(ފޮޓޯ/ ޓެސްލާރާތީ)

ޓެސްލާ

ޓެސްލާއިން ޗައިނާގައި ކާރު ވިއްކާ ގޮތާ މެދު ވިސްނަނީ

މި އަހަރުގެ ފުރަތަމަ 8 މަސް ދުވަހު ޓެސްލާއިން ވަނީ ޗައިނާގައި އުފައްދާފައިވާ 400،000 ކާރު ވިއްކާފައި
21 ސެޕްޓެމްބަރު 2022

ޓެސްލާއަށް ދެވަނައަށް އެންމެ ބޮޑު މާކެޓުކަމުގައިވާ ޗައިނާގައި އެ ކުންފުނިން ކާރު ވިއްކަމުން އަންނަ ގޮތާ މެދު ވިސްނަން ފަށައިފި އެވެ.

އެގޮތުން ވެރިރަށް ބެއިޖިންގް ފަދަ ކޮވިޑާ ގުޅިގެން ޓްރެފިކް ހުއްޓުމަކަށް އައި ޗައިނާގެ ސިޓީތަކުގެ މަޝްހޫރު މޯލްތަކުގައި ހުރި ޓެސްލާގެ ބައެއް ޝޯރޫމްތައް ބަންދުކުރަން އެ ކުންފުނިން ވިސްނަމުން ގެންދާ ކަމަށް މިކަމާ ބެހޭ މައުލޫމާތު ލިބިފައިވާ ދެ މީހަކު ވަނީ ބުނެފަ އެވެ.

މިފަދަ ސަރަހައްދުތަކުގައި ހުރި ފިހާރަތައް މީހުން މަދު އަގުހެޔޮ ސަރަހައްދުތަކަށް ބަދަލުކޮށް، ޝޯރޫމްތަކާ އެކު މަރާމާތުތައް ވެސް އެއް ފުރާޅެއްގެ ދަށުން ހިންގޭނެ ފަދަ ގޮތަކަށް ކުރިއަށް ދާން ޓެސްލާއިން ދަނީ ވިސްނަމުންނެވެ.

މިކަން ވެގެންދާނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ބާނީ އީލޯން މަސްކު ގެންގުޅުއްވާ އަމާޒަށް ވާސިލުވުމަށް ވެސް މަގުފަހިކޮށްދޭ ހެޔޮ ބަދަލަކަށެވެ.  ޓެސްލާގެ ބައެއް ކަސްޓަމަރުން ގެންދަނީ އެ ކުންފުނީގެ މަރާމާތުތައް ވަރަށް ބޮޑަށް ލަސް ކަމަށް ބުނެ ޝަކުވާ ކުރަމުންނެވެ.

މި ކަންކަން ރަނގަޅު ކުރުމަށް ޓެކްނީޝަނުންނާއި ހިދުމަތް ދޭ މުވައްޒަފުން އިތުރު ކުރުމަށް ޓެސްލާއިން ވިސްނަމުންދާ ކަމަށް، މިކަމާ ބެހޭ މައުލޫމާތު ލިބިފައިވާ އެކަކު ވަނީ ބުނެފަ އެވެ. ޓެސްލާގެ ޗައިނާއާ ބެހޭ ވަޒީފާތައް ފެންނަން ހުރި ވެބްސައިޓުގައި، މިދިޔަ ހަފްތާ ނިމުނު އިރު، ހިދުމަތާ ބެހޭ 300 އަށް ވުރެ ގިނަ ވަޒީފާ ވަނީ އިއުލާނުކޮށްފަ އެވެ.

އެމެރިކާގެ ޓެކްސަސްގެ ކަސްޓަމަރަކު އޭނާގެ ކާރު މަރާމާތުކުރެވެންދެން އެއް މަސް ދުވަސް މަޑުކުރަން ޖެހުނު ކަމަށް ބުނެ ކޮށްފައިވާ ޝަކުވާއަކަށް ޓުވިޓާގައި މިދިޔަ ހަފްތާގައި ޖަވާބު ދެއްވަމުން މަސްކު ވަނީ ޓެސްލާގެ ހިދުމަތް ރަނގަޅު ކުރުމަކީ ވަރަށް މުހިންމު އަމާޒެއް ކަމަށް ވިދާޅުވެފަ އެވެ.

ދުނިޔޭގައި ކާރު ވިއްކާ ބޮޑެތި ކުންފުނިތަކުން ޑީލަރުން މެދުވެރިކޮށް ކާރު ވިއްކާއިރު، ޓެސްލާގެ ހުރިހާ ފިހާރައެއް ހިންގަނީ އެ ކުންފުނިން އަމިއްލަ އަށެވެ. އަދި ކާރު ވިއްކަނީ ވެސް އޮންލައިންކޮށެވެ. މި ސަބަބާ ހުރެ ކާރު ވިއްކުމުގެ އުކުޅުތަކަށް ބަދަލު ގެނައުމަށް އެ ކުންފުންޏަށް އޮންނަނީ ވަރަށް ބޮޑު މިނިވަންކަމެއް ލިބިފަ އެވެ. މިއީ މަޝްހޫރު އެޕަލް އިން ވެސް އެ ކުންފުނީގެ ފިހާރަތައް ހިންގަމުން އަންނަ ގޮތެވެ.

ޓެސްލާއިން ޗައިނާގައި ކާރު ވިއްކާ ގޮތް ބަދަލުކުރުމަށް ވިސްނުމާ ގުޅޭ (ވީޑިއޯ/ ވިއޯން)

ޗައިނާގެ ޕެސެންޖާ ކާރު އެސޯސިއޭޝަނުން ބުނާ ގޮތުގައި މި އަހަރުގެ ފުރަތަމަ އަށް މަސް ދުވަހު ޓެސްލާއިން ވަނީ ޗައިނާގައި ހަދާފައިވާ މޮޑެލް 3 އަދި މޮޑެލް ވައި ކާރުތަކުގެ 400،000 ކާރު ވިއްކާފަ އެވެ. މީގެ ތެރެއިން %60 ވިއްކާފައި ވަނީ ޗައިނާ އަށެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު %67ގެ ކުރިއެރުމެކެވެ. ޗައިނާގައި އިލެކްޓްރިކް އުޅަނދު އުފައްދާ ދެވަނައަށް އެންމެ ބޮޑު ކުންފުންޏަކީ ޓެސްލާ އެވެ.

ޓެސްލާއިން ޗައިނާގައި ފުރަތަމަ ފިހާރައެއް ހުޅުވާފައި ވަނީ 2013 ވަނަ އަހަރު ވެރިރަށް ބެއިޖިންގްގަ އެވެ. އަދި މިހާރު އެ ކުންފުނިން އަންނަނީ ޗައިނާގެ އެކި ސަރަހައްދުތަކުގައި 200 އަށް ވުރެ ގިނަ ފިހާރަ ހިންގަމުންނެވެ. މި ފިހާރަތަކުގައި، ކާރު ގަންނަން ބޭނުންވާ މީހުންނަށް މޮޑެލްތައް ބަލައިލާ، ޓެސްޓުކުރުމުގެ ފުރުސަތު ހުންނަނީ ފަހިކޮށްދީފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް