އިލެކްޓްރިކް އުޅަނދުތަކާއި ކޮމްޕިއުޓަރު ޗިޕުތައް އުފައްދަން ފޮކްސްކޮން އިން ދަނީ ވިސްނަމުން.
އިލެކްޓްރިކް އުޅަނދުތަކާއި ޗިޕު އުފެއްދުމަށް ފޮކްސްކޮން އިން އިންޑިއާއަށް ބަލަނީ
އިލެކްޓްރޯނިކް އުޅަނދުތަކާއި ކޮމްޕިއުޓަރު ޗިޕުތައް އުފެއްދުން ފަދަ އާ ވިޔަފާރިތައް ފެށުމަށް އިންޑިއާގެ އެހީތެރިކަން ހޯދަމުން އަންނަ ކަމަށް އެޕަލްގެ ސަޕްލަޔަރު ފޮކްސްކޮން އިން ބުނެފި އެވެ.
ޗައިނާގައި ކުރިއަށް ދިޔަ ހަރުކަށި ކޮވިޑު ސިޔާސަތުތަކާއި ހުޅަނގާއި ބެއިޖިންގްއާ ދެމެދު ގޯސްވަމުން އަންނަ ގުޅުމާ ގުޅިގެން މަޝްހޫރު އެޕަލް ކުންފުނިން އަންނަނީ އެކުންފުނީގެ ކާރުހާނާތައް ޗައިނާއަށް ބޭރަށް ބަދަލު ކުރަމުން ނެވެ.
އިންޑިއާގައި 2017 ވަނަ އައިފޯނު އުފައްދަން ފަށާފައި ވާއިރު މިވަގުތު އައިފޯނުގެ %5 އާއި %7 އުފައްދަމުން އަންނަނީ ފޮކްސްކޮންގެ ދަށުން އެގައުމުގަ އެވެ. އަދި މިއަދަދު %25 އަށް މައްޗަށް ޖެއްސުމަށް ބޭނުންވާ ކަމަށް އިންޑިއާގެ ވިޔަފާރިއާ ބެހޭ ވަޒީރު ވަނީ ޖަނަވަރީ މަހު ވިދާޅުވެފަ އެވެ.
ކޮންޓްރެކްޓު އުސޫލުން އިލެކްޓްރޯނިކް ސާމާނު އުފައްދަމުން އަންނަ ދުނިޔޭގެ އެންމެ ބޮޑު ކުންފުނި ފޮކްސްކޮން އިން މައުލޫމާތު ދިންގޮތުގައި އެކުންފުނީގެ ޗެއާމަން ލިއު ޔަންގް-ވޭ ވަނީ ފެބްރުއަރީ 27 އިން މާޗު 4 އަށް އިންޑިއާއަށް ދަތުރުފުޅެއް ކުރައްވާފަ އެވެ.
"އަހަރެން މިހަފްތާގައި ކުރި ދަތުރުގެ ބޭނުމަކީ ފޮކްސްކޮންގެ ޕާޓްނާޝިޕުތައް ވަރުގަދަކޮށް، ޒަމާންވީ ރަހުމަތްތެރިންނާ ބައްދަލުކޮށް އާ ރަހުމަތްތެރިން ހޯދާ، އަދި އިލެކްޓްރިކް ވެހިކަލްތަކާއި ސެމީ ކޮންޑަކްޓާ އުފެއްދުމުގައި އެހީތެރިކަން ހޯދުން،" ލިއު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެ އެވެ. އަދި ކުންފުންޏަށާއި ކުންފުންޏާ ގުޅުން ހުރި ހުރިހާ ފަރާތްތަކަށް އެންމެ ފައިދާވާނެ ފުރުސަތުތައް ހޯދުމަށް އިންޑިއާގެ ސަރަހައްދީ ސަރުކާރުތަކާ އެކު ވާހަކަދައްކަމުން ގެންދާނެ ކަމަށް ލިއު ވިދާޅުވެފައިވެ އެވެ.
ހަލުވިކަމާ އެކު ކުރިއަރަމުން އަންނަ އިލެކްޓްރިކް އުޅަނދުތައް އުފައްދާ ސިނާއަތަށާއި ކޮމްޕިއުޓަރު ޗިޕުގެ ސިނާއަތަށް ވަނުމަށް ފޮކްސްކޮން އިން ބޭނުންވެ އެވެ.
ލިއުގެ ދަތުރުފުޅަށް ފަހު އިންޑިއާގައި އެއްވެސް އިންވެެސްޓްމަންޓެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމުގެ އިޝާރާތެއް އަދި ފޮކްސްކޮން އިން ދީފައެއް ނުވެ އެވެ.
އައިފޯނު އުފައްދާ އިތުރު ކާރުހާނާއެއް އިންޑިއާގެ ކަރްނަޓަކާ ސްޓޭޓުގައި އެޅުމަށް ހަމަޖެހިފައިވާ ކަމަށް އެ ސްޓޭޓުގެ ސަރުކާރުން މިދިޔަ ހުކުރު ދުވަހު ވަނީ އިއުލާނުކޮށްފަ އެވެ.
މިވަގުތު އެޕަލްގެ އައިފޯނުތައް އިންޑިއާގައި އުފައްދަމުން އަންނަ ތިން ކުންފުންޏަކީ ޓަމިލް ނާޑޫގައި ހަރަކާތްތެރިވަމުން އަންނަ ފޮކްސްކޮން އާއި ޕެގަޓްރޮން އާއި ކަރްނަޓަކާގައި އޮޕަރޭޓު ކުރަމުން އަންނަ ވިސްޓްރޯން ކުންފުން ޏެވެ.