ގޫގުލް އަދި މެޓަ.

ކެނެޑާގައި ފާސްކުރަން އުޅޭ ބިިލާ ގުޅިގެން ގޫގުލް އާއި މެޓަގެ އިންޒާރު

މީޑިއާ ކުންފުނިތަކަށް އާމްދަނީ ދޭން މަޖުބޫރުވާ ގާނޫނެއް އޮސްޓްރޭލިއާގައި ވެސް 2021ގައި ތަންފީޒުކޮށްފައިވޭ

މައުލޫމާތާއި ހަބަރުތައް ޝާއިއުކުރާ ކުންފުނިތަކަށް އިންޓަނެޓު ކުންފުނިތަކުން ފައިސާ ދައްކަން މަޖުބޫރު ކުރުވުމަށް ކެނެޑާއިން ފާސްކުރަން އުޅޭ ބިލާ ގުޅިގެން ގޫގުލް އާއި މެޓައިން އިންޒާރު ދީފި އެވެ. 

މި ދެ ކުންފުނިން ވަނީ ބިލު ފާސްކޮށްފި ނަމަ މައުލޫމާތުތައް ޝާއިއުކުރާ ވެބްސައިޓުތަކަށް ކަސްޓަމަރުންނަށް ނުވަދެވޭ ގޮތަށް ހަދާނެ ކަމަށް ބުނެފަ އެވެ.

ކެނެޑާއިން މި ބިލު ފާސްކޮށްފި ނަމަ، ގޫގުލްގެ ވެރި އަލްފަބެޓު ކުންފުންޏާއި ފޭސްބުކްގެ ވެރި މެޓަ ޕްލެޓްފޯމްސް ކަހަލަ ކުންފުނިތަކުން ކެނެޑާގައި ހަބަރުތައް ޝާއިއުކުރަ ވެބްސައިޓުތަކަށް ފައިސާ ދައްކަން މަޖުބޫރު ވެގެން ދާނެ އެވެ. ދުނިޔޭގެ ބައެއް އެހެން ގައުމުތަކުން ވެސް އަންނަނީ މިފަދަ ގާނޫނެއް ތަންފީޒު ކުރުމަށް މަސައްކަތް ކުރަމުންނެވެ.

މި ބިލުގެ ސަބަބުން "މަތީ މިންގަނޑެއް ކަނޑައެޅިފައި ނުވާ މާލީ ޒިންމާއެއް" ބޮލުގައި އެޅޭ ކަމަށާއި، މިކަމުން ރައްކާތެރިވުމަށް ގޫގުލް އިން ކެނެޑާ ކަސްޓަމަރުން ކުރާ އިންޓަނެޓު ސާޗުތަކުގައި ކެނެޑާގެ ނޫސް އާޓިކަލްތައް ނުފެންނަ ގޮތަށް ހަދަން މަޖުބޫރު ވެދާނެ ކަމަށް އެ ކުންފުނީގެ ހަބަރުތަކާ ބެހޭ ބައިގެ ނައިބު ރައީސް ރިޗާޑް ގްރިންގްރަސް ކެނެޑާގެ ސެނެޓު ކޮމިޓީއަށް އިއްޔެ ވިދާޅުވި އެވެ.

ގޫގުލް އެކޭ އެއްގޮތަށް، މި ބިލު މިހާރު އޮތް ގޮތަށް އޮވެ ފާސްވެއްޖެ ނަމަ ކެނެޑާގެ ނޫސް ކޮންޓެންޓުތައް ބްލޮކު ކުރާނެ ކަމަށް އެ ކުންފުނީގެ ކެނެޑާގެ ޕަބްލިކް ޕޮލިސީގެ ވެރިޔާ ރޭޗަލް ކިއުރަން ވަނީ ވިދާޅުވެފަ އެވެ.

ކެނެޑާއިން ފާސްކުރަން އުޅޭ މި ބިލަކީ އޮސްޓްރޭލިއާގައި 2021 ވަނަ އަހަރު ފާސްކުރި މިފަދަ ބިލަކާ ދާދި އެއްގޮތް ބިލެކެވެ. ގޫގުލް އާއި މެޓައިން އެ ފަހަރު އޮސްޓްރޭލިއާ ސަރުކާރަށް އިންޒާރުތަކެއް ދިން ނަމަވެސް، ފަހުން މި ދެ ކުންފުނިން ވަނީ އޮސްޓްރޭލިއާގެ ޕަބްލިޝަރުންނާއި މީޑިއާ ކުންފުނިތަކާ އެކު އެއްބަސްވުންތަކެއް ހަދާފަ އެވެ.

ކެނެޑާ ސަރުކާރަށް އިންޒާރު ދިނުމުގެ ގޮތުން ގޫގުލް އިން ވަނީ އެ ގައުމުގެ ނޫސް ވެބްސައިޓުތަކަށް ނުވަދެވޭ ގޮތް މި އަހަރުގެ ކުރީކޮޅު ޓެސްޓުކޮށްފަ އެވެ. ގޫގުލްގެ މި ފިޔަވަޅަކީ "ވަރަށް ބޮޑު ގޯހެއް" ކަމަށް ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އޭރު ވިދާޅުވެފައިވެ އެވެ.

އިއްޔެ އޮތް ސެނެޓު ކޮމިޓީގައި ގޫގުލްގެ ގްރިންގަސް ވިދާޅުވީ މިދިޔަ އަހަރު އެކަނި ވެސް ކެނެޑާގެ ނޫސް ވެބްސައިޓުތަކަށް 3.6 ބިލިއަން ހިޓު ގޫގުލް އިން އުފައްދައިދީފައިވާ ކަމަށެވެ. އެއާ އެކު، އެ ކުންފުނިތަކަށް އިޝްތިހާރުތަކުންނާއި އިސްތިރާކުތަކުން އާމްދަނީ ހޯދުމަށް އެހީތެރިވެދޭ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. 

އޭޕްރިލް 2022އަށް ނިމުނު 12 މަސްދުވަސް ތެރޭ ފޭސްބުކް އިން ކެނެޑާގެ ޕަބްލިޝަރުންނަށް 1.9 ބިލިއަން ކްލިކު ހޯދައިދީފައިވާ ކަމަށާއި، މިއީ ގާތްގަނޑަކަށް 230 މިލިއަން ޑޮލަރުގެ ހިލޭ މާކެޓިން ކަމަށް ފޭސްބުކްގެ ކިއުރަން މައުލޫމާތު ދެއްވި އެވެ.

ކެނެޑާގައި ފާސްކުރަން އުޅޭ ޓެކްނޮލޮޖީ ބިލާ ގުޅޭ (ވީޑީއޯ/ސީބީއެސް ނިއުސް)

ކެނެޑާގެ ހެރިޓޭޖާ ބެހޭ ވަޒީރު ޕަބްލޯ ރޮޑްރީގޭޒް ހުށައަޅުއްވާފައިވާ މި ބިލާ ބެހޭ ގޮތުން އެ ވުޒާރާގެ ތަރުޖަމާނު ލޯރާ ސްކަފީޑީ ވިދާޅުވީ "އަހަރެމެން ހަމައެކަނި މި ގޮވާލަނީ ނޫސް އިދާރާތަކުގެ މަސައްކަތުން ނަފާ ހޯދަމުން އަންނަ ފޭސްބުކް އާއި ގޫގުލް ފަދަ ޓެކު ކުންފުނިތަކުން އެ ނޫސް އިދާރާތަކާ އެކު ހަމަހަމަ ޑީލުތަކެއް ގާއިމުކުރަން" ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް