ފޮކްސްކޮންގެ ފެކްޓަރީއެއްގައި މުވައްޒަފަކު މަސައްކަތް ކުރަނީ.

އައިފޯން

ފޮކްސްކޮން އިން އިންޑިއާގައި އައިފޯން ފެކްޓަރީއެއް އަޅަނީ

ބެންގަލޫރުގައި އަޅާ މި ކާރުހާނާއާ އެކު 100،000 ވަޒީފާ އުފެދޭނެ ކަމަށް އިންޑިއާގެ އޮފިޝަލުން ވިދާޅުވޭ

އެޕަލް ކުންފުނީގެ އެންމެ ބޮޑު އެއް ސަޕްލަޔަރު އަދި އައިފޯނުގެ ގިނަ ބައިތަކެއް އުފައްދަމުން އަންނަ ފޮކްސްކޮން ކުންފުނިން އިންޑިއާގެ ކަރްނާޓަކާ ސްޓޭޓުގައި އައިފޯނު ކާރުހާނާއެއް އެޅުމަށް 700 މިލިއަން ޑޮލަރު އިންވެސްޓުކުރަން ހަމަޖެހިފައިވާ ކަމަށް ވިޔަފާރި ހަބަރުތައް ގެނެސްދޭ ބްލޫމްބާގް އިން އިއްޔެ ބުނެފި އެވެ. 

މިކަމާ ބެހޭ މައުލޫމާތު ލިބިފައިވާ ފަރާތްތަކާ ހަވާލާދީ ބްލޫމްބާގް އިން ރިޕޯޓުކުރި ގޮތުގައި ފޮކްސްކޮންގެ ކާރުހާނާ އެޅުމަށް ހަމަޖައްސާފައި ވަނީ ބެންގަލޫރުގެ ކެމްޕެގޯޑާ އިންޓަނޭޝަނަލް އެއާޕޯޓާ ކައިރީގައި އޮތް 300 އޭކަރުގެ ސަރަހައްދެއްގަ އެވެ. 

އިންޑިއާގެ ހުޅަނގު ދެކުނުގައި އޮންނަ ބެންގަލޫރަކީ ކަރްނާޓަކާ ސްޓޭޓުގެ ވެރިރަށެވެ. އިންޖިނިއަރިން އާއި ޓެކްނޮލޮޖީގެ ހަބެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ބެންގަލޫރަކީ އިންޑިއާގެ އެންމެ އުފެއްދުންތެރި އެއް ސިޓީ ވެސް މެ އެވެ. 

އިންޑިއާ ސަރުކާރުގެ ބައެއް އޮފިޝަލުން ބްލޫމްބާގްގެ މި ހަބަރު ކަށަވަރު ކޮށްދީފައި ވާއިރު، މި ކާރުހާނާއާ އެކު 100،000 ވަޒީފާ އުފެދޭނެކަން އެ އޮފިޝަލުން ފާހަގަ ކުރެއްވި އެވެ. މި ޕްރޮޖެކްޓު ވެގެން ދާނީ އިންޑިއާގައި ފޮކްސްކޮން އިން ކުރާ އެންމެ ބޮޑު އެއް އިންވެސްޓްމަންޓަށް ކަމަށް ބްލޫމްބާގް އިން ރިޕޯޓުކޮށްފައިވެ އެވެ.

އެޕަލްގެ ކާރުހާނާތައް އިންޑިއާއަށް ބަދަލު ކުރުމާ ގުޅޭ (ވީޑިއޯ/ސީއެންބީސީ)

ފާއިތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭ ޓެކްނޮލޮޖީ ސިނާއަތުގެ ގިނަ ސަޕްލަޔަރުންތަކެއް އަންނަނީ ޒަމާންތަކެއް ވަންދެން ކާރުހާނާތައް ގާއިމުކޮށް ހިންގަމުން އަންނަ ޗައިނާއާ ދުރަށް ދިޔުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ މައިގަނޑު ދެ ސަބަބެއް ކަމުގައި ވެފައި ވަނީ ޗައިނާ ސަރުކާރުން ތަންފީޒު ކުރަމުން ދިޔަ ހަރުކަށި ކޮވިޑުގެ ފިޔަވަޅުތަކާއި، ހުޅަނގާއި ބެއިޖިންއާ ދެމެދު ބޮޑުވަމުންދާ ހިޔާލު ތަފާތުވުންތަކެވެ. 

މިއާއެކު، ޗައިނާއިން ބޭރުގައި ކާރުހާނާ އެޅުމަށް ބައެއް ޓެކްނޮލޮޖީ ކުންފުނިތަކަށް އެންމެ ކަމުދާ ދެ ގައުމަކަށް ވަމުން އަންނަނީ އިންޑިއާ އާއި ވިއެޓްނާމެވެ. އެޕަލް އިން މިހާރު ވެސް އިންޑިއާގައި އައިފޯނުގެ ބައެއް މޮޑެލްތައް އުފައްދަމުން އަންނަ އިރު އެޕަލްގެ ޖުމްލަ އުފެއްދުންތަކުގެ %25 އިންޑިއާއަށް ބަދަލު ކުރުމަށް އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށް އިންޑިއާ ސަރުކާރާ ހަވާލާދީ ސީއެންބީސީ އިން ކުރިން ވަނީ ރިޕޯޓުކޮށްފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް