އެމެރިކާގެ ލީގު ކަޕްގެ ކްއާޓާ ފައިނަލްގައި ޗާލޮޓް ކޮޅަށް ލަނޑު ޖެހުމަށް ފަހު އިންޓަ މިއާމީގެ ކެޕްޓަން ލިއޮނެލް މެސީ
މެސީ ބުނީ އޭނާގެ ކުޅުން ނިންމާލާނީ އިންޓަ މިއާމީގައި ކަމަށް
އާޖެންޓީނާއަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ތަރި ލިއޮނެލް މެސީގެ ފުޓްބޯޅަ ކެރިއަރު ނިންމާލާނީ މިހާރު ކުޅެމުން އަންނަ އެމެރިކާ ލީގުގެ އިންޓަ މިއާމީގައި ކަމަށް ބުނެފި އެވެ. އެކަމަކު ކުޅުން ހުއްޓާލާނީ ކޮން އިރަކުން ކަމެއް ނުބުނެ އެވެ.
އެމެރިކާގެ ފުޓްބޯޅަ ލީގު، މޭޖާ ލީގު ސޮކާ (އެމްއެލްއެސް)އަށް އޭނާ ބަދަލުވީ މިދިއަ އަހަރު ޕީއެސްޖީގެ އެއްބަސްވުން ހަމަވުމާ އެކުގަ އެވެ.
އުމުރުން 36 އަހަރުގެ ކުޅުންތެރިޔާ އިންޓަ މިއާމީއާ ގުޅިގެން އެމްއެލްއެސްގައި ކުޅެން ފެށި ފަހުން އެމެރިކާގައި ފުޓްބޯޅަ ފޯރި ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފަ އެވެ. މެސީ ކުޅޭ މެޗުތަކުގައި ދަނޑު ފުރެ އެވެ.
އިންޓަ މިއާމީއާ އެކު މެސީ ހެދި އެއްބަސްވުން ނިމޭނީ އަންނަ އަހަރު އެވެ. އެކަމަކު އިތުރު އެއް އަހަރަށް މުއްދަތު ދިގުކުރުމުގެ ފުރުސަތު ލިބެ އެވެ.
"މިއަދު، މިހާރު މި ހުރި ގޮތަށް އަހަރެން އެއްޗެއް ބުނާ ނަމަ ބުނެވޭނީ މިއީ އަހަރެންގެ އެންމެ ފަހު ކްލަބޭ،" މެސީ ބުންޏެވެ.
"ހަމައެހެން ފުޓްބޯޅަ ދޫކޮށްލާކަށް ވެސް އަހަރެން އަދި ނުވިސްނަން."
މެސީގެ ކުޅުން ފެންނަނީ ވެސް ކުޅުން ހުއްޓާލަން ޖެހޭ ފަދަ ގޮތަކަށެއް ވެސް ނޫނެވެ. މިފަހަރުގެ އެމްއެލްއެސްގައި އޭނާ ކުޅުނު 12 މެޗުގައި 12 ލަނޑު ޖަހައި 13 ލަނޑު ޖަހަން ވަނީ އެހީތެރިވެފަ އެވެ. ޓީމު އޮތީ ތާވަލްގެ އެއް ވަނާގަ އެވެ. މި މަހު އެމެރިކާގައި އޮންނަ ކޮޕާ އެމެރިކާގައި އޭނާގެ އެ ކުޅުން އާޖެންޓީނާގެ ޓީމުގައި ދައްކަން ވެސް ބޭނުންވެ އެވެ. އާޖެންޓީނާ ނުކުންނާނީ 2021ގައި ހޯދި ތަށި ދިފާއުކުރުމުގެ މަސައްކަތަށެވެ.
"އަހަރެން އަބަދުވެސް ފުޓްބޯޅަ ދެކެ ލޯބިވަން. ތަމްރީންތައް ހަދަން ބޭނުން. ކޮންމެ މެޗެއް ދެކެ ވެސް އެހާމެ ލޯބިވޭ،" މެސީ ބުންޏެވެ.
"ކޮންމެ ކަމަކަށް ވެސް ނިމުން އަންނާނެތީ އެކަމާ [ކުޅުން ހުއްޓާލަން ޖެހޭ ދުވަހަކާ މެދު] ކުޑަކޮށް ބިރު ވެސް ގަނޭ."