ކުއާޓަރާ އަޅާބަލާއިރު %1 ދަށަށް ގޮސް 89.5 ބިލިއަން ޑޮލަރަށް ވެއްޓިފަ އެވެ.

އެޕަލްގެ މެކް ކޮމްޕިއުޓަރާއި އައިޕެޑު ވިކޭ މިންވަރު ކޮވިޑާ ގުޅިގެން ވަރަށް ބޮޑުތަން މައްޗަށް ދިޔަ ނަމަވެސް، އޭގެ ފަހުން މި ދެ އުފެއްދުމުގެ ވިޔަފާރި ވަނީ ވަރަށް ބޮޑުތަން ވެއްޓިފަ އެވެ.

މިދިޔަ ކުއާޓަރާ ބެހޭގޮތުން އިންވެސްޓަރުންނަށް މައުލޫމާތު ދެމުން އެޕަލް އިން ބުނީ އައިފޯނުގެ ވިޔަފާރި ރެކޯޑު މިންވަރަކަށް މައްޗަށް ޖެހި، ކުންފުނީގެ ޖުމްލަ ފައިދާ 23 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށެވެ. އަދި ކުރީ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާބަލާއިރު، އެޕަލްގެ އައިކްލައުޑް އާއި އެޕަލް މިއުޒިކް ފަދަ ހިދުމަތްތަކުގެ އާމްދަނީ %16 އިތުރުވެ 22.3 ބިލިއަން ޑޮލަރަށް ވަނީ އަރާފަ އެވެ.

މީގެ އިތުރުން އައިފޯން 15 ޕްރޯ އާއި ޕްރޯ މެކްސްގެ ސަޕްލައިއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ވެސް އެޕަލް އިން ވަނީ އިންވެސްޓަރުންނަށް ކިޔައިދީފަ އެވެ. އައިފޯނުގެ މި މޮޑެލްތައް "އުފައްދާ މިންވަރު އިތުރު ކުރުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން" އަންނަ ކަމަށް އެޕަލްގެ ޗީފް އެގްޒެކެޓިވް ޓިމް ކުކް ވިދާޅުވި އެވެ.

"އަހަރެމެންނަށް ވަރަށް ބޮޑަށް ގަބޫލު ކުރެވޭ މި ކުއާޓަރުގައި ސަޕްލައި އާއި ޑިމާންޑު އެއްވަރުވާނެ ކަމަށް،" ކުކް ވިދާޅުވި އެވެ. ކުރިއަށް އޮތް ޗުއްޓީގެ ވިޔަފާރި ދުވަސްވަރާ ދިމާވާއިރު އެޕަލްގެ އުފެއްދުން ހުރީ މިހާތަނަށް ހުރި އެންމެ ވަރުގަދަ ހިސާބުގައިކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

އެޕަލްގެ މިދިޔަ ކުއާޓަރުގެ އާމްދަނީއާ ގުޅޭ (ވީޑިއޯ/ސީއެންބީސީ ޓެލެވިޝަން)

ކުކްގެ އުއްމީދީ އަންދާޒާތަކާ އެކު ވެސް އެޕަލްގެ ބައެއް އުފެއްދުންތަކުގެ ވިޔަފާރި ވަނީ މިފަހުން ދަށްވެފަ އެވެ. އެގޮތުން މެކް ކޮމްޕިއުޓަރުގެ ވިޔަފާރި ވަނީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ހުރި 11.6 ބިލިއަން ޑޮލަރުން މިއަހަރު 7.6 ބިލިއަން ޑޮލަރަށް ވެއްޓިފަ އެވެ.

ކުކް ވިދާޅުވީ ޗައިނާ މާކެޓުގައި އެޕަލްގެ ވިޔަފާރި %2.5 ދަށަށް ގޮސްފައިވީ ނަމަވެސް، ބޭރު ފައިސާ މާރުކުރާ ރޭޓުތަކަށް ބަލާއިރު ޗައިނާގައި ވިޔަފާރި ގޮސްފައި ވަނީ މައްޗަށް ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް