ޓިކްޓޮކް.

ސަރުކާރު މުވައްޒަފުން 'މުނިފޫހިފިލުވުމަށް' ބޭނުންކުރާ ގިނަ އެޕުތަކެއް ފްރާންސްގައި މަނާކޮށްފި

ޓިކްޓޮކް ބޭނުންކުރާ ކަސްޓަމަރުންގެ ލޮޮކޭޝަނާއި ކޮންޓެކްޓް މައުލޫމާތުތައް ޗައިނާ ސަރުކާރަށް ލިބިދާނެތީ ގިނަ ފަރާތްތަކަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި

ޑޭޓާ ސެކިއުރިޓީގެ ކަންބޮޑުވުންތަކާ ގުޅިގެން ސަރުކާރު މުވައްޒަފުން "މުނިފޫހި ފިލުވުމަށް" ބޭނުންކުރާ ޓިކްޓޮކް، ޓުވިޓާ، އިންސްޓަގްރާމް ފަދަ ގިނަ އެޕުތަކެއް ބޭނުންކުރުން ފަރަންސޭސިވިލާތުގައި މަނާކޮށްފި އެވެ.

"އަހަރުމެންގެ ވުޒާރާތަކާއި ސަރުކާރު މުވައްޒަފުންގެ ސައިބާ ސެކިއުރިޓީ ޔަގީން ކުރުމަށްޓަކައި މުވައްޒަފުންނަށް ދޫކޮށްފައިވާ ފޯނުތަކުގައި ޓިކްޓޮކް ފަދަ މުނިފޫހިފިލުވުމަށް ބޭނުންކުރާ އެޕްލިކޭޝަންތައް މަނާކުރަން ސަރުކާރުން ނިންމައިފި،" މިނިސްޓްރީ އޮފް ޕަބްލިކް ސެކްޓާ ޓްރާންސްފޮމޭޝަން އެންޑް ދަ ސިވިލް ސާވިސްގެ ވަޒީރު ސްޓެނިސްލާސް ގުއެރީނީ ވިދާޅުވި އެވެ. 

އަދި ފަރަންސޭސިވިލާތުގެ ޔޫރަޕާއި ބައިނަލްއަގްވާމީ ބައިވެރިން ޓިކްޓޮކް އެޕްލިކޭޝަން މަނާކޮށް ޑައުންލޯޑު ކުރުން ހުއްޓުވުމަށް ފާއިތުވެދިޔަ ހަފްތާތަކުގައި ގިނަ ފިޔަވަޅުތަަކެއް އަޅާފައިވާ ކަމަށް ވެސް ގުއެރީނީ ފާހަގަ ކުރެއްވި އެވެ.

އަދި ސަރުކާރުން ދޫކޮށްފައި ހުންނަ އާލާތްތަކުގައި މިފަދަ އެޕްލިކޭޝަންތައް ބޭނުން ކުރުމަށް ހުންނަން ޖެހޭ މިންވަރަށް ޑޭޓާ ރައްކާތެރި ކުރުމާއި ސައިބާ ސެކިއުރިޓީގެ މިންގަނޑުތަކެއް ނުހުންނަ ކަމަށާއި މި އެޕްލިކޭޝަންތައް ބޭނުން ކުރުމުގެ ލުއިތައް ދެން ދޫކުރެވޭނީ ސަރުކާރުގެ ވުޒާރާތަކުން ކޮންމެހެން ކުރަން ޖެހޭ މުވާސަލާތީ މަގުސަދުތައް ހާސިލް ކުރުމަށް ކަމަށް ވެސް ގުއެރީނީ ވިދާޅުވި އެވެ.

ޓިކްޓޮކްގެ ސީއީއޯ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް ހާޒިރު ކުރެވި ސުވާލު ކުރެވުމާ ގުޅޭ (ވީޑިއޯ/ފްރާންސް24)

ފާއިތުވެ ދިޔަ ހަފްތާތަކުގައި މުވައްޒަފުންގެ ފޯނުތަކުގައި ޓިކްޓޮކް ބޭނުން ކުރުން މަނާކޮށްފައިވާ ވުޒާރާތަކުގެ ތެރޭގައި އެމެރިކާގެ ވައިޓްހައުސް، އިނގިރޭސިވިލާތް އަދި ނިއު ޒީލެންޑުގެ ގާނޫނު ހަދާ މަޖިލީސް، ނެދަލޭންޑްސް، ބެލްޖިއަމް، ކެނެޑާ، އިންޑިއާ، ޕާކިސްތާނު، ޓައިވާނު އަދި ޖޯޑަންގެ ސަރުކާރު ހިމެނެ އެވެ.

މީގެ އިތުރުން ވެސް ޔޫރަޕިއަން ޔޫނިއަންގެ ސިޔާސަތުތައް ކަނޑައަޅާ އެންމެ ބޮޑު ދެ ވުޒާރާކަމުގައިވާ ކޮމިޝަނާއި ކައުންސިލުން ވެސް ވަނީ މުވައްޒަފުންގެ ފޯނުތަކުގައި ޓިކްޓޮކް ބޭނުންކުރުން ސަލާމަތީ ސަބަބުތަކާ ހުރެ މިދިޔަ މަހު މަނާކޮށްފަ އެވެ.

ޓިކްޓޮކް ބޭނުންކުރާ ލަސްޓަމަރުންގެ ލޮކޭޝަނާއި ކޮންޓެކްޓު މައުލޫމާތުތައް ޗައިނާ ސަރުކާރަށް ލިބިދާނެ ކަމުގެ ކަންބޮޑުވުންތައް ދުނިޔޭގެ އެކި ހިސާބުތަކުގައި ވަނީ ބޮޑުވެފަ އެވެ. އަދި މި އެޕްލިކޭޝަންގެ ސަބަބުން ގައުމީ ސަލާމަތަށް ބިރުތަކެއް އޮތް ކަމަށް އެމެރިކާގެ އެފްބީއައިގެ ޑިރެކްޓަރު ކްރިސްޓޮފާ ވްރޭ ވަނީ ނޮވެމްބަރު މަހު ވިދާޅުވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް