(ފޮޓޯ/ހުއާވޭސެންޓްރަލް)

ހުއާވޭ އިން އާމްދަނީ އިތުރުކުރުމަށް އޮއްޕޯއަށް 5ޖީ ޕޭޓަންޓްތައް ލައިސެންސް ކުރަނީ

މިއީ އެމެރިކާގެ ސަރުކާރުގެ ފިއްތުންތަކާ ގުޅިގެން ހުއާވޭއިން އަޅަން ނިންމާފައިވާ ފިޔަވަޅެއް
11 ޑިސެމްބަރު 2022

އެމެރިކާ ސަރުކާރުން ހުއާވޭ ކުންފުނީގެ ސްމާޓްފޯނު ވިޔަފާރިއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން އެ ކުންފުނީގެ 5ޖީ ޓެކްނޮލޮޖީތައް ވާދަވެރި އޮއްޕޯ ކުންފުންޏަށް ލައިސެންސެއްގެ ދަށުން ދޫކުރުމަށް ނިންމާފައިވާކަން ހުއާވޭއިން ހާމަކޮށްފި އެވެ.

ދުނިޔޭގައި ސްމާޓްފޯނު އުފައްދާ ހަތަރުވަނަ އަށް އެންމެ ބޮޑު އޮއްޕޯ ކުންފުންޏާއި ހުއާވޭ އިން ވަނީ 'ބައިނަލްއަގްވާމީ ޕޭޓަންޓް ކްރޮސް-ލައިސެންސިން އެގްރީމަންޓެއް'ގައި ސޮއިކޮށްފަ އެވެ. މި އެގްރީމަންޓުގައި 5ޖީ ފަދަ ސެލިއުލާ ޕޭޓަންޓުތައް ވެސް ހިމެނެ އެވެ.

ސެލިއުލާ ޓެކްނޮލޮޖީގެ އާ ޖެނެރޭޝަނެއް އުފެއްދުމަށްޓަކައި ބައިނަލްއަގްވާމީ އާ ގަވާއިދުތަކެއް ޓެކްނޮލޮޖީގެ ގޮތުން އުފައްދަން ޖެހެ އެވެ. މިއީ ދުނިޔޭގެ އެކި 5ޖީ ނެޓްވޯކުތައް އެކުއެކީގައި މަސައްކަތްކޮށް، ސްމާޓްފޯނުތަކަށް މުވާސަލާތީ ގާބިލުކަން ލިބުމަށް ފަރުމާކުރަން ޖެހޭ ޕްރޮޓޮކޯލުތަކަކާއި ޓެކްނިކަލް ސްޕެސިފިކޭޝަންތަކެކެވެ. މިފަދަ ޓެކްނޮލޮޖީތައް އުފައްދާ ކުންފުނިތަކުން އެ އީޖާދުތައް ޕޭޓަންޓު ކުރަނީ އެހެން ކުންފުނިތަކުން އެ ޓެކްނޮލޮޖީތައް ހުއްދަ ނެތި ބޭނުން ކުރުން މަނާކުރުމަށްޓަކަ އެވެ. 

ހުއާވޭ އަކީ ދުނިޔޭގައި 5ޖީ ޓެކްނޮލޮޖީގެ ގިނަ ޕޭޓަންޓުތަކެއް ގެންގުޅޭ އެއް ކުންފުންޏެވެ. މިހާތަނަށް އައި އިރު މިފަދަ ޕޭޓަންޓުތައް އެހެން ކުންފުނިތަކަށް ދޫކޮށްގެން އާމްދަނީ ހޯދުމުގެ ވިސްނުމެއް ހުއާވޭ އިން ގެންގުޅެފައެއް ނުވެ އެވެ.

ނަމަވެސް 2019 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސަރުކާރުން ޗައިނާގެ މުވާސަލާތީ ކުންފުނިތަކާ މެދު އަޅަމުންދާ ފިޔަވަޅުތަކާ އެކު ހުއާވޭގެ ވަރުގަދަ ސްމާޓްފޯނު ވިޔަފާރި ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. އަދި ވާދަވެރި ކުންފުނިތަކަށް ޕޭޓަންޓުތައް ވިއްކަން ފަށާނެކަމުގެ އިޝާރާތެއް ހުއާވޭ އިން މިދިޔަ އަހަރު ދިނެވެ.

ޕޭޓަންޓު ވިއްކައިގެން 2019 އިން 2021 ވަނަ އަހަރުގެ ނިޔަލަށް 1.2 އާއި 1.3 ބިލިއަން ޑޮލަރާ ދެމެދުގެ އާމްދަނީއެއް ލިބޭނެކަމަށް ހުއާވޭ އިން މީގެ ކުރިން ވަނީ އަންދާޒާކޮށްފަ އެވެ. އަދި މިދިޔަ އަހަރު ނިމުނު އިރު، އަންދާޒާ ކުރި ވަރަށް ޕޭޓަންޓުތަކުން އާމްދަނީ ލިބިފައިވާކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. ނަމަވެސް، އާމްދަނީގެ ގޮތުގައި ލިބުނު އަދަދެއް އެ ކުންފުނިން ހާމަކޮށްފައެއް ނުވެ އެވެ.

ޓެކްނޮލޮޖީގެ ގޮތުން އެމެރިކާ އާއި ޗައިނާ އިން ކުރަމުންދާ ވާދަވެރި ހަނގުރާމައިގެ މުހިންމު ބަޔަކަށް 5ޖީ ވަނީ ވެފަ އެވެ. އެއީ ކޮންމެހެން ވެސް މުހިންމު ޓެކްނޮލޮޖީއެއް ކަމަށް މި ދެ ގައުމުން ވެސް ދެކެ އެވެ.

ޗައިނާ ސަރުކާރާއި ހުއާވޭއާ ދެމެދު ގުޅުން އޮންނަ ކަމަށް ތުހުމަތުކޮށް، ހުއާވޭ އިން އެމެރިކާގައި އޮޕަރޭޓު ކުރަމުން ދިޔުމުން ގައުމީ ސަލާމަތަށް ނުރައްކާތަކެއް ކުރިމަތިވަމުންދާ ކަމަށް ވޮޝިިންޓަނުން ވަނީ ތަކުރާރުކޮށް ބުނެފަ އެވެ. އަދި އެމެރިކާއިން ވަނީ ހުއާވޭ ކުންފުންޏާ ގުޅުން ކަނޑާލުމަށް އެކުވެރި އެހެން ގައުމުތަކަށް ވެސް ޕްރެޝަރު ކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް