
އެންތުރޮޕިކް
ގޫގުލް އިން އޭއައި ކުންފުނި އެންތްރޮޕިކްގައި 2 ބިލިއަން ޑޮލަރު އިންވެސްޓް ކުރަނީ
މަޝްހޫރު އާޓިފިޝިލް އިންޓެލިޖެންސް ހިދުމަތް ޗެޓްޖީޕީޓީ އުފެއްދި އޯޕެންއޭއައި ކުންފުނީގައި ކުރިން މަސައްކަތް ކުރި އެގްޒެކެޓިވް މުވައްޒަފުންތަކެއް ގުޅިގެން އުފެއްދި އެންތުރޮޕިކް ކުންފުނީގައި 2 ބިލިއަން ޑޮލަރު އިންވެސްޓް ކުރުމަށް ގޫގުލް އިން އެއްބަސްވެއްޖެ އެވެ.
މި އެއްބަސްވުމުގެ ދަށުން ފައިސާގެ ގޮތުގައި 500 މިލިއަން ޑޮލަރު ވަގުތުން، އަދި ބާކީ ބައި ވަކި މުއްދަތަކަށް ބަހާލައިގެން ގޫގުލް އިން އިންވެސްޓް ކުރާނެކަމަށް އެންތުރޮޕިކް އިން ސީއެންބީސީއާ ވާހަކަ ދެއްކި ތަރުޖަމާނެއް ވިދާޅުވި އެވެ.
އޯޕެންއޭއައި ކުންފުނީގެ ޗެޓްޖީޕީޓީއާ ވާދަކުރުމަށް އެންތުރޮޕިކް އިން ވަނީ ކްލޯޑް 2ގެ ނަންދީފައިވާ ވާދަވެރި ހިދުމަތެއް ލޯންޗުކޮށްފަ އެވެ. ސްލެކް، ނޯޝަން އަދި ކުއޯރާ ފަދަ މަޝްހޫރު ކުންފުނިތަކުން މިހާރު ވެސް އަންނަނީ ކްލޯޑް 2ގެ ހިދުމަތް ބޭނުން ކުރަމުންނެވެ.
އެންތުރޮޕިކް ވުޖޫދުވެފައި ވަނީ 2021 ވަނަ އަހަރު އެވެ. ގޫގުލްގެ އިތުރުން ސޭލްސްފޯސް އާއި ޒޫމް ކުންފުނިން ވެސް މި އަހަރުގެ ކުރީކޮޅު ވަނީ 4.1 ބިލިއަން ޑޮލަރުގެ އެންތުރޮޕިކް ކުންފުނީގައި އިންވެސްޓް ކޮށްފަ އެވެ.
ގާތްގަނޑަކަށް 75،000 ލަފުޒު ހުލާސާ ކުރުމުގެ ގާބިލުކަން ކްލޯޑް 2 އަށް ލިބިފައިވެ އެވެ. މިއީ ގާތްގަނޑަކަށް ފޮތެއްގެ ދިގުމިނެވެ. ކްލޯޑް 2އާ އަޅާބަލާއިރު ޗެޓްޖީޕީޓީއަށް ހުލާސާ ކުރެވެނީ 3،000 ލަފުޒެވެ.
މެޝިން ލާނިން ދިރާސާކޮށް މައުލޫމާތު ބަލަހައްޓާ އާތާ އޭއައި ކުންފުނިން ކުރި ދިރާސާއަކުން ދެއްކި ގޮތުގައި، އެހެން އާޓިފިޝަލް އިންޓެލިޖެންސް ޗެޓްބޮޓުތަކާ އަޅާބަލާއިރު ކްލޯޑް 2 އަށް ލިބިފައިވާ "އަމިއްލަ ގާބިލުކަމުގެ" އިތުބާރު ފުރިހަމަ އެވެ. އާތާ އޭއައި އިން ވަނީ މި ދިރާސާގައި މެޓަ، ކޮހިއާ އަދި އޯޕެންއޭއައިގެ ހިދުމަތްތައް ޓެސްޓުކޮށްފަ އެވެ.
ގޫގުލް އިން ވަނީ އެންތުރޮޕިކް ކުންފުނީގައި މި އަހަރުގެ އޭޕްރިލް މަހު ވެސް 300 މިލިއަން ޑޮލަރު އިންވެސްޓުކޮށް %10 ހިއްސާ ގަނެފަ އެވެ.
އެމެޒޯން އިން ވެސް ވަނީ އެންތުރޮޕިކްގައި 4 ބިލިއަން ޑޮލަރު އިންވެސްޓް ކުރާނެކަން މިދިޔަ މަހު އިއުލާނު ކޮށްފަ އެވެ.