ސައުދީގެ ދެ އެސްޓްރޮނޯޓުން ކަމުގައިވާ ރައްޔާނާ ބަރްނާވީ އާއި އަލީ އަލް-ގަރްނީ މި ދަތުރުގައި ބައިވެރިވާ އެމެރިކާގެ ދެ ފަޅުވެރިންނާ އެކު
ސައުދީ އެސްޓްރޮނޯޓުންތަކެއް ފުރަތަމަ ފަހަރަށް ޖައްވީ އިދާރާއަށް ދަނީ
ސައުދީ އަރަބިއްޔާގެ ދެ އެސްޓްރޮނޯޓަކު ތާރީހުގައި ފުރަތަމަ ފަހަރަށް ބައިނަލްއަގްވާމީ ޖައްވީ އިދާރާއަށް ދާން ތައްޔާރުވެފައިވާ ކަމަށް ސައުދީ ޕްރެސް އެޖެންސީ (އެސްޕީއޭ) އިން ބުނެފި އެވެ.
ޕްރައިވެޓް މިޝަންއެއްގައި ތަހްލީލުތަކެއް ކުރުމަށް ކުރާ މި ދަތުރުގައި ބައިވެރިވާ ސައުދީގެ ދެ ފަޅުވެރިންނަކީ އުރަމަތީގެ ކެންސަރު ދިރާސާ ކުރާ އަދި ޖައްވަށް ދަތުރުކުރާ ފުރަތަމަ އަރަބި އަންހެން އެސްޓްރޮނޯޓަކަށް ވެވަޑައިގަންނަވާ ރައްޔާނާ ބަރްނާވީ އާއި ފައިޓާ ޖެޓު ޕައިލެޓެއް ކަމުގައިވާ އަލީ އަލް-ގަރްނީ އެވެ. މި ދެ ބޭފުޅުން ވެސް ޖައްވަށް ފުރުމަށް ހަމަޖެހިފައި ވަނީ އެމެރިކާގެ ފްލޮރިޑާގައި ހުންނަ ކެނެޑީ ސްޕޭސް ސެންޓަރުން ސްޕޭސް އެކްސްގެ ފެލްކަން 9 ރޮކެޓުގަ އެވެ.
ސައުދީގެ މި ދެ ފަޅުވެރިންނާ އެކު ނާސާގެ ކުރީގެ އެސްޓްރޮނޯޓު ޕެގީ ވިޓްސަން އާއި އެމެރިކާގެ ޕައިލެޓް ޖޯން ޝޮފްނޯ ވެސް ދަތުރުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ދިރާސާތަކެއް ކުރުމަށް މި ހަތަރު އެސްޓްރޮނޯޓުންގެ ދަތުރު އިންތިޒާމު ކޮށްފައި ވަނީ އެކްސިއޮމް ސްޕޭސް ކިޔާ ކުންފުންޏަކުންނެވެ.
"ސައުދީގެ ފުރަތަމަ އަންހެން އެސްޓްރޮނޯޓަށް ވުން، މި ސަރަހައްދު ތަމްސީލު ކުރާނެ ފުރުސަތު ލިބުން، މީ އަހަންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް އަދި އަހަރެން އުފަލާ އެކު ބަލައިގަންނަ ފަހުރެއް،" މިފަހުން އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަރްނާވީ ވިދާޅުވެފައިވެ އެވެ.
ބަރްނާވީގެ އިތުރުން އަލް-ގަރްނީ އަށް ވެސް މިދަތުރު ވެގެން ދަނީ އެތައް އަހަރެއް ވަންދެން އޭނާ ދެކެމުން އައި ހުވަފެންތައް ހަގީގަތަކަށްވާ ފުރުސަތަކަށެވެ.
"އަހަރެން އެހާމެ ލޯބިވާ ކަމެއް އިތުރަށް ކުރަން ލިބުނު މީ އެހާމެ ބޮޑު ފުރުސަތެއް، އަދި މިހާރު... ތަރިތަކާ އެކު އުދުހެވޭނެ،" އަލް-ގަރްނީ ވިދާޅުވި އެވެ.
ސައުދީ ސަރުކާރުގެ އެސްޕީއޭ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ފަޅުވެރިން ޖައްވީ އިދާރާގައި "ގްރެވިޓީ ދަށްކޮށް ހުންނަ މާހައުލެއްގައި އިންސާނީ ދިރާސާ، ސެލް ސައިންސަސް އަދި ކްލައުޑް ސީޑިންގެ" 14 އެކްސްޕެރިމަންޓެއް ހިންގާނެ އެވެ.
ސައުދީ އަރަބިއްޔާ އިން މި މިޝަންގައި ބައިވެރިވާ ސަބަބުތަކުގެ ތެރޭގައި އެ ގައުމުގައި ޖައްވީ ސައިންސާ ބެހޭ ތައުލީމު ކުރިއެރުވުން ހިމެނެ އެވެ. މިފަހަރުގެ ދަތުރުގައި ކުރިއަށް ގެންދާ ތަހުލީލުތަކުގައި ސައުދީގެ ދަރިވަރުން ބައިވެރިވާނޭ ކަމަށް އެސްޕީއޭއިން ވަނީ ރިޕޯޓުކޮށްފަ އެވެ.
ސައުދީ އަރަބިއްޔާ އިން 2018 ވަނަ އަހަރު ޖައްވާ ބެހޭ އޮފީހެއް ގާއިމުކޮށް، މިދިޔަ އަހަރު ވަނީ އެސްޓްރޮނޯޓުން ޖައްވަށް ފޮނުވުމަށް ޕްރޮގްރާމެއް ލޯންޗުކޮށްފަ އެވެ.
މިއީ ސައުދީން ތެލަށް ބަރޯސާވާ މިންވަރު 2030 ވަނަ އަހަރު އަންނަން ވާއިރަށް ކުޑަކޮށް، ޒުވާން ޖީލަށް ވަޒީފާގެ ފުރުސަތުތައް އުފެއްދުމަށް ސައުދީ ސަރުކާރުން ގެންގުޅޭ ތަސައްވުރާ ގުޅިފައިވާ ފިޔަވަޅެކެވެ.