ބަޔާން މިޔުނިކް ކޮޅަށް ހަތަރު ލަނޑު ޖެހުމަށް ފަހު ބޯކުމް ކުޅުންތެރިން އުފާފާޅުކުރަނީ: ބަޔާން ކޮޅަށް ފުރަތަމަ ހާފުގައި އެންމެ ފަހުން ހަތަރު ލަނޑު ވަނީ 1975 ގައި

ބަޔާން މިޔުނިކް

މި ހުންނަނީ ވެސް ފުޓްބޯޅައިގެ ހަގީގަތް، ބަޔާނުން ގަބޫލުކުރޭ

އެންމެ ފަހުން ބަޔާން ކޮޅަށް ފުރަތަމަ ހާފުގައި ހަތަރު ލަނޑު ޖެހީ 1975 ގައި
14 ފެބްރުއަރީ 2022

ބަޔާން މިޔުނިކުން މި ސީޒަންގެ ބުންޑަސްލީގާ ވެސް ހޯދާނެކަމާ މެދު މާ ގިނަ ބަޔަކު ޝައްކެއް ނުކުރާނެ އެވެ. މިހާރު ވެސް އެ ޓީމު އޮތީ ނުވަ ޕޮއިންޓްގެ ތަފާތަކާ އެކު އެއް ވަނައިގަ އެވެ.

އެކަމަކު އިއްޔެ ރޭ ކުޅުނު މެޗުން ނުކުތީ މިދިއަ 46 އަހަރުގެ ތެރޭގައި ބަޔާންއަށް ކުރިމަތިނުވާ ފަދަ ނަތީޖާއެކެވެ. ތާވަލްގެ 11 ވަނާގައި އޮތް ވީއެފްއެލް ބޯކުމް އަތުން 4-2 އިން ބަލިވުމެވެ. އަޖައިބުވާނެ ކަމެއް ނެތެވެ. ފުޓްބޯޅަ ދަނޑުގައި މިފަދަ ކިތައްމެ ނަތީޖާއަކާ އެބަ ދިމާވެ އެވެ. އެހެންކަމުން ބަޔާނުން ވެސް ދަނޑުން ފޭބީ 'މިއީ ހަގީގަތެއް' ކަމަށް ގަބޫލުކުރަމުންނެވެ.

އެންމެ ފަހުން ބަޔާން މިޔުނިކް ކޮޅަށް ބުންޑަސްލީގާގެ މެޗެއްގެ ފުރަތަމަ ހާފުގައި ހަތަރު ލަނޑު ވަދެފައި ވަނީ 1975 ގަ އެވެ.

މެޗުގެ ނުވަ މިނިޓްގައި ރޮބަޓް ލެވަންޑޮވްސްކީ ބަޔާނަށް ލީޑު ނަގާދީފައި ވަނިކޮށް 14 ވަނަ މިނިޓްގައި ބޯކުމް އިން އެއްވަރުކުރުމުން އެ ނަތީޖާގައި ފުރަތަމަ ހާފު ނިމެން ދަނިކޮށް، ދެން ފެނުނީ ބަޔާން ސިއްސުވާލި ލަނޑުތަކެވެ. އެންމެ ހަ މިނިޓް ތެރޭގައި ފުލުފުލުން ތިން ލަނޑު، އެ ޓީމުން ބަޔާން ކޮޅަށް ވައްދާލި އެވެ.

ބަޔާނަށް އޭގެ ފަހުން ކުޑަކުޑަ ހަމަޖެހުމަކާއި އުއްމީދެއް ގެނެސްދިނީ އަނެއްކާވެސް ލެވަންޑޮވްސްކީ އެވެ. އޭނާ 75 ވަނަ މިނިޓްގައި ލަނޑެއް ޖަހައި 4-2 އަށް ބަދަލުކުރި އެވެ.

މިއީ 18 އަހަރުގެ ތެރޭގައި ބޯކުމްއަށް ބަޔާންގެ މައްޗަށް ހޯދުނު ފުރަތަމަ މޮޅެވެ. އެ ޓީމު 11 އަހަރު ވަންދެން ބުންޑަސްލީގާގައި ނުކުޅެ، އެއަށް ވުރެ ދަށް ޑިވިޝަންތަކުގައި ހޭދަކުރުމަށް ފަހު އަލުން ޕްރޮމޯޓްވީ މި ސީޒަންގަ އެވެ.

މިދިއަ އަހަރުގެ ސެޕްޓެމްބަރު މަހު ބަޔާނުން ވަނީ 7-0 އިން ބޯކުމް ބަލިކޮށްފަ އެވެ. އެ މެޗުގެ ފުރަތަމަ ހާފުގައި ހަތަރު ލަނޑު ޖެހީ ބަޔާނުންނެވެ. އެހެންކަމުން ދެ ވަނަ ކުރިމަތިލުމުގައި 4-2 އިން މޮޅުވުމަކީ ބޯކުމްއަށް ބޮޑު ކާމިޔާބީއެކެވެ.

އެންމެ ފަހުން ބަޔާން ކޮޅަށް ފުރަތަމަ ހާފުގައި ހަތަރު ލަނޑު ޖެހީ ނޮވެމްބަރު 1975 ގައި 6-0 އިން ބަލިވި މެޗުގައި އެންޓްރެޗު ފްރެންކްފާޓުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް