(ފޮޓޯ/ގެޓީ އިމޭޖެސް)

ޔޫޓިއުބްގެ ސީއީއޯ ސޫސަން ވޮޗިސްކީ އިސްތިއުފާ ދެއްވައިފި

ވޮޗިސްކީ ގޫގުލްއާ ގުޅިފައި ވަނީ 1998 ވަނަ އަހަރު
19 ފެބްރުއަރީ 2023

ނުވަ އަހަރު ދުވަހު ހިދުމަތް ކުރެއްވުމަށް ފަހު އަލްފަބެޓް ކުންފުނީގެ މަޝްހޫރު ވީޑިއޯ ޝެއަރިންގް ޕްލެޓްފޯމު ޔޫޓިއުބްގެ ސީއީއޯ ސޫސަން ވޮޗިސްކީ އިސްތިއުފާ ދެއްވައިފި އެވެ. 

ބްލޮގް ޕޯސްޓެއްގައި ވޮޗިސްކީ ވިދާޅުވިގޮތުގައި އޭނާ އިސްތިއުފާ ދެއްވުމަށް ފަހު ދެން ސަމާލުކަން ދެއްވުމަށް ނިންމަވާފައި ވަނީ "އާއިލާ އަށާއި ސިއްހަތަށާއި އަދި އަހަރެން ޝައުގުވެރިވާ އަމިއްލަ ޕްރޮޖެކްޓު ތަކަ" ށެވެ. 

ވޮޗިސްކީ ދޫކޮށްލެއްވި މަގާމާ ދެން ހަވާލުވެވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ޔޫޓިއުބްގެ ޗީފް ޕްރޮޑަކްޓް އޮފިސަރުގެ މަގާމުގައި މިހާރު ހުންނެވި ނީލް މޯހަން އެވެ. 

"މިއީ އަހަންނަށް ރަނގަޅު ވަގުތެއް ކަމުގައި ދެކެން. އަދި އަހަންނަށް މިކަން ކުރެވޭނެހެން ހީވަނީ ޔޫޓިއުބްގައި ކުޅަދާނަ ލީޑާޝިޕް ޓީމެއް އޮތުމުން،" ވޮޗިސްކީ ވިދާޅުވި އެވެ. 

އަދި "ކުރު މުއްދަތުގައި" މިއަންނަ ބަދަލުތަކާ ގުޅިގެން ނީލް އަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވެސް ވޮޗިސްކީ ވިދާޅުވި އެވެ. 

ޔޫޓިއުބް ޓީވީ އާއި ޔޫޓިއުބް މިއުޒިކް، ޕްރިމިއަމް އަދި ޝޯޓްސް ލޯންޗު ކުރުމުގައި މޯހަން ކުރެއްވި މަސައްކަތްތައް ފާހަގަ ކުރައްވައި ވޮޗިސްކީ ވަނީ އޭނާގެ ބްލޮގުގައި ނީލް މޯހަން އަށް ތައުރީފު ކުރައްވައިފަ އެވެ. 

އަދި އިސްތިއުފާ ދެއްވި ނަމަވެސް "އަލްފަބެޓް އާއި ގޫގުލްގެ ކަންކަމުގައި ލަފާ އެރުވުމުގެ ރޯލެއް" ފުރުއްވުމަށް އަލްފަބެޓްގެ ސީއީއޯ ސުންދަރް ޕިޗާއި ދެއްވި ދައުވަތެއް ގަބޫލުފުޅު ކުރައްވާފައިވާ ކަން ވެސް ވޮޗިސްކީ ހާމަ ކުރެއްވި އެވެ.

ޔޫޓިއުބްގެ ސީއީއޯ ސޫސަން ވޮޗިސްކީ އިސްތިއުފާ ދެއްވުމާ ގުޅޭ (ވީޑިއޯ/ބްލޫމްބާގް ޓެލެވިޝަން)

ވޮޗިސްކީ ގޫގުލްއާ ގުޅުނީ އެކުންފުނީގެ ދެބާނީން ކަމުގައިވާ ސަރްގޭ ބްރިން އާއި ލެރީ ޕޭޖް 1998 ވަނަ އަހަރު އެކުންފުނި އުފެއްދެވި ހިސާބުން ނެވެ. ގޫގުލްގެ ފުރަތަމަ އޮފީހެއް ކަމުގައި ވެގެންދިޔައީ ވޮޗިސްކީ ދިރިއުޅުއްވަމުން ގެންދެވި ގޭގެ ގަރާޖެވެ. އަދި އޭގެ އަހަރެއް ފަހުން ވޮޗިސްކީ ވަނީ އެކުންފުނީގެ ފުރަތަމަ މާކެޓިން މެނޭޖަރުގެ މަގާމާ ހަވާލުވެވަޑައިގެންފަ އެވެ. 

ވޮޗިންސްކީ މިލްކިއްޔާތު މިވަގުތު އުޅެނީ 700 މިލިއަން ޑޮލަރުން މަތީގަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް