ފެބްރުއަރީ މަހު އޮތް ފޯ ނޭޝަންސް ކަޕްގައި ރާއްޖެ އާއި މެލޭޝިޔާ ވާދަކުރަނީ

ގަވާއިދާ ހިލާފަށް ވީއޭއެމް ހިންގިޔަސް ބޭރު ޓީމުތައް ގެނެސް ދެ މުބާރާތެއް ބާއްވަން 7.6 މިލިއަން ރުފިޔާ

ވޮލީގެ ތަޖުރިބާކާރުން ބުނާ ގޮތުގައި މިއީ ސަރުކާރުން ކުޅިވަރުގައި ދައްކައިދޭ ވަރަށް ނުބައި ނަމޫނާއެއް

ގައުމީ ކުޅިވަރު އެސޯސިއޭޝަންތައް ހިންގަން ޖެހޭ އުސޫލުތައް ގާނޫނާއި ގަވާއިދުތަކުން ކަނޑައަޅާފައި ވިޔަސް، އެއަށް އެއްގޮތަކަށް ވެސް ބޯނުލަނބާ އެސޯސިއޭޝަނަކަށް ވެސް ސަރުކާރުން ލޯ މަރާލާފައި، ބޮޑެތި އަދަދުތަކުން ފައިސާ ހޭދަކޮށްފާނެކަން ކުޅިވަރާ ބެހޭ މިނިސްޓްރީން ދިން މައުލޫމާތުތަކުން ކަށަވަރުވެއްޖެ އެވެ.

ސަރުކާރުގެ މި ނުބައި އަމަލް ގުޅިފައި އޮތީ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އާ އެވެ. މިއީ 2021ގައި ބޭއްވި ވީއޭއެމްގެ އާ އިންތިހާބަށް ފަހު ރައީސްކަމާ ހަވާލުވެވަޑައިގެންނެވި މުހައްމަދު ރަނޭޝްގެ ބެލުމުގެ ދަށުން ގާނޫނާއި ގަވާއިދުތަކާ އެސޯސިއޭޝަން ހިލާފުވިޔަސް ސަރުކާރުން މާލީ ގޮތުން ބޮޑެތި ހޭދަތަކެއް ކުރާކަމުގެ ރަސްމީ ހިސާބުތައް ހާމަކުރި ފުރަތަމަ ފަހަރެވެ. އެ ހިސާބުތައް ކުޅިވަރާ ބެހޭ މިނިސްޓްރީން ދިނީ، ކުރީގެ ގައުމީ ވޮލީ ކޯޗު އަދި ވީއޭއެމްގެ ކަންކަމާ މެދު އެންމެ ފާޅުގައި ފާޑުކިޔަމުން އަންނަ މުހައްމަދު ޝަރަފު، މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ދަށުން ހުށައެޅުމުންނެވެ.

އާ މެނޭޖްމަންޓް އިންތިހާބުވީ ފަހުން ވީއޭއެމްގެ އަހަރީ އާންމު ޖަލްސާ ބާއްވާފައެއް ނުވެ އެވެ. އަހަރީ ބަޖެޓް ފާސްކޮށްފައެއް ނުވެ އެވެ. އެސޯސިއޭޝަންތައް ތަބާއަވާން ޖެހޭ ގަވާއިދު ބުނާ ގޮތުން ކޮންމެ އަހަރެއްގެ 31 މާޗުގެ ކުރިން އަހަރީ ޖަލްސާ ބާއްވާ، އޭގެ ރިޕޯޓް ކުޅިވަރާ ބެހޭ ކޮމިޝަނަރަށް ފޮނުވަން ޖެހެ އެވެ. އެކަމަކު ވީއޭއެމް އިން މިދިއަ ދެ އަހަރު ވެސް އެ ޖަލްސާ ބާއްވައި، އަހަރީ ބަޖެޓް ފާސްކޮށްފައެއް ނުވެ އެވެ.

ބޮޑު ހޭދައެއް ހިނގި ދެ މުބާރާތް

މިދިއަ އަހަރު ވީއޭއެމް އިން ސަން އައިލެންޑް ރިސޯޓްގައި ބޭއްވި ވޯލްޑް ބީޗު ޕްރޮ ޓްއާ މޯލްޑިވްސްއަށް ސަރުކާރުން 5.5 މިލިއަން ރުފިޔާ އަދި މި އަހަރުގެ ފެބްރުއަރީ މަހު 'ފޯ ނޭޝަންސް ކަޕް'ގެ ނަމުގައި ކުއްލިއަކަށް ބޭއްވި މުބާރާތަށް 2 މިލިއަން ރުފިޔާ ހޭދަކުރި އެވެ. އެހެންކަމުން މި ދެ މުބާރާތަށް ސަރުކާރުން އެވަނީ 7.6 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.

ފޯނޭޝަންސް ކަޕްގައި ރާއްޖެ އާއި މެލޭޝިޔާ ވާދަކުރަނީ (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

މި ފައިސާގެ އިތުރުން ވެސް ވީއޭއެމްގެ އެހެން ކަންކަމަށް ބޮޑެތި ހޭދަތަކެއް، އެކި ނަންނަމުގައި، ސަރުކާރުން ވަނީ ކޮށްފަ އެވެ. އެގޮތުން މިދިއަ އަހަރުގެ ގައުމީ ވޮލީ ލީގު 'ވަރުގަދަކުރުމު'ގެ މަގުސަދު ކަމަށް ބުނެ، ކުޅުންތެރިން ނީލަން ކިޔައިގެން މުބާރާތް ބާއްވަން އެހީއަކަށް 1.5 މިލިއަން ރުފިޔާ ދިނެވެ.

ބީޗު ވޮލީ މުބާރާތުގެ ބައެއް ހަރަދުތައް

  • 1.2 މިލިއަން ރުފިޔާ: ބޭރުން އައި ކުޅުންތެރިންނާއި އޮފިޝަލުން ތިބުން

  • 7716،488 ރުފިޔާ: ދަތުރުފަތުރު

  • 243،481 ރުފިޔާ: ފައިނަލް މެޗުގެ ހަވީރު ސައި

  • 1.9 މިލިއަން ރުފިޔާ: ދުވަހުން ދުވަހަށް ކުރަން ޖެހޭ ހަރަދަށް

ފޯ ނޭޝަންސް ކަޕްގެ ބައެއް ހަރަދުތައް

  • 1.2 މިލިއަން ރުފިޔާ: ޓީމުތައް ތިބުން

  • 726،220 ރުފިޔާ: ރާއްޖޭގެ ދެ ޓީމު ތަމްރީން ހޯދަން ތައިލެންޑަށް ކުރި ދަތުރު

  • 82،000 ރުފިޔާ: ފޯރިއަރުވަން ސަޕޯޓަރުންގެ ޓީޝާޓް ހަދަން

ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިދާރީ ހިންގުމަށް އެހީތެރިވާން ސަރުކާރުން ކޮންމެ އަހަރަކު ވެސް ފައިސާ ދެ އެވެ. އެކަމަކު އެ ފައިސާގެ އިތުރުން މިދިއަ ދެ އަހަރު ވީއޭއެމްއަށް ދިން މާލީ އެހީތެރިކަން 10 މިލިއަން ރުފިޔާއަށް އަރަ އެވެ.

ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތައް ހިންގަނީ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިންތޯ ކަށަވަރުކުރަން ޖެހޭ ބަޔަކީ ސަރުކާރެވެ. އަދި ސަރުކާރުން އެސޯސިއޭޝަންތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މައިގަނޑު ބިންގަލަކަށް ވާން ޖެހޭނީ، ކުޅިވަރުގެ ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި، ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ތަން ހިންގުމެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މ، އާއި ވޮލީބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ރަނޭޝް އަދި ކުޅިވަރާ ބެހޭ މިނިސްޓަރު އަހުމަދު މަހްލޫފް: ވީއޭއެމްއާ މެދު ސަރުކާރު އޮތީ ހިތްހަމަޖެހިފައި

ރާއްޖޭގައި ދެ ވަނައަށް އެންމެ ފޯރިގަދަ ކުޅިވަރުގެ މައި އިދާރާގެ ހިންގުމާ މެދު ސަރުކާރުން ލޯ މަރާލައިގެން އޮންނަ އޮތުން، ވޮލީބޯޅައިގެ ތަޖުރިބާކާރުން ކުށްވެރިކުރެ އެވެ. 

'ދައުރު'ން ވާހަކަ ދެއްކި ތަޖުރިބާކާރުން އެއްބަސްވާ ގޮތުގައި ހުރިހާ ވެސް މައްސަލައަކީ ގާނޫނާއި ގަވާއިދާ ހިލާފަށް ވީއޭއެމް ހިންގަމުން ދާއިރު އެކަމަށް ސަރުކާރުން އަޅާނުލުމެވެ. އޭގެ ބަދަލުގައި މި ދެނީ މާލީ ބޮޑެތި އެހީތަކެވެ. އެއީ ކުޅިވަރު ކުރިއެރުވުމުގެ ނަމުގައި ސަރުކާރުން ދައްކާ ވަރަށް ނުބައި ނަމޫނާއެއް ކަމަށް، އެ މީހުން ބުނެ އެވެ.

ކޮމެންޓް (3)

ކުނޑި ހަސަން ފުޅު

5 ޖޫން 2023
ބަލަގަ.ތިޔަ އެސޯސިއޭޝަނުގެ ލަތީފް އުޅުނު އިރުގަވެސް ފަނިވެފަ އޮތީ.އަބަދު އޮންނަނީ ފަނި އަޅާފަ.ސަޕޯޓަރުންނަށް ސައޭ ކިޔާފަ އެތައް ހާހެއް ޚަރަދުކޮށްފަ.ތީ ކޮންބަޔަކަށް ދިން ސައެއްތަ؟ނޫހުގަ ފަޟީޙަތް ނުވެ ތިޔަ ތަން ރަގަޅުކޮށް ބަލަ.
1 0

ސިކުނޑި

5 ޖޫން 2023
ގަވައިދާ ޚިލާފަށް ހިނގާނަމަ، އެކަން ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން ރަނގަޅުވާނެ! މީގެއިން ބޮޑަށް ދޭހަވަނީ ޒާތީ މައްސަލައެއް އުޅޭކަން!
1 1

އަބުޅޯ

5 ޖޫން 2023
@ސިކުނޑި ހުށަ އެޅިފަ ވަނީ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް