މެންޗެސްޓަ ޔުނައިޓެޑްގެ ކޯޗުގެ މަގާމުން ވަކިކުރި އެރިކް ޓެން ހޭގް
ޔުނައިޓެޑްގެ ކޯޗުކަމުން ޓެން ހޭގް ވަކިކޮށްފި
އެންމެ ފަހުން އެ ދުވަސް މި އޮތީ އައިސްފަ އެވެ.
މެންޗެސްޓަ ޔުނައިޓެޑް ހަމަޔަކަށް އެޅުވުމުގައި ނާކާމިޔާބުކޮށް ފެނުނު ކޯޗު އެރިކް ޓެން ހޭގް އެ މަގާމުން ވަކިކޮށްފި އެވެ.
ޔުނައިޓެޑްގެ ނިންމުން މި އައީ ރޭ ރަށުން ބޭރުގައި ވެސްޓް ހެމް އަތުން 2-1 އިން ބަލިވެފައި އޮއްވަ އެވެ. މި ބައްޔާ އެކު ޕްރިމިއަ ލީގުގެ ނުވަ މެޗުން ޔުނައިޓެޑަށް ލިބިފައި ވަނީ އެންމެ 11 ޕޮއިންޓެވެ. އޮތީ 14 ވަނައިގަ އެވެ.
ޔުނައިޓެޑް މިވަގުތު އެ އޮތީ އެއްވަނަ މަގާމަށް ރޭ އެރި ހަތަރު އަހަރުގެ ޗެމްޕިއަން މެންޗެސްޓަ ސިޓީއަށް ވުރެ 12 ޕޮއިންޓް ފަހަތުގަ އެވެ.
ޓެން ހޭގްގެ ބަދަލުގައި ވަގުތީ ގޮތުން ކްލަބް ހަވާލުކުރީ އޭނާގެ އެސިސްޓެންޓަކަށް ހުރި އަދި ކުރީގެ ކުޅުންތެރިޔާ ރުޑް ވެން ނިސްޓެލްރޫއީއާ އެވެ.
ޔުނައިޓެޑްގެ ބޯޑުގެ ނިންމުން ޓެން ހޭގްއަށް އެންގީ މިއަދެވެ. އެ ނިންމުން މިއައީ މިދިއަ ސީޒަންގައި އެފްއޭ ކަޕް ކާމިޔާބުކޮށްދިނުމުން އޭނާގެ ކޮންޓްރެކްޓް އާކޮށްފައި ވެސް އޮއްވަ އެވެ.
ޕްރިމިއަ ލީގުގެ އިތުރުން ޔޫރޮޕާ ލީގުގައި ވެސް ޔުނައިޓެޑްގެ ކުޅުން ދަށެވެ. ޖުމްލަ 36 ޓީމު ވާދަކުރާ މުބާރާތުގެ ތިން މެޗު ނިމުނު އިރު ޔުނައިޓެޑް އޮތީ 21 ވަނައިގަ އެވެ.
ކޮމެންޓް