ޗެލްސީ އާއި ބްރައިޓަން ބައްދަލުކުރި މެޗުގައި ކޯލް ޕާމާ.
ރެކޯޑެއް ހެދުމަށްފަހު ޕާމާ: 5 ނުވަތަ 6 ގޯލު ވެސް ޖެހުނީސް
އިނގިރޭސި ޕްރިމިއާ ލީގުގެ 32 އަހަރުގެ ތާރީހުގައި މެޗެއްްގެ ފުރަތަމަ ހާފުގައި ހަތަރު ގޯލު ޖެހުމަކީ މީގެ ކުރިން އެއްވެސް ކުޅުންތެރިޔަކަށް ކުރެވުނު ކަމެއް ނޫނެވެ. ނަމަވެސް ޗެލްސީގެ ހުނަރުވެރި އިނގިރޭސި މިޑްފީލްޑަރު ކޯލް ޕާމާ ވަނީ އެކަން ބަދަލުކޮށްލައިފަ އެވެ.
ޕާމާ ރޭ ޕްރިމިއާ ލީގުގެ ތާރީހުގެ ތެރެއަށް ވަނީ ފުރަތަމަ ހާފުގައި ހަތަރު ގޯލު ޖެހި ފުރަތަމަ އަދި ހަމައެކަނި ކުޅުންތެރިޔާގެ ގޮތުގަ އެވެ. އެއީ އުމުރުން އެންމެ 22 އަހަރުގައި އޭނާއަށް ލިބުނު ބޮޑު ޝަރަފެކެވެ. ނަމަވެސް ޕާމާ ގަބޫލުކުރަނީ އެއަށް ވުރެ މާ ގިނަ ގޯލު ވެސް އެ މެޗުގައި އޭނާއަށް ޖެހެންވާނެ ކަމަށެވެ.
ޗެލްސީއިން ބްރައިޓަންގެ މައްޗަށް 4-2ގެ ނަތީޖާއަކުން ކުރި ހޯދި މެޗުގައިި ޕާމާގެ ހަތަރު ގޯލު ފެނުނީ 20 މިނެޓަށް ވުރެ ވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގަ އެވެ.
މެޗު ފެށުނު ތަނާހެން ބްރައިޓަންއިން ލީޑު ނެގި ނަމަވެސް ޗެލްސީގެ ރައްދު އައީ މެޗުގެ 21، 28 އަދި 31 ވަނަ މިނެޓުގައި ޕާމާ ޖެހި ގޯލުތަކުންނެވެ. އޭނާގެ ދެ ވަނަ ގޯލަކީ ޕެނަލްޓީއެކެވެ. ތިން ވަނަ ގޯލަކީ ހިތްގައިމު ހިލޭ ޖެހުމެކެވެ.
The boy is a genius. 💫#CFC | #CHEBHA pic.twitter.com/pIuZIiKKll
— Chelsea FC (@ChelseaFC) September 28, 2024
ބްރައިޓަންއިން 34 ވަނަ މިނެޓުގައި ގޯލެއް ޖަހައި، އެއްވަރުކުރަން އުންމީދު އާކުރި ނަމަވެސް، 41 ވަނަ މިނެޓުގައި ޕާމާ ވަނީ ވަރަށް ހަނި ފުރުސަތަކުން ގޯލެއް ޖަހައި ޗެލްސީއަށް ހަމަޖެހުމެއް ގެނެސްދީފަ އެވެ. ފަހު ހާފުގައި ދެ ޓީމުން ކުރެ ޓީމަކަށް ވެސް އިތުރު ގޯލެއް ނުޖެހެ އެވެ.
މެޗަށް ފަހު ބީބީސީއާ ވާހަކަދައްކަމުން ޕާމާ ބުނީ އޭނާގެ ހަމައެކަނި ހިތްހަމަނުޖެހުމަކީ ގޯލު ޖަހަން ލިބި، ބޭކާރުކޮށްލެވުނު ފުރުސަތުތަކެވެ.
ޕާމާ ފުރަތަމަ ގޯލު ޖެހުމުގެ ކުރިން އޭނާއަށް ލިބުނު އެއް ފުރުސަތުގައި ގޯލުގެ ދަނޑީގައި ޖެހިފައި ބޯޅަ ދިޔައީ ބޭރަށެވެ. އެހެން ފުރުސަތެއްގައި ގޯލު ޖެހި ނަމަވެސް އޮފްސައިޑްގައި ހުރުމުން އެ ގޯލު ބަލައެއްނުގަތެވެ.
"އަހަންނަށް ފަހެއް ނުވަތަ ހަ ގޯލު ޖެހެންވާނެ... އެކަމަކު މުހިންމީ މެޗުން ތިން ޕޮައިންޓު ލިބުން. އެކަން ކުރެވުނު،" ޕާމާ ބުންޏެވެ.
އެއް ހާފުގައި 4+ ގޯލު ޖެހުމުގެ ރެކޯޑު
މީގެ ކުރިން ވެސް ޕްރިމިއާ ލީގުގައި އެއް ހާފުގައި އެއް ކުޅުންތެރިޔަކު ހަތަރު ގޯލު ނުވަތަ އެއަށްވުރެ ގިނަ ގޯލު ޖަހާފައި އެބަހުއްޓެވެ. އެކަމަކު އެއީ ފަހު ހާފުގައި އެކަންޏެވެ.
އެ ލިސްޓުގައި ހިމެނެނީ:
-
އޮލީ ގުނާ ސޮލްޝަޔާ (4 ގޯލު): މެންޗެސްޓަ ޔުނައިޓް 8 - 1 ނޮޓިންހަމް ފޮރެސްޓް (1998/1999)
-
ޖަމެއިން ޑެފޯ (5 ގޯލު): ޓޮޓެންހަމް 9 - 1 ވިގަން އެތުލެޓިކް (2009/2010)
-
ސާޖިއޯ އަގުއޭރޯ (4 ގޯލު): މެންޗެސްޓަ ސިޓީ 6 - 1 ނިއުކާސްލް ޔުނައިޓެޑް (2015/2016)
-
ސާޖިއޯ އަގުއޭރޯ (4 ގޯލު): މެންޗެސްޓަ ސިޓީ 5 - 1 ލެސްޓާ ސިޓީ (2017/2018)
-
ކޯލް ޕާމާ (4 ގޯލު): ޗެލްސީ 4 - 2 ބްރައިޓަން (2024/2025)
ރޭގެ މެޗުގައި ޕާމާ ޕެނަލްޓީއިން ޖެހި ގޯލާ އެކު އިތުރު ރެކޯޑެއް ހެދުމާ ވެސް ވަނީ ގާތްކޮށްފަ އެވެ. އެއީ އެންމެ ޕެނަލްޓީއެއް ވެސް މިސްނުކޮށް އެންމެ ގިނަ ޕެނަލްޓީ ޖެހުމުގެ ރެކޯޑެވެ. މިހާރު މި ރެކޯޑު އޮތީ 11 ޕެނަލްޓީއާ އެކު ޔާޔާ ޓޫރޭ އަތުގަ އެވެ. ޕާމާ ދެން ޖަހާ ޕެނަލްޓީ ގޯލަށް ވައްދާލައިފި ނަމަ އެެ ރެކޯޑާ އެއްވަރުވާނެ އެވެ.
ކޮމެންޓް