އެންވިޑީއާގެ ޗީގް އެގްޒެކެޓިވް ޖެންސެން ހުއާންގް އާއި ފޮކްސްކޮން ޗެއާމަން ޔަންގް ލިއު ޓައިޕޭގައި ހުންނަވާ އޭއައި ޕްރޮޖެކްޓު އިއުލާނު ކުރައްވަނީ.

އެންވިޑިއާ އާއި ފޮކްސްކޮން އިން އާޓިފިޝަލް އިންޓެލިޖެންސް ކާރުހާނާތަކެއް ބިނާކުރަނީ

އޭއައި އަށް ޑިމާންޑާ ގުޅިގެން އެންވިޑިއާ ކުންފުނީގެ އަގު ވަނީ ޓްރިލިއަން ޑޮލަރުން މައްޗަށް އަރާފައި
19 އޮކްޓޯބަރު 2023

ދުނިޔޭގެ އެންމެ އަގުބޮޑު ޗިޕު އުފައްދާ ކުންފުނި އެންވިޑިއާ އިން އައިފޯނު އުފައްދާ ފޮކްސްކޮންއާ އެކު "އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކާރުހާނާތަކެއް" ބިނާ ކުރުމަށް އަތުގުޅާލައިފި އެވެ.

މި ދެ ކުންފުނިން މައުލޫމާތު ދިން ގޮތުގައި އަލަށް ގާއިމު ކުރާ ކާރުހާނާތައް ވެގެން ދާނީ އެންވިޑީއާ ޗިޕުތަކުގެ ބާރުގައި "ގިނަ ވައްތަރުތަކެއްގެ" އެޕްލިކޭޝަންތައް ބޭނުން ކުރެވޭ  އާ ވައްތަރެއްގެ ޑޭޓާ ސެންޓަރަކަށެވެ.

މީގެ ތެރޭގައި ޑްރައިވަރުގެ އެހީއާ ނުލާ ދުއްވާ އޮޓޮނޮމަސް ކާރުތައް ތަމްރީނު ކުރުމާއި، ރޮބޮޓިކްސް ޕްލެޓްފޯމުތަކާއި ބޮޑެތި ލެންގުއޭޖް މޮޑެލް ތަމްރީނު ކުރުން ހިމެނެ އެވެ.

އެންވިޑިއާ އާއި ފޮކްސްކޮން އިން އޭއައި ތަރައްގީ ކުރުމަށް އަތުގުޅާލާފައި މިވަނީ، އެމެރިކާ ސަރުކާރުން ޗައިނާއަށް އެންމެ ޒަމާނީ ޗިޕުތައް ބޭރު ނުކުރުމަށް އަޅާފައި ހުރި ފިޔަވަޅުތައް މި ހަފްތާގައި އިތުރަށް ވަރުގަދަކޮށްފައި ވަނިކޮށެވެ.

މި ފިޔަވަޅާ އެކު އެންވިޑިއާ އިން ޗައިނާ މާކެޓަށް ހާއްސަކޮށް ވިއްކަމުން ދިޔަ ދެ ޗިޕެއް ވިއްކުން ވަނީ މަނާވެފަ އެވެ.

އެންވިޑިއާ އާއި ފޮކްސްކޮން އިން ކާރުހާނާތައް ގާއިމުކުރަން ނިންމާފައިވާ ކަން އިއުލާނުކޮށްފައި ވަނީ ޓައިވާނުގެ ޓައިޕޭގައި ބުދަ ދުވަހު އޮތް  ފޮކްސްކޮންގެ އަހަރީ ޓެކް ޝޯކޭސްގަ އެވެ. އަދި މި ހަބަރު އިއުލާނު ކޮށްދެއްވީ ޓައިވާނަށް އުފަން އެންވިޑިއާގެ ޗީފް އެގްޒެކެޓިވް ޖެންސެން ހުއާންގް އާއި ފޮކްސްކޮންގެ ޗެއާމަން ޔަންގް ލިއު އެކުގައި ސްޓޭޖަށް އަރުއްވާ ހުންނަވަ އެވެ.

އެންވިޑިއާ އާއި ފޮކްސްކޮން އިން އޭއައި ކާރުހާނާތަކެއް ގާއިމު ކުރުމާ ގުޅޭ (ވީޑިއޯ/ރޮއިޓާސް)

އޭއައި ސިނާއަތުގައި އެންވިޑިއާގެ ޗިޕުތަކަށް އޮތް ޑިމާންޑާ ގުޅިގެން އެ ކުންފުނީގެ އަގު ވަނީ މިއަހަރު ތިން ގުނަ އުފުލިފަ އެވެ. މިއާ އެކު ޓްރިލިއަން ޑޮލަރުގެ އަގެއް ހުރި އެމެރިކާގެ ފަސް ވަނަ ކުންފުންޏަކަށް އެންވިޑިއާ ވަނީ ވެގެން ގޮސްފަ އެވެ. 

ޓްރިލިއަން ޑޮލަރުން މަތީގެ އަގެއް ހުރި އަނެއް ހަތަރު ކުންފުންޏަކީ އެޕަލް، މައިކްރޮސޮފްޓް، އަލްފަބެޓް އަދި އެމެޒޯން އެވެ.

އަނެއް ކޮޅުން ބަލާއިރު އެޕަލްގެ ދެބައި ކުޅަ އެއްބައި އުފެއްދުންތައް ތައްޔާރު ކުރަމުން ފޮކްސްކޮން އިން އެހެނިހެން ވިޔަފާރިތަކަށް ވަނުމަށް އަންނަނީ މަސައްކަތްތަކެއް ކުރަމުން ނެވެ. އެގޮތުން އޮޓޮނޮމަސް ވެހިކަލް ޕްލެޓްފޯމުތައް ތަރައްގީ ކުރުމަށް މިއަހަރު ޖަނަވަރީ މަހު ފޮކްސްކޮން އާއި އެންވިޑީއާއިން ވަނީ ޕާޓްނަޝިޕެއް އިއުލާނުކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް