(ފޮޓޯ/ގެޓީ އިމޭޖެސް)

އަންނަ ހަފްތާއާ ހަމައަށް ޓުވިޓާގެ އޮފީސްތައް ބަންދުކޮށްފި

ޓުވިޓާގައި ބާކީ ތިބޭނީ އެންމެ 2،000 ވަރަކަށް މުވައްޒަފުން ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުން
18 ނޮވެމްބަރު 2022

ޓުވިޓާގެ އޮފީސް އިމާރާތްތައް މިހާރުން ފެށިގެން އަންނަ ހަފްތާއާ ހަމައަށް ވަގުތީ ގޮތުން ބަންދުވާނެ ކަމަށް އެކުންފުނިން މުވައްޒަފުންނަށް އަންގައިފި އެވެ.

ޓުވިޓާއިން މިގޮތަށް އަންގާފައި މިވަނީ މުވައްޒަފުން "ދިގު އަދި ބުރަ" މަސައްކަތްތައް ކުރުމަށް ތައްޔާރަށް ނެތް ނަމަ ކުންފުނި ދޫކޮށް ދިޔުމަށް އީލޮން މަސްކު މުވައްޒަފުންނަށް ގޮވާލައްވާފައި ވަނިކޮށެވެ. މަސްކު މި ގޮވާލެއްވުމާ ގުޅިގެން ގިނަ އަދަދަކަށް މުވައްޒަފުން އަންނަނީ ޓުވިޓާއިން ވަކިވަމުން ނެވެ.

އޮފީސް ބަންދުކުރުމާ ބެހޭ ގޮތުން ޓުވިޓާއިން ނެރުނު މެސެޖުގައި "ކުންފުނީގެ ސިޔާސަތުތަކަށް އިހްތިރާމުކޮށް، ކުންފުންޏާ ބެހޭ ސިއްރު މައުލޫމާތު  ސޯޝަލް މީޑިއާ، ނޫސް މީޑިއާ އަދި އެހެނިހެން ތަންތާނގައި ހިއްސާ ނުކުރުމަށް" އެދިފައިވެ އެވެ.

ޓުވިޓާގެ މުވައްޒަފުންނަށް ފޮނުވި އީމެއިލް (ފޮޓޯ/ބީބީސީ)

މުވައްޒަފުން ބުރަ އަދި ދިގު ގަޑިރުތަކެއްގައި މަސައްކަތް ކުރުމަށް ކުރިމަތިލުމަށާއި އެކަން ފުރިހަމަ ނުކުރެވެނީ ނަމަ ކުންފުނި ދޫކޮށް ދިޔުމަށް މަސްކު ވިދާޅުވެފައިވާ ކަމަށް ނޫސްތަކުން މިހަފްތާގައި ވަނީ ރިޕޯޓުކޮށްފަ އެވެ. އަދި ކުންފުނީގައި މަޑު ކުރާނީ މިކަމަށް އެއްބަސްވާ ނަމަ ކަމަށް މަސްކު ޝަރުތު ކުރައްވާފައިވާ ކަމަށް ވޮޝިންޓަން ޕޯސްޓުން ވަނީ ރިޕޯޓުކޮށްފަ އެވެ.

އަދި ބުރާސްފަތި ދުވަހާ ހަމައަށް މިގޮތަށް އެއްބަސް ނުވާ މުވައްޒަފުންނަށް ތިން މަސް ދުވަހުގެ މުސާރަ ދީ ކުންފުނިން ވަކި ކުރެވޭނެ ކަމަށް މަސްކު ވަނީ ވިދާޅުވެފަ އެވެ.

ޓުވިޓާ ކުންފުނިން %50 މުވައްޒަފުން މަދު ކުރާކަން މިމަހު ކުރީ ކޮޅު ވަނީ އިއުލާނުކޮށްފަ އެވެ.

އަދި ކުންފުނީގެ އޮފީސްތައް ބަންދުކޮށްފައިވާ ކަމުގެ ހަބަރު އިވިގެން ގޮސްފައި މިވަނީ މަސްކުގެ އާ ޝަރުތުތަކަށް ގިނަ މުވައްޒަފުން އެއްބަސްނުވެ ކުންފުނި ދޫކޮށްލަން ނިންމާފައި ވުމުން ކަމަށް މީޑިއާއިން ދަނީ ރިޕޯޓު ކުރަމުން ނެވެ.

ޓުވިޓާގެ މުވައްޒަފުން އަންނަނީ #ލަވްވެއާޔޫވޯކްޑް ހޭޝްޓެގް އާއި ވަދާއީ ސަލާމުގެ އީމޯޖީއެއް ޖަހާ ކުންފުނިން ވަކިވާކަން ޓުވިޓާގައި ހިއްސާ ކުރަމުން ނެވެ.

މުވައްޒަފުން ބުރަ މަސައްކަތް ކުރުމަށް ނުވަތަ ކުންފުނި ދޫކޮށްލުމަށް މަސްކު އެންގެވުމާ ގުޅޭ (ވީޑިއޯ/ބީބީސީ)

ނަން ނުޖެހުމަށް އެދި ބީބީސީ އަށް މައުލޫމާތު ދެއްވި މުވައްޒަފެއް ވިދާޅުވިގޮތުގައި "މިއަދުގެ ކަންތައްގަނޑު ނިމިގެންދާއިރު ކުންފުނީގައި ތިބޭނީ 2،000 އަށް ވުރެއް މަދު މުވައްޒަފުން" ކޮޅެކެވެ. 

އަދި އޭނާގެ ޓީމުގެ އެންމެން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް އޭނާ މައުލޫމާތު ދިނެވެ. 

"ޓީމުގެ މެނޭޖަރު، އޭނާގެ މެނޭޖަރު ވެސް ކަނޑާލައިފި. އަދި އެ މެނޭޖަރުގެ މެނޭޖަރު ވެސް ކަނޑާލައިފި. ދެން އޭގެ މައްޗަށް ހުންނަ އެގްޒެކެޓިވް ވަނީ އެންމެ ފުރަތަމަ ދުވަހު ވަކިކޮށްފައި. އެހެންވެ އެ ތަނުގައި ވެރިޔަކު ނެތް."

މަސްކު ޓުވިޓާ ކުންފުނި ބައްލަވައިގަތުމުގެ ކުރިން ޓުވިޓާގައި 8،000 މުވައްޒަފުން އައީ މަސައްކަތް ކުރަމުން ނެވެ. އަދި މީގެ އިތުރުން ވެސް ކޮންޓްރެކްޓު އުސޫލުން އެތައް ހާސް މުވައްޒަފުންނެއް ޓުވިޓާގައި މަސައްކަތް ކުރަމުން ދިޔަ އެވެ. ނަމަވެސް މި އެންމެން ވެސް މިހާރު ވަނީ ޓުވިޓާއިން ވަކިކޮށްފަ އެވެ.

އެހެން މުވައްޒަފަކު މައުލޫމާތު ދިން ގޮތުގައި އޭނާ ހުރީ މަސްކުގެ ޑިމާންޑުތަކާ އެއްވަރަށް މަސައްކަތް ކުރުމަށް ތައްޔާރަށެވެ. ނަމަވެސް އޭނާ މިހާރު ވެސް ހަފްތާއަކު 70-60 ގަޑީރު މަސައްކަތް ކުރަމުން އަންނަ އިރު، އިރުކޮޅާ އީމެއިލެއް ފޮނުވާ ޓުވިޓާގައި މަސައްކަތް ކުރަން ޖެހޭނީ ވަކިން ހާއްސަ ބަޔަކު ކަމަށް ބުނެ ބިރުދައްކާ ފޮނުވަމުން އަންނަ އީމެއިލް ތަކާ ހެދި އޭނާ ވަޒީފާއިން ވަކިވާން ނިންމީ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް