މެންޗެސްޓަ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހޭގް
ހިޔާލީ ވާހަކަތަކާއި ދޮގުތައް ފަތުރަނީ މީޑިއާއިން: ޓެން ހޭގް
މެންޗެސްޓަ ޔުނައިޓެޑްގެ އެތެރޭގައި އެއްވެސް މައްސަލައެއް ނޫޅޭ ކަމަށާއި ހިޔާލީ ވާހަކަތަކާއި ދޮގުތައް ފަތުރަނީ މީޑިއާއިން ކަމަށް، ކޯޗު އެރިކް ޓެން ހޭގް ބުނެފި އެވެ.
ބައިނަލްއަގުވާމީ މެޗުތަކަށް ޕްރިމިއަ ލީގު މެނދުކަނޑާލުމަށް ފަހު މިރޭ އަލުން ފެށުމުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޓެން ހޭގް ބުނީ އެސްޓަން ވިލާއާ ކުޅެ 0-0އިން އެއްވަރުވި މެޗާ ބެހޭ ގޮތުން ވާހަކަ ދެއްކި އިރު މީޑިއާއިން ގަސްދުގައި އަޅާނުލީ ކަމަށެވެ.
އެ ދުވަހު އޭނާއާ ސުވާލުތައް އަމާޒުވީ ޔުނައިޓެޑްގެ ބޯޑުން އޭނާއަށް ތާއީދުނުކުރާ ކަމަށް ބުނެ އެވެ. އެއަށް ޖަވާބު ދިނުމުގެ ގޮތުން ޓެން ހޭގް ބުނީ "އަހަރެމެން އެންމެން މި ތިބީ އެއްގޮތަކަށް' ކަަމަށެވެ.
އެ މެޗު އެއްވަރުވެ، އޭގެ ކުރިން ޓޮޓެންހަމް އަތުން 3-0 އިން ބަލިވުމާ އެކު ފުޓްބޯޅައިގެ ބައެއް ތަޖުރިބާކާރުން ބެލީ ބައިނަލްއަގުވާމީ މެޗުތަކަށް ލީގު މެދުކަނޑާލުމާ އެކު ކޯޗުކަމުން ޓެން ހޭގް ވަކިކުރާނެ ކަމަށެވެ.
ނަމަވެސް ޔުނައިޓެޑްގެ ބޯޑާއި މެނޭޖްމަންޓުން އެގޮތަކަށް ކަންތަކެއް ނުކުރި އެވެ. އަދިވެސް ކޯޗަކީ ޓެން ހޭގް އެވެ.
"އަހަންނަށް އެނގޭ އަހަރެމެން އެންމެން މި ކްލަބްގައި މި ތިބީ އެއް ކަމެއްގައިކަން. ނޫސްވެރިން ކައިރީ އަހަރެން އެ ވާހަކަ ކުރިން ވެސް ބުނިން. ފަހަރެއްގައި ނޫސްވެރިން އަހަރެންގެ ވާހަކަ ގަބޫލުނުކުރަނީ،" ޓެން ހޭގް ބުންޏެވެ.
"އެކަމަކު އެތެރޭގައި އެއްވެސް މައްސަލައެއް ނެތް."
"އަންނަ އަޑެއް ވިއްޔާ އަންނަނީ ކަލޭމެންގެ ފަރާތުން. ވާހަކަތައް ހަދައިގެންނާއި ދޮގުތައް ފަތުރަނީ ކަލޭމެން."
މިރޭ އަމިއްލަ ދަނޑުގައި ބްރެންޓްފޯޑްއާ ދެކޮޅަށް ޔުނައިޓެޑް ނުކުންނަ އިރު ޓީމު އޮތީ، އަށް ޕޮއިންޓާ އެކު، ތާވަލްގެ 14 ވަނައިގަ އެވެ. މޮޅުނުވެ ހަ މެޗު ނިންމާލައިފި އެވެ.
ބްރެންޓްފޯޓް އޮތީ 10 ޕޮއިންޓާ އެކު 11 ވަނައިގަ އެވެ.
ޔުނައިޓެޑްގެ ދަނޑު އޯލްޑް ޓްރެފޯޑްގައި ބްރެންޓްފޯޑްއަށް 1937 އިން ފެށިގެން މިހާތަނަށް މޮޅުވެވިފައެއް ނުވެ އެވެ.
މިރޭގެ މެޗު ކާމިޔާބުކޮށްގެން ނޫން ގޮތަކަށް ޔުނައިޓެޑަށް ހަމަޖެހުމެއް ނެތްކަން ޔަގީނެވެ.