އިންސާނުން އަލުން ހަނދަށް ފޮނުވަން ބޭނުންކުރާ ބިޔަ ރޮކެޓް، އެސްއެލްއެސް، ކެނެޑީ ސްޕޭސް ސެންޓަރުގައި ފުރުވާލަން ތައްޔާޜުކޮށްފައި: މިއަދު ވެސް ޖެހުނީ ކެންސަލްކުރަން (ފޮޓޯ/ނާސާ)

އާޓީމިސް

އިންސާނުން ހަނދަށް ފޮނުވަން ބޭނުންކުރާ ރޮކެޓް އުދުއްސާލުން މިރޭ ވެސް ކެންސަލް

ރޮކެޓްގެ ހުރިހާ ކަމެއް ބަރާބަރުވުމުގެ ކުރިން އުދުއްސާނުލާނެ ކަމަށް ނާސާއިން ބުނޭ
3 ސެޕްޓެމްބަރު 2022

އިންސާނުން އަލުން ހަނދަށް ފޮނުވަން ހިންގާ އާޓެމިސް ޕްރޮގްރާމްގައި ނާސާއިން އުފެއްދި ބިޔަ ރޮކެޓް، ސްޕޭސް ލޯންޗު ސިސްޓަމް (އެސްއެލްއެސް) އުދުއްސާލުން ދެވަނަ ފަހަރަށް މިރޭ ވެސް ކެންސަލްކޮށްފި އެވެ.

އާޓެމިސް-1ގެ ނަމުގައި މިދިއަ ހޯމަދުވަހު ފުރަތަމަ އުދުއްސާލަން އުޅުނު ރޮކެޓް، ފްލޮރިޑާގެ ކެނެޑީ ސްޕޭސް ސެންޓަރުން ފޮނުވާލުން ކެންސަލްކުރީ އޭގެ ހަތަރު އިންޖީނުގެ ތެރެއިން އެއް އިންޖީނުގައި ފިނިކަން ހުންނަ މިންވަރަށް ފިނިނުވުމުންނެވެ.

އެކަން ރަނގަޅުވީ ކަމަށް ބަލައި މިރޭ ރާއްޖޭގެ ގަޑިން 11:17 ގައި ފޮނުވަން އޮތް އެސްއެލްއެސްގެ ނައްޓާލުން ކެންސަލްކުރީ ހަމަ އެ މައްސަލަ ފާހަގަކުރެވިގެން ކަމަށް، ނާސާއިން ބުންޏެވެ.

އިންސާނުން ހަނދަށް ދަތުރުކުރާނީ އޮރަޔަންގެ ނަމުން ނަން ދީފައިވާ ހާއްސަ އުޅަނދެއްގަ އެވެ. މި އުޅަނދު ދުނިޔޭގެ އެޓްމޮސްފިއާގެ ތެރެއިން ނެރެ، ހަނދާ ދިމާއަށް ފޮނުވާލާނީ، މިހާތަނަށް ނާސާއިން އުފެއްދި އެންމެ ބާރުގަދަ ރޮކެޓް، ދިގުމިނުގައި 300 ފޫޓު ހުންނަ، އެސްއެލްއެސްއިންނެވެ.

 ފްލޮރިޑާގައި ހުންނަ ކެނެޑީ ސްޕޭސް ސެންޓަރުގެ ހާއްސަ ސަރަހައްދުގައި ހަރުކޮށްފައި އެ ހުރީ އިންސާނުން ހަނދަށް ފޮނުވަން ބޭނުންކުރާ ވަރުގަދަ ރޮކެޓް އެސްއެލްއެސް. އޭގެ ފަހަތުން އެ ފެންނަނީ ދުނިޔޭގެ ހިތްގައިމު ހަނދު (ފޮޓޯ/ނާސާ)

މި ރޮކެޓް އުދުހިގެން ދާން ބޭނުންވާ ވަރުގަދަ ބާރު އުފައްދަނީ ތިން މިލިއަން ލީޓަރުގެ އާދަޔާ ހިލާފަށް ފިނި ދިޔާ ހައިޑްރޮޖަން އާއި އޮކްސިޖަން އަންދާލާ ހަތަރު އިންޖީނުންނެވެ. އެކަމަކު ރޮކެޓްގެ ހައިޑްރޮޖަން ޓޭންކް ފުރާލަން މިއަދު ފުރަތަމަ ދިން ކޮމާންޑާ އެކު އެލާމް އަޅަން ފެށި އެވެ.

މައްސަލަ ދިމާވަނީ، ނާސާއިން ބުނި ގޮތުގައި، ހައިޑްރޮޖަން ފޮނުވައިދޭ ކަނެކްޝަނުންނެވެ.

މިއީ މިހާތަނަށް 40 ބިލިއަން ޑޮލަރު (1.8 ޓްރިލިއަން ރުފިޔާ) ހޭދަވެފައިވާ މަޝްރޫއުގައި އުފެއްދި ރޮކެޓާއި އޮރަޔަން ޖައްވަށް ފޮނުވާ ފުރަތަމަ ފަހަރެވެ. މިފަހަރު އޮރަޔަންގައި އެއްވެސް އިންސާނަކު ނުހިމެނެ އެވެ. އެކަމަކު 2024 އަށް ޕްލޭންކޮށްފައިވާ އާޓެމިސް-2 މިޝަންގައި އިންސާނުން އުފުލާނެ އެވެ. އެހެންކަމުން ނާސާގެ އެޑްމިނިސްޓްރޭޓަރު ބިލް ނެލްސަން ވިދާޅުވީ ރޮކެޓްގެ ހުރިހާ ކަމަކާ މެދު ވެސް ވަރަށް ފަރުވާތެރިވާން ޖެހޭނެ ކަމަށެވެ.

"ހުރިހާ ކަމެއް ބަރާބަރަށް ތައްޔާރުވީމާ އަހަރެމެން މިކަން ކުރާނަން،" އޭނާ ވިދާޅުވި އެވެ.

"އޭގެ ކުރިއަކުންނެއް އަހަރެމެން އެ މިސްރާބަކަށް ނުދާނަން."

ދެން އެންމެ އަވަހަށް ވެސް އެސްއެލްއެސް އުދުއްސާލަން ފުރުސަތު ލިބޭނީ އަންނަ ހޯމަ ނުވަތަ އަންގާރަދުވަހު އެވެ. އެ ދެ ދުވަހު އެކަން ނުކުރެވިއްޖެ ނަމަ، ރޮކެޓް އެތަނުން ނަގައި، ގަރާޖަށް ގެންގޮސް އަލުން ބައެއް މަސައްކަތްތައް ކުރަން ޖެހޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް