ޔުއެފާގެ އެގްޒެކެޓިވް ކޮމިޓީގެ ނައިބު ރައީސްގެ މަގާމުން ލުއިސް ރުބިއަލެސް އިސްތިއުފާ ދެއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި.
ކުޅުންތެރިއަކަށް ގަދަކަމުން ދޮންދިން ސްޕެއިންގެ ކޯޗު 3 އަހަރަށް ސަސްޕެންޑްކޮށްފި
ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަންގެ ކުރީގެ ރައީސް ލުއިސް ރުބިއަލެސް ފުޓްބޯޅައާ ގުޅުން ހުރި ހުރިހާ ހަރަކާތަކުން ތިން އަހަރަށް ސަސްޕެންޑްކުރަން ފީފާ އިން އިއްޔެ ނިންމައިފި އެވެ.
އަންހެން ވޯލްޑް ކަޕް ފައިނަލުގައި އިންގްލެންޑް އަތުން ސްޕެއިން މޮޅުވި މެޗަށް ފަހު ރުބިއާލެސް ވަނީ ޓީމުގެ ފޯވާޑް ޖެނީ ހަރްމޯސޯގެ ތުންފަތުގައި ދޮންދީފަ އެވެ. އެއީ ރުހުމުގައި ކުރި ކަމެއް ނޫން ކަމަށް ހަރްމޯސޯ ބުންޏެވެ. އަދި އެ މައްސަލަ ބޮޑު ބޮޑު މައްސަލައަކަށް ވުމުން އެންމެ ފަހުން ރުބިއާލްސް ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ޔުއެއާފެ މަގާމުން އިސްތިއުފާ ދީފަ އެވެ.
އޭގެ ފަހުން ހަރްމޯސޯ ވަނީ ރުބިއާލްސްއާ ދެކޮޅަށް ގާނޫނީ މައްސަލައެއް ހުށަހަޅައިފަ އެވެ.
ފީފާގެ ޑިސިޕްލިނަރީ ކޯޑްގެ 13 ވަނަ މާއްދާއާ ހިލާފުވެގެން ރުބިއާލްސް ތިން އަހަރަށް ސަސްޕެންޑް ކުރިކަން މިދިޔަ އިއްޔެ ވަނީ އިއުލާނުކޮށްފަ އެވެ.
ރުބިއަލެސް ބުނީ އެ މައްސަލަ އިސްތިއުނާފު ކުރަން ގަސްތު ކުރާ ކަމަށެވެ.
"އަހަރެން އެންމެ ފަހު ކަމަށް ދެކެން ބޭނުންވަނީ އިންސާފު ހޯދައި ހަގީގަތް ހާމަވެގެން ދާ ތަން،" އޭނާ ބުންޏެވެ.
މިދިޔަ 20 އޯގަސްޓްގައި ހިނގި މި ކަމާ ގުޅިގެން ރުބިއަލެސް ފުރަތަމަ 90 ދުވަހުގެ މުއްދަތަށް ވަގުތީ ގޮތުން ސަސްޕެންޑްކުރި އެވެ.
"އެންމެންގެ ނަޒާހަތްތެރިކަމަށް އިހުތިރާމްކޮށް، ހިމާޔަތްކޮށް، ރިވެތި އަހުލާގުގެ އަސާސީ އުސޫލުތައް ދެމެހެއްޓުމަށް ފީފާއިން އަބަދު ވެސް މަސައްކަތް ކުރާނެކަން ތަކުރާރުކޮށް ދަންނަވަން،" ފީފާ އިން އިއްޔެ ނެރުނު ބަޔާނުގައި ބުންޏެވެ.
އެއީ "އިސްތިއުނާފަށް ހުށަހެޅިދާނެ ނިންމުމެއް" ކަމަށާއި، އެކަން އެ ގޮތަށް ކުރިއަށް ގެންދަން ގަސްދުކުރާކަން ރޫބިއާލެސް މިހާރު ވަނީ ކަށަވަރުކޮށްދީފަ އެވެ.
ފީފާގެ ޑިސިޕްލިނަރީ ކޯޑުގެ 13 ވަނަ މާއްދާގައި ވަނީ އިހާނެތި އަމަލެއް ހިންގުމާއި ފެއާ ޕްލޭގެ އުސޫލުތަކާ ހިލާފުވުމެވެ.
ރުބިއާލްސް، 46، ބުނީ މެޗަށް ފަހު ދޮންދިނީ "ދެ މީހުން ބޭނުންވެގެން" ކަމަށެވެ. ނަމަވެސް، ހަރްމޯސޯ އަބަދުވެސް އަންނަނީ އެ ކަމަށް އިންކާރު ކުރަމުންނެވެ.
އެ ހާދިސާގެ ސަބަބުން އޮސްޓްރޭލިއާގެ ސިޑްނީގައި ސްޕެއިން ހޯދި ތާރީހީ ކާމިޔާބީއަށް ވެސް ހިޔަނި އެޅުނެވެ.
މިދިޔަ މަހު މެޑްރިޑްގެ ގައުމީ ކޯޓުގައި ބޭއްވި އަޑުއެހުމެއްގައި ރުބިއާލެސްގެ މައްޗަށް ޖިންސީ ގޯނާ ކުރުމާއި މަޖުބޫރުން ޖިންސީ އަމަލެއް ކުރުމުގެ ކުށް ހިމެނޭ ޖިނާއީ މައްސަލައެއް ބެލި އިރު، ހަރްމޯސޯއާ 200 މީޓަރަށް ކައިރިވުން އޭނާއަށް ވަނީ މަނާކޮށްފަ އެވެ.
ރުބިއަލޭސްގެ މި އަމަލުތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ އިރު، ވޯލްޑް ކަޕް ކާމިޔާބުކުރި ސްކޮޑުގެ ބޮޑު ބައެއް ވަނީ ފުޓްބޯޅަ ފެޑެރޭޝަންގެ ތެރޭގައި ބަދަލުތަކެއް ގެންނަންދެން ގައުމީ ޓީމު ބޮއިކޮޓްކޮށްފަ އެވެ.