ޗެލްސީގެ އާ ކޯޗު މައުރީޝިއޯ ޕޮޗެޓީނޯ

ޗެލްސީ

ނާކާމިޔާބު ސީޒަނަކަށް ފަހު ޗެލްސީ އަށް ކާމިޔާބު ކޯޗެއް

ޗެލްސީ މިފަހަރުގެ ސީޒަން ނިންމާލީ ތާވަލުގެ 12 ވަނައިގައެވެ. މިއީ ފާއިތުވި 25 އަހަރުގެ ތާރީޚުގައި ވެސް ޓީމު މިހާ ފުލަށް ވެއްޓުނު ފުރަތަމަ ފަހަރެވެ.
29 މޭ 2023

ނާކާމިޔާބު ސީޒަނަކާ އެކު ކޯޗު ފްރޭންކް ލަމްޕާޑްގެ މުއްދަތު ނިމުމަކަށް އައުމުން ޗެލްސީގެ އާ ކޯޗެއްގެ ގޮތުގައި އާޖެންޓީނާގެ މައުރީޝިއޯ ޕޮޗެޓީނޯ ރަސްމީކޮށް އިއުލާނުކޮށްފި އެވެ.

ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން އޭނާ ޗެލްސީއާ އެކު މަސައްކަތަށް ނުކުންނާނީ 1 ޖުލައިގަ އެވެ.

އިނގިރޭސި ފުޓްބޯޅައިގައި ޗެލްސީއާ އެންމެ ވާދަވެރި އެއް ޓީމު ކަމުގައިވާ ޓޮޓެންހަމް ހޮސްޕާއާ އެކު ފަސް އަހަރު ހޭދަކުރުމަށް ފަހު ފްރާންސްގެ ޕީއެސްޖީއަށް އެންމެ ފަހުން ކޯޗުކޮށްދިން އުމުރުން 51 އަހަރުގެ ޕޮޗެޓީނޯ އަކީ އޭނާގެ ހިތްގައިމު އެޓޭކިން ފުޓްބޯޅައަށް މަޝްހޫރު ޓެކްޓީޝަނެކެވެ. އޭނާގެ މެނޭޖިން ކެރިއަރުގައި މިހާތަނަށް އެންމެ ތިން ޓްރޮފީ ލިބިފައިވިޔަސް ފުޓްބޯޅައިގެ ދުނިޔޭގައި ތައުރީފާއި އިހުތިރާމް ލިބިފައި ވަނީ އޭނާގެ ފުޓްބޯޅައިގެ ސްޓައިލަށެވެ.

ޕޮޗެޓީނޯގެ މި ސްޓައިލާއި ބެލުމުގެ ދަށުގައި ޓޮޓެންހަމް، ޕްރިމިއަ ލީގުގެ އެންމެ ނުރައްކާތެރި އަދި އެންމެ ހިތްގައިމު ފުޓްބޯޅައެއް ކުޅުނު އެއް ޓީމަށް 2014 އާއި 2019އާ ދެމެދު ބަދަލުވެގެން ދިޔައިރު ލީގު ކަޕް ފައިނަލް އަދި 2019ގެ ޗެމްޕިއަންސް ލީގު ފައިނަލް ކުޅެފައިވެ އެވެ. އޭނާގެ ބެލުމުގެ ދަށުގައި ސްޕާސް ވަނީ 17-2016 ސީޒަނުގައި ލީގުގެ ދެ ވަނަ ވެސް ހޯދައިފަ އެވެ.

ޓޮޓެންހަމްއަށް ފަހު އޭނާ ޕީއެސްޖީއާ ހަވާލުވީ ޖެނުއަރީ 2021ގަ އެވެ. އެ ސީޒަނުގައި ޕީއެސްޖީ ނިންމާލަން ޖެހުނީ ލީގުގެ ދެ ވަނައިގައި އޮވެ އެވެ. ނަމަވެސް ޖެހިގެން އައި ސީޒަނުގައި އޭނާ ވަނީ ލީގާ އެކު ތިން ތަށި ކާމިޔާބުކޮށްދީފަ އެވެ. އެއަށް ފަހު މިދިޔަ އަހަރުގެ ޖުލައި މަހު ޕީއެސްޖީ އިން އޭނާ ދޫކޮށްލުމުން މިހާތަނަށް ހުރީ އެއްވެސް ކްލަބާ ނުގުޅި އެވެ.

މި ބްރޭކަށް ފަހު އޭނާ ޗެލްސީއާ ގުޅެފައި މިވަނީ އޭނާ ބޭނުންވާ ފުރިހަމަ ކޮންޓްރޯލް ކްލަބުގައި ދޭނެ ކަމުގެ ޔަގީންކަން ޗެލްސީގެ ވެރިން ދިނުމުން ކަމަށް ޚަބަރުތައް ބުނެ އެވެ. ޕޮޗެޓީނޯ އާއި ޕީއެސްޖީގެ މޫނު ކެނޑިގެން ދިޔައީ ވެސް ކްލަބް ލައްވައި ކުޅުވާނެ ގޮތުގެ 'ފުރިހަމަ ކޮންޓްރޯލް' އޭނާ އަށް ގެއްލުނު ހިސާބުންނެވެ.

ކޯޗެއްގެ ގޮތުގައި ޕޮޗެޓީނޯ އޭނާގެ ދަތުރު ފެށީ އެސްޕަނިޔޯލް އިންނެވެ. ސްޕާސްއާ ހަވާލުވުމުގެ ކުރިން ސައުތެމްޓަމްއަށް ވެސް ކޯޗުކޮށްދިނެވެ.

ޕޮޗެޓީނޯއަކީ ފަސް އަހަރުގެ ތެރޭގައި ޗެލްސީގެ ކޯޗުކަމާ ހަވާލުވާ ހަ ވަނަ ކޯޗެވެ. އަދި ރަޝިއާގެ ބިލިއަނަރު ރޯމަން އަބްރަމޮވިޗް ޗެލްސީ ވިއްކާލައި، މި ކްލަބާ އެމެރިކާގެ ބިލިއަނަރު ޓޮޑް ބޮއެލީ މިދިޔަ އަހަރުގެ ޖުލައި މަހު ހަވާލުވި ފަހުން ކްލަބަށް އަންނަ ހަތަރު ވަނަ ކޯޗެވެ.

ނާކާމިޔާބު ސީޒަނަކަށް 550 މިލިއަން ޑޮލަރު ހޭދަކުރުމަށް ފަހު ޗެލްސީން އާ ސީޒަނަށް ތައްޔާރުވުމަށް ޕޮޗެޓީނޯ ގެނެސް އިއުލާންކޮށް ކްލަބުން ބުނަނީ އޭނާއަކީ ކާމިޔާބީ ސާބިތުކޮށްދީފައިވާ ކޯޗެއް ކަމަށެވެ.

އެކަމަކު ޗެލްސީއާ އެކު އެއްވެސް ކޯޗަކަށް ދިގު މުއްދަތަކަށް ދެމިގެންދާ ކާމިޔާބީއެއް ހޯދިދާނެ ކަމާ މެދު އަދިވެސް ސުވާލު އުފެދެ އެވެ. ޗެލްސީ މިފަހަރުގެ ސީޒަން ނިންމާލީ ތާވަލުގެ 12 ވަނައިގައެވެ. މިއީ ފާއިތުވި 25 އަހަރުގެ ތާރީޚުގައި ވެސް ޓީމު މިހާ ފުލަށް ވެއްޓުނު ފުރަތަމަ ފަހަރެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް