
މެޓަ
މެޓައިން ޓުވިޓާއާ ވާދަވެރި ހިދުމަތެއް ފެށުމަށް ވިސްނަނީ
ފޭސްބުކް އާއި އިންސްޓަގްރާމްގެ ވެރި މެޓަ ކުންފުނިން ޓުވިޓާއާ އެއްގޮތް ސޯޝަލް މީޑިއާ އެޕްލިކޭޝަނެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަން ހާމަކޮށްފި އެވެ.
"[ހަމައެކަނި] ލިޔުމުން އަޕްޑޭޓުތައް ޝެއާ ކުރެވޭ ވަކިން މަސައްކަތް ކުރާނެ ސްޓޭންޑްއަލޯން ސޯޝަލް ނެޓްވޯކެއް ބަލަމުން އަހަރެމެން މި ދަނީ،" މެޓަގެ ތަރުޖަމާނަކު ބީބީސީއަށް ވިދާޅުވި އެވެ.
"އަހަރެމެން ގަބޫލުކުރާ ގޮތުގައި ކްރިއޭޓިވް އަދި މަޝްހޫރު މީހުން އެ މީހުން ޝައުގުވެރިވާ ކަންކަމާ ބެހޭ އަޕްޑޭޓުތައް ވަގުތުން ޝެއާކޮށްލެވޭނެ ވަކި ތަނަކަށް ފުރުސަތު އެބަ އޮތް."
ޓުވިޓާއާ އެއްގޮތް އެޕެއް ލޯންޗުކޮށްފި ނަމަ އީލޮން މަސްކު މިހާރު ހިންގަވަމުން ގެންދަވާ ޓުވިޓާ ކުންފުންޏަށް ކުރިމަތިވެފައިވާ ހަލަބޮލިކަމުގެ ފައިދާ މެޓައަށް ނެގިދާނެ އެވެ. މަސްކު ޓުވިޓާ ކުންފުނި ބައްލަވައިގެންނެވި ފަހުން އެ ހިދުމަތުގައި އިޝްތިހާރު ކުރަމުން އައި ގިނަ ކަސްޓަމަރުން ބޭތިއްބުމަށް ބޮޑެތި ގޮންޖެހުންތަކަކާ ވަނީ ކުރިމަތިވެފަ އެވެ.
ސަސްޕެންޑުކޮށްފައި ހުރި ބައެއް ކަސްޓަމަރުންގެ އެކައުންޓުތައް ދޫކޮށްލައި ވެރިފިކޭޝަންއަށް ފައިސާ ދައްކަން ޖެހޭ ހިދުމަތެއް ފެށުމާ އެކު، ކުންފުނިތަކުގެ ނަންނަމުގައި އެކައުންޓުތައް ހޯދާ ސްކޭމަރުން އިތުރުވެ، ޓުވިޓާއަށް އޮތް އިތުބާރު ވިޔަފާރިތަކުގެ މެދުގައި ވަނީ ވަރަށް ބޮޑަށް ވެއްޓިފަ އެވެ.
މަނީއޮންލައިން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، 'ޕީ92'ގެ ކޯޑު ނަން މިވަގުތު ދީފައިވާ މެޓައިން ޓެސްޓުކުރަމުން އަންނަ ހިދުމަތް ބޭނުން ކުރުމަށް އިންސްޓަގްރާމްގެ ލޮގްއިން ތަފްސީލުތައް ކަސްޓަމަރުންނަށް ބޭނުންކުރެވޭނެ އެވެ. އަދި ޕީ92ގެ ފްރޭމްވޯކް 2016ގައި ލޯންޗުކުރި ޓުވިޓާއާ އެއްގޮތް މަސްޓޮޑޮން ހިދުމަތާ އެއްގޮތް ވާނެ ކަމަށް ވެސް މަނީއޮންލައިން އިން ވަނީ ރިޕޯޓުކޮށްފަ އެވެ.
މެޓައިން އާ ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގެ މަސައްކަތް ކުރަމުން މި އަންނަނީ އެ ކުންފުނީގެ އެންމެ ބޮޑު ޕްލެޓްފޯމް ފޭސްބުކްއަށް ޒުވާން ކަސްޓަމުން ހޯދަން ގޮންޖެހުންތަކަކާ ކުރިމަތިވެފައި ވަނިކޮށެވެ. އަދި މެޓައިން ބޮޑެތި އިންވެސްޓްމަންޓުތަކެއް ކޮށްފައިވާ މެޓަވާސްގެ މަގުބޫލުކަން ވެސް އަދި ރަނގަޅަށް ވައިގަ ނުހިފާ އުޅެނިކޮށެވެ.
ވާދަވެރި ޓިކްޓޮކްއާ ގުޅިގެން މެޓަގެ އިންސްޓަގްރާމްގައި ހަރަކާތްތެރި ވަމުން އަންނަ ކޮންެޓެންޓު އުފައްދާ ފަރާތްތަކާއި އިންފްލުއެންސަރުން ބޭތިއްބުމަށް ވެސް އެ ކުންފުންޏަށް ބޮޑެތި ގޮންޖެހުންތަކަކާ ވަނީ ކުރިމަތިވެފަ އެވެ.