ބާސެލޯނާގެ ފޯވަޑް ރޮބަޓް ލެވަންޑޮވްސްކީ ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ
ބާސެލޯނާގެ ބަލިނުވުމުގެ ދަތުރަށް ލެވަންޑޮވްސްކީގެ ހަތް ވަނަ ލަނޑު
ބާސެލޯނާގެ ދިވެހި ސަޕޯޓަރުންނަށް މިއީ އުފާވެރި ލީގަކަށް ވުން ކައިރި އެވެ.
ލަލީގާގައި ބާސެލޯނާ މިހާތަނަށް ކުޅުނު ހަތް މެޗުން ވެސް މޮޅުވެ ތާވަލްގެ އެއް ވަނަ އަންނަނީ ދަމަހައްޓަމުންނެވެ.
ރޭ އަމިއްލަ ދަނޑުގައި ގެޓަފޭއާ ދެކޮޅަށް ކުޅުނު މެޗުގެ 19 ވަނަ މިނިޓްގައި ފޯވަޑް ރޮބަޓް ލެވަންޑޮވްސްކީ ޖެހި ހަމައެކަނި ލަނޑުން %100ގެ ރެކޯޑް ދަމަހައްޓައިދިނެވެ. މިއީ މިފަހަރުގެ ލީގުގައި އޭނާ ކާމިޔާބުކޮށްދިން ހަތް ވަނަ ލަނޑެވެ.
އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ދެވަނާގައި އޮތީ ބާސެލޯނާއަށް ވުރެ ހަތަރު ޕޮއިންޓް މަދުން ލިބިގެންނެވެ. ދެ ޓީމުގެ ލަނޑުގެ ތަފާތަށް ބަލާ ނަމަ ބާސެލޯނާއަށް ފައިދާ 18 އަދި ރެއާލްއަށް 11 ލަނޑެވެ.
ބާސެލޯނާ އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި ލަވަންޑޮވްސްކީ ވަނީ ހަ ލަނޑުގައި މައިގަނޑު ރޯލް އަދާކޮށްފަ އެވެ. އޭގެ ތެރޭގައި ހަތަރު ލަނޑު ޖެހުމާއި ދެ ލަނޑު ޖަހަން އެހީތެރިވުން ހިމެނެ އެވެ.
ބާސެލޯނާ އަލުން ލަލީގާ ހޯދަން ފެށި ދަތުރުގައި ކޯޗަކަށް ހުރީ ޖަރުމަންގެ ގައުމީ ޓީމާއި ބަޔާން މިޔުނިކްގެ ކުރީގެ ކޯޗު ހެންސީ ފްލިކް އެވެ.
ކޮމެންޓް