މެޓަ.
މެޓައިން އަނެއްކާ ވެސް އެތައް ހާސް މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރަނީ: ރިޕޯޓް
މެޓައިން އަނެއްކާ ވެސް އެތައް ހާސް މުވައްޒަފުންނެއް ވަޒިފާއިން ވަކިކުރަން މިހަފްތާ ތެރޭ އިއުލާނު ކުރާނޭ ކަމަށް ބްލޫމްބާގް ނޫހުން އިއްޔެ ރިޕޯޓުކޮށްފި އެވެ.
މެޓައިން އެންމެ ފަހުން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކޮށްފައި ވަނީ ހުސްވި ނޮވެމްބަރު މަހު އެވެ. ކުންފުނީގެ ތާރީހުގައި ވެސް އެންމެ ގިނަ އަދަދަކަށް މުވައްޒަފުން ވަކިކުރި އެފަހަރު 11،000 އަށް ވުރެ ގިނަ މުވައްޒަފުން ދޫކޮށްލެވުނެވެ.
އަދި މިފަހަރު ވަޒީފާތައް މަދުކުރަން ނިންމާފައި ވަނީ މާލީ އަމާޒުތައް ހާސިލު ކުރުމަށް ކަމަށް މިކަމާ ބެހޭ މައުލޫމާތު ލިބިފައިވާ ބައެއް މީހުންނާ ހަވާލާދީ ބްލޫމްބާގުން ރިޕޯޓުކޮށްފައިވެ އެވެ.
މެޓައިން މުވައްޒަފުން މަދުކުރަން އުޅޭކަން ވޮޝިންޓަން ޕޯސްޓުން ވެސް މިދިޔަ މަހު ވަނީ ރިޕޯޓުކޮށްފަ އެވެ. އެރިޕޯޓުގައިވާ ގޮތުން ހުސްވި ނޮވެމްބަރުގެ ވަޒީފާ މަދުކުރުންތަކަކީ ފެށުމެއް ކަމަށް ސީއީއޯ މާކް ޒަކަބާގް ވަނީ އިންވެސްޓަރުން ކައިރީ ވިދާޅުވެފަ އެވެ. އަދި ކުންފުނީގެ ސްޓްރަކްޗާ ހަނިކޮށް މެދުތެރޭ މެނޭޖްމަންޓު އިތުރަށް މަދުކުރާނޭ ކަމަށް ޒަކަބާގް ވިދާޅުވެފައިވެ އެވެ.
ޓެކްނޮލޮޖީ ސިނާއަތުގެ ބޮޑެތި ގިނަ ކުންފުނިތަކަކުން ވަނީ ކޮވިޑު ތެރޭގައި ވިޔަފާރި ރަނގަޅުވުމުގެ ސަބަބުން ވަރަށް ގިނަ އަދަދަކަށް އާ މުވައްޒަފުންނަށް ވަޒީފާ ދީފަ އެވެ. ނަމަވެސް އިގްތިސާދީ ހީނަރުކަމާ އެކު ގިނަ ގައުމުތަކެއްގައި އިންޓްރެސްޓް ރޭޓު މަތިވެ މުދަލުގެ އަގުތައް އުފުލެމުން ދިޔުމާ ގުޅިގެން ކުންފުނިތަކުން އަންނަނީ ހަރަދުތައް މަދުކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުން ނެވެ.
އެއް އިރެއްގައި 1 ޓްރިލިއަން ޑޮލަރުގެ އަގެއް ހުރި މެޓަ ކުންފުނީގެ ޖުމުލަ އަގު މިހާރު ހުރީ 446 ބިލިއަން ޑޮލަރުގަ އެވެ.
ހުސްވި ޖަނަވަރީ މަހު އެކަނި ވެސް އެމެރިކާގެ ޓެކްނޮލޮޖީ ސިނާއަތުގައި މަސައްކަތް ކުރަމުން އައި 100،000 އެއްހާ މުވައްޒަފުން ވަޒީފާއިން ވަކިކުރެވިފަައިވާ ކަމަށް ވަޒީފާތަކާ ބެހޭ ކުންފުނި ޗެލެންޖާ، ގްރޭ އެންޑް ކްރިސްމަސް އިން ނެރެފައިވާ ރިޕޯޓެއްގައިވެ އެވެ.