
އެސްޓްރޮނޮމަރުންނަށް މިފަހުން ފެނުނު ގިނިހިލައިގެ ކުރެހުމެއް.
ދުނިޔެއަށް ވެއްޓުމުގެ ކުޑަ ފުރުސަތެއް އޮތް ގިނިހިލައަކަށް ނާސާއިން ފާރަލަނީ
މީގެ 23 އަހަރު ފަހުން ދުނިޔެއަށް ވެއްޓުމުގެ "ކުޑަ ފުރުސަތެއް" އޮތް ގިނިހިލައެއް ފެނި ފާރަލާން ފަށާފައިވާ ކަމަށް ނާސާގެ ޕްލެނެޓަރީ ޑިފެންސް ކޯޑިނޭޝަން އޮފީހުން ބުނެފި އެވެ.
ޔޫރަޕުގެ ޖައްވީ އިދާރާއިން އަންދާޒާކުރާ ގޮތުގައި އޮލިމްޕިކް ސްވިމިން ޕޫލެއް ވަރުވާ މި ގިނިހިލަ ދުނިޔެއަށް ވެއްޓުމުގެ ފުރުސަތު އޮތް މިންވަރަކީ 625 އިން 1 އެވެ. އަދި ނާސާގެ ޖެޓު ޕްރޮޕަލްޝަން ލެބޯޓްރީގެ ހިސާބުތަކުން ދައްކަނީ 560 އިން 1 އެވެ.
މި ގިނި ހިލަ ދުނިޔެއަށް ވެއްޓުނަސް ވެއްޓޭނީ 2046 ވަނަ އަހަރުގެ 14 ފެބްރުއަރީގައި ކަމަށް ނާސާއިން އަންދާޒާކުރެ އެވެ.
ދުނިޔޭގައި ޖެހުމުގެ ފުރުސަތު ކަނޑައެޅުމުގައި ގެންގުޅޭ ޓޮރީނޯ އިމްޕެކްޓު ހަޒާޑް މިންގަނޑުން މި ގިނިހިލައަށް ދީފައި ވަނީ 10 އިން 1 އެވެ. މިއީ ދުނިޔޭގައި ޖެހިދާނެ ކަމަށް ބެލެވިގެން ނާސާއިން ބަލަހައްޓަމުން އަންނަ ލިސްޓުގައި 1 އަށް އެރި ފުރަތަމަ ގިނިހިލަ އެވެ. އެހެން ހުރިހާ ގިނިހިލަތައް މިވަގުތު ހުރީ 0ގަ އެވެ.
'2023 ޑީޑަބްލިއު 23'ގެ ނަންދީފައިވާ މި ގިނިހިލައަށް ޓޮރީނޯ އިމްޕެކްޓު ހަޒާޑް މިންގަނޑުން 1 ދިން ނަމަވެސް "ދުނިޔޭގައި ޖެހުމުގެ ފުރުސަތު ވަރަށް ކުޑަ" ކަމަަށާއި "އާންމުން ކަންބޮޑުވާން ނުޖެހޭ" ކަމަށް ނާސާގެ ޖެޓް ޕްރޮޕަލްޝަން ލެބޯޓްރީން ވަނީ ބުނެފަ އެވެ.
"މިއާ މެދު މާ ބޮޑަކަށް ކަންބޮޑެއް ނުވޭ،" އެ ލެބޯޓްރީގެ ނެވިގޭޝަން އިންޖިނިއަރު ޑާވިޑެ ފާނޯޗިއާ ވިދާޅުވި އެވެ.
ނާސާގެ އޮފިޝަލުން ބުނި ގޮތުގައި ކުރިއަށް އޮތް ތަނުގައި މި ގިނިހިލައާ ބެހޭ އިތުރު ތަހްލީލުތައް ކުރެވެމުން އަންނަ ވަރަކަށް މަންޒަރު އިތުރަށް ސާފުވެ މިހާރުގެ ހިސާބުތަކަށް ބަދަލު އައުން އެކަށީގެންވެ އެވެ.
ގިނިހިލައެއް ފުރަތަމަ ފެންނައިރު، އޭގެ ސަބަބުން ދުނިޔެއަށް އޮތް ބިރު ބޮޑު ކަމަށް ނަގައިގަނެވުމަކީ އާންމު ކަމެކެވެ. މިހެން މިކަން ދިމާވަނީ މިފަދަ އެއްޗެހި ދަތުރުކުރަމުން އަންނަ މަގު ފުރަތަމަ ހިސާބު ޖަހަނީ މަދު ވަސީލަތްތަކެއް ބޭނުންކޮށްގެން ކަމުގައި ވުމުން ކަމަށް ޖެޓް ޕްރޮޕަލްޝަން ލެބޯޓްރީގެ ނިއާ އާތު އޮބްޖެކްޓު އޮފީހުން ބުންޏެވެ.
'2023 ޑީޑަބްލިއު 23' ގިނިހިލަ ފުރަތަމަ ފާހަގަ ކުރެވިފައި ވަނީ މިދިޔަ މަހުގެ 2 ވަނަ ދުވަހު އެވެ. މިވަގުތު މި ގިނިހިލަ ދަތުރުކުރަމުންދަނީ ސިކުންތަކު 15.5 މޭލުގެ ބާރުމިނެއްގަ އެވެ.
ކޮމެންޓް