
އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމް ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމުންޑަށް ކ
ރެއާލަށް ގެންދަން އުޅޭ ބެލިންހަމް އަކީ ޖަރުމަން ލީގުގެ މޮޅު ކުޅުންތެރިޔާ
ބުންޑަސްލީގާގެ ބޮރޫޝިއާ ޑޯޓްމުންޑަށް ކުޅޭ އިނގިރޭސި ޒުވާން މިޑްފީލްޑަރު ޖޫޑް ބެލިންހަމްއަކީ ޖަރުމަނު ލީގުގެ މި ސީޒަނުގެ މޮޅު ކުޅުންތެރިޔާ އެވެ. އެހެންކަމުން ލީގުގައި ކުޅުނު ފަހު މެޗުގައި މައިޒްއާ އެއްވަރުގެ ޑޯޓްމުންޑަށް ލީގު ގެއްލުނަސް 19 އަހަރުގެ ކުޅުންތެރިޔާއަށް މިއީ އަނެއްކާވެސް ކާމިޔާބު ސީޒަނެކެވެ.
މި ސީޒަނުގައި އޭނާ ވަނީ ޑޯޓްމުންޑަށް ލީގުގައި 31 މެޗު ކުޅެ، އަށް ގޯލު ޖަހައިދީފަ އެވެ. ނުރައްކާތެރި އެޓޭކިން މިޑްފީލްޑަރެއްގެ ގޮތުގައި ގިނަ ބައެއްގެ ލޮލުގައި އަޅައިގެންފައިވާ ބެލިންހަމް ކާމިޔާބު ސީޒަނެއް ނިންމާލިއިރު ކުރިއަށް އޮތް ސީޒަނުގައި އޭނާ ފެންނާނެ ކަމަށް ބެލެވެނީ ސްޕެއިންގެ ބޮޑު ކްލަބް، ރެއާލް މެޑްރިޑުންނެވެ.
ރެއާލަށް އޭނާ ގެންދަން އުޅޭ 'ޑީލް' ގެ އަގު 110 މިލިއަން ޑޮލަރަށް އަރާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އިނގިރޭސި ކްލަބް ބާމިންހަމް ސިޓީ އިން 2020ގައި އޭނާ ޑޯޓްމުންޑަށް ބަދަލުވީ 30 މިލިއަން ޑޮލަރުގެ އަގަކަށެވެ. އުމުރުން އޭރު އެންމެ 17 އަހަރުގައި މި އަގާ އެކު ބެލިންހަމް ވީ އެ އުމުރުފުރައިގެ އެންމެ އަގުބޮޑު ކުޅުންތެރިޔާއަށެވެ.
ޑޯޓްމުންޑަށް މިހާތަނަށް 130 މެޗު ކުޅެފައިވާ މިޑްފީލްޑަރަކީ އިންގްލެންޑް ޓީމުގައި ވެސް ވަރަށް މުހިންމު ކުޅުންތެރިއެކެވެ. މިހާތަނަށް ގައުމީ ޓީމަށް 24 މެޗު ކުޅުނެވެ. ގަތަރުގައި އޮތް ވޯލްޑް ކަޕްގައި އިނގިރޭސިން ކުއާޓާ ފައިނަލާ ހަމައަށް ގެންގޮސްދިނުމުގައި ވެސް އެންމެ މުހިންމު އެއް ދައުރެއް އަދާކުރި އެއް ކުޅުންތެރިޔަކީ ބެލިންހަމް އެވެ.