Majlis 2024

(ފޮޓޯ/ ކޭޓީ އީވާ)

ސައިންސް

އާ މެލޭރިއާ ވެކްސިނުން 'ދުނިޔެ ބަދަލުކޮށްލާނެ' ކަމަށް ސައިންސްވެރިން ވިދާޅުވެއްޖެ

އާ ވެކްސިން މަސައްކަތް ކުރާ ގޮތް މާ ރަނގަޅުވެފައި، އެތައް ގުނައެއް ފުޅާކޮށް އުފެއްދުމުގެ ފުރުސަތު ހުޅުވައިދޭ
9 ސެޕްޓެމްބަރު 2022

"ދުނިޔެ ބަދަލުކޮށްލުމުގެ" ގާބިލުކަން ލިބިފައިވާ މެލޭރިއާ ވެކްސިނެއް އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް އޮކްސްފޯޑުގެ ސައިންސްވެރިންތަކެއް އުފައްދައިފި އެވެ.

ޓެސްޓުތަކުން މެލޭރިއާ ބައްޔަށް %80 ރައްކާތެރިކަން ފޯރުކޮށްދޭ މި ވެކްސިން އަންނަ އަހަރު އާންމުންނާ ހަމައަށް ނެރެވޭނެ ކަމަށް ސައިންސްވެރީންގެ މި ޓީމުން ގަބޫލު ކުރެ އެވެ. 

އަދި އެންމެ މުހިންމު ކަމަކަށް، މި ވެކްސިން އަގުހެޔޮވާނެ ކަމަށާއި އަހަރަކު 100 މިލިއަން ޑޯޒު އުފެއްދުމަށް ވެކްސިން އުފައްދާ ކުންފުންޏަކާ އެކު އެއްބަސްވުމެއް ހަދާފައިވާ ކަމަށް މި ސައިންސްވެރިން ވިދާޅުވި އެވެ.

މި ހަބަރާ ގުޅިގެން، ހިލޭ ސާބަހަށް މަސައްކަތް ކުރާ މެލޭރިއާ ނޯ މޯ ޖަމިއްޔާއިން ވަނީ "އަހަރެމެންގެ ހަޔާތުގައި" މެލޭރިއާ ބަލިން ކުޑަކުދިން މަރުވުން ހުއްޓުވިދާނެ ކަމަށް ބުނެފަ އެވެ.

މެލޭރިއާ ޖެހެނީ މަދިރިން ފެތުރޭ އަތުޖައްސަން އުނދަގޫ ޕެރެސައިޓަކުންނެވެ. މި ޕެރެސައިޓު ހަށިގަނޑުގެ ތެރޭ ހުއްޓުމެއް ނެތި ދަތުރުކޮށް ސިފަ ބަދަލުކޮށް ހަދަ އެވެ. އެހެންކަމުން މެލޭރިއާއާ ދެކޮޅަށް ރަނގަޅަށް މަސައްކަތް ކުރާ ވެކްސިނެއް އީޖާދު ކުރުމަށް ގަރުނަކަށް ވުރެ ގިނަ ދުވަސް މި ވަނީ ހޭދަވެފަ އެވެ.

އިނގިރޭސިވިލާތުގެ ބޭސް އުފައްދާ ބިޔަ ޖީއެސްކޭ ކުންފުނިން އުފައްދާފައިވާ މެލޭރިއާ ވެކްސިނެއް ފުރަތަމަ ފަހަރަށް އެފްރިކާގައި ބޭނުން ކުރުމަށް މިދިޔަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ހުއްދަދީފަ އެވެ.

ނަމަވެސް އޮކްސްފޯޑު ޓީމުގެ ސައިންސްވެރިން ވިދާޅުވި ގޮތުގައި އެމީހުން މި އުފެއްދި ވެކްސިން މަސައްކަތް ކުރާ ގޮތް މާ ރަނގަޅުވެފައި، އެތައް ގުނައެއް ފުޅާކޮށް އުފެއްދުމުގެ ފުރުސަތު ހުޅުވައިދެ އެވެ.

އެފްރިކާގެ ބުރްކީނާ ފާސޯގައި 409 ކުއްޖަކަށް މި ވެކްސިން ދީގެން ހެދި ޓެސްޓުތަކުގެ ނަތީޖާ ވަނީ ލޭންސެޓް އިންފެކްޝަސް ޑިޒީސަސްގައި ޝާއިއުކޮށްފަ އެވެ. މި ޓެސްޓުތަކުގެ ނަތީޖާ ދައްކާގޮތުން ކުއްޖާއަށް ފުރަތަމަ ތިން ޑޯޒު ދީ، އަދި އަހަރެއް ފަހުން ބޫސްޓަރު ޑޯޒެއް ދިނުމުން މެލެރިއާ ބަލިން %80 ރައްކާތެރިކަން ލިބިގެންދެ އެވެ.

އޮކްސްފޯޑު ޓީމުގެ ސައިންސްވެރިން ޓެސްޓުތައް ކުރައްވާފައި ވަނީ އެފްރިކާ ބައްރުގެ ހުޅަނގުގައި އޮންނަ ބުރްކީނާ ފާސޯގައި (ފޮޓޯ/ކޭޓީ އީވާ)

"އަހަރެމެން ގަބޫލުކުރާ ގޮތުގައި މިއީ މެލޭރިއާ ވެކްސިނަކުން މިހާތަނަށް ފެނިފައިވާ އެންމެ ރަނގަޅު ނަތީޖާ،" އޮކްސްފޯޑު ޔުނިވާސިޓީގެ ޖެނާ އިންސްޓިޓިއުޓްގެ ޑިރެކްޓަރު ޕްރޮފެސަރު އެޑްރިއަން ހިލް ވިދާޅުވި އެވެ.

މި ވެކްސިން އަށް ހުއްދަ ހޯދުމުގެ މަސައްކަތް ކުރިއަށް އޮތް ހަފްތާތަކުގައި މި ޓީމުން ފައްޓާނެ އެވެ. ނަމަވެސް މި ވެކްސިނާ މެދު ވަކި ގޮތެއް ނިންމުމުގައި، މި އަހަރު ނިމުމުގެ ކުރިން ހަދާ، 4،800 ކުދިންގެ މައްޗަށް އެކުލެވޭ ޓެސްޓުތަކުގެ ނަތީޖާއަށް ބަރޯސާ ވާނެ އެވެ. އަދި އެއަށް ފަހު ދުނިޔޭގެ އެންމެ ބޮޑު ވެކްސިން އުފައްދާ ކުންފުނި، ސީރަމް އިންސްޓިއިޓުޓް އޮފް އިންޑިއާ އޮތީ އަހަރަކަށް މި ވެކްސިނުގެ 100 މިލިއަން ޑޯޒަށް ވުރެ އިތުރަށް އުފައްދަން ތައްޔާރަށެވެ.

ޔުނިވާސިޓީ އޮފް އޮކްސްފޯޑުގެ ޓީމުން އުފައްދާފައިވާ އާ މެލޭރިއާ ވެކްސިނާ ގުޅޭ (ވީޑިއޯ/ ބީބީސީ)

އާރް21ގެ ނަންދީފައިވާ މި ވެކްސިން "މަދު ޑޮލަރު ކޮޅަކަށް" އުފެއްދިދާނެ ކަމަށާއި "މެލޭރިއާއިން ކުރިމަތިވެފައިވާ ބޮޑު ތުރާ ވަރަށް ބޮޑުތަން ދަށަށް ހިނގައިދާނެ ކަމަށް ބެލެވޭ" ކަމަށް ޕްރޮފެސަރު ހިލް ވިދާޅުވި އެވެ.

މެލޭރިއާ ވަނީ އެތައް ގަރުނެއް ވަންދެން އިންސާނިއްޔަތަށް އެންމެ ބޮޑަށް ގެއްލުންތައް ކުރިމަތިކޮށްފައިވާ މައިގަނޑު އެއް ސަބަބު ކަމުގައި ވެފަ އެވެ. ގިނައިން ތުއްތު ކުދިން މަރުވާ މެލޭރިއާ ބަލީގައި އަހަރަކު 400،000 އަށް ވުރެ ގިނަ މީހުން މަަރުވެ އެވެ.

އަހަރަކު 229 މިލިއަން މީހުންނަށް މެލޭރިއާ ޖެހޭއިރު، މި ބަލީގައި މަރުވާ މީހުންގެ އަދަދު 409،000 އަށް އަރާ (މައުލޫމާތު/ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ)

އިތުރު އާޓިކަލް

އިތުރު އާޓިކަލް