މޯލްޑިވްސް ސްޕޯޓްސް އެވޯޑުގައި އަހަރުގެ އެންމެ މޮޅު އަންހެން އެތުލީޓުގެ އެވޯޑު ލިބުނު ބެޑްމިންޓަން ކުޅުންތެރިޔާ ނަބާހާ އަބްދުއްރައްޒާގަށް ރައީސް ސޯލިހް ރޭ އެވޯޑު ހަވާލުކޮށްދެއްވަނީ. (ފޮޓޯ/ރައީސް އޮފީސް)

ސާއިދު އާއި ނަބާހާ، އަހަރުގެ އެންމެ މޮޅު އެތުލީޓުންނަށް

18 މާރިޗު 2022

މޯލްޑިވްސް ސްޕޯޓްސް އެވޯޑުގައި އަހަރުގެ އެންމެ މޮޅު ފިރިހެން އެތުލީޓުގެ އެވޯޑު ދުވުންތެރިޔާ ހަސަން ސައީދަށް އަދި އެންމެ މޮޅު އަންހެން އެތުލީޓުގެ އެވޯޑު ބެޑްމިންޓަން ކުޅުންތެރިޔާ ނަބާހާ އަބްދުއްރައްޒާގަށް ރޭ ލިބިއްޖެ އެވެ.

ރޭ ދުވާ ޓްރެކު ސަރަހައްދުގައި ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑު ހަފްލާގައި އަހަރުގެ އެންމެ މޮޅު އަންހެން އަދި ފިރިހެން އެތުލީޓުންނަށް އެވޯޑު ހަވާލުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އަހަރުގެ އެންމެ މޮޅު ފިރިހެން އެތުލީޓުގެ އެވޯޑުގައި ސާޢިދުއާ ވާދަކުރީ ބެޑްމިންޓަން ކުޅުންތެރިޔާ ހުސެއިން ޒަޔާން ޝަހީދު ޒަކީ އާއި ވޮލީ ތަރި އާދަމް ނަސީމެވެ.

އެ ތިން މީހުން ވެސް ވަނީ ނިސްބަތްވި ކުޅިވަރުން އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހޯދައިފަ އެވެ.

ސާއިދު މިވަގުތު ހުރީ ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރަން ސާބިއާގަ އެވެ.

އަހަރުގެ އެންމެ މޮޅު އަންހެން އެތުލީޓުގެ އެވޯޑު ލިބުނު ނަބާހާ ވާދަކުރީ ފަސްޓް ރަނަރަޕްކަން އޭނާގެ ކޮއްކޮ ނަބީހާ އަބްދުއްރައްޒާގާއި ޓޭބަލް ޓެނިސް ތަރި ފާތިމަތު ދީމާ އެވެ.

އަހަރުގެ އަންހެން އެތުލީޓުގެ އެވޯޑުގެ އިތުރުން އެންމެ މޮޅު އަންހެން ބެޑްމިންޓަން ކުޅުންތެރިޔާގެ އެވޯޑު ވެސް ލިބުނީ ނަބާހާ އަށެވެ. ދީމާއަށް ވަނީ ޓޭބަލް ޓެނިސްގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑު ލިބިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް