Majlis 2024

ވެސްޓް ހެމް އަތުން 2-1 އިން މޮޅުވި ނަމަވެސް ލެސްޓަ ސިޓީގެ ކުޅުންތެރިން މާޔޫސްވެފައި. ލީގުގެ ފަހު މެޗުތަކުގެ ނަތީޖާ އައި ގޮތުން ލެސްޓާ ސިޓީ ވަނީ ޗެމްޕިއަންޝިޕްއަށް ރެލިގޭޓްވެފައި

ޕްރެމިއަ ލީގު

ޕްރިމިއަ ލީގު ކާމިޔާބުކުރި ލެސްޓާ ޕްރިމިއަ ލީގުން ވެއްޓިއްޖެ

ލެސްޓާ ތާރީހަށް ވަދެފައި އެވަނީ ޕްރިމިއަ ލީގުގެ ޗެމްޕިއަންކަން ހޯދި ޓީމުތަކުގެ ތެރެއިން މަތީ ލީގުން ޖާގަ ގެއްލުނު ދެ ވަނަ ޓީމަށް
29 މޭ 2023

އިނގިރޭސި ޕްރިމިއަ ލީގުގެ ޗެމްޕިއަންކަން ހޯދި ކްލަބެއް، އެ ލީގުން ރެއާ ހަމައަށް ރެލިގޭޓްވީ ބްލެކްބާން ރޯވާސް އެކަންޏެވެ. ނަމަވެސް ރޭ އެ ލިސްޓަށް ލެސްޓާ ސިޓީ ވަނީ އަރައިފަ އެވެ.

ޕްރިމިއަ ލީގުގެ މި ސީޒަންގެ އެންމެ ފަހު މެޗުތަކުގެ ތެރެއިން ރޭ އެންމެ ބޮޑު ހިތާމައެއް ލިބުނީ ލެސްޓާއަށެވެ. ވެސްޓް ހެމް އަތުން 2-1 އިން މޮޅުވި ނަމަވެސް، ޕްރިމިއަ ލީގުން ޖާގައެއް ނުހޯދުނެވެ.

ރޭގެ ފަހު މެޗުތަކުގައި ތިން ޓީމެއް މަރާ ހަނގުރާމަކުރި އެވެ. ލެސްޓާ އާއި އެވަޓަން އަދި ލީޑްސް ޔުނައިޓެޑެވެ. މީގެ ތެރެއިން ކޮންމެ ޓީމަކަށް ވެސް ފުރުސަތު އޮތީ މެޗުން މޮޅުވެ، އަނެއް ދެ ޓީމު ބަލިވެގެންނެވެ. ލެސްޓާ މޮޅުވި އިރު، އެވަޓަން ވެސް ވަނީ މޮޅުވެފަ އެވެ.

ޕްރިމިއަ ލީގުގެ ފުލުގައި އޮވެ ރެލިގޭޓްވި ތިން ޓީމު

18- ލެސްޓާ، ކުޅުނު 38، ޕޮއިންޓް 34

19- ލީޑްސް، ކުޅުނު 38، ޕޮއިންޓް 31

20- ސައުތެމްޓަން، ކުޅުނު 38، ޕޮއިންޓް 25

އިނގިރޭސި ފުޓްބޯޅައިގެ ހަރުގަނޑަށް ބަލާއިރު ދެ ވަނަ ދަރަޖަ، ނުވަތަ ޗެމްޕިއަންޝިޕަށް ލެސްޓާ މި ވެއްޓުނީ ނުވަ އަހަރު ޕްރިމިއަ ލީގުގައި އޮވެފަ އެވެ. އަދި ދުނިޔެ ހައިރާންކޮށްލާފައި 2016ގެ ޕްރިމިއަ ލީގުގެ ތަށި ވެސް ހޯދި އެވެ. އޭގެ ފަހުން އެފްއޭ ކަޕް ވެސް ކާމިޔާބުކުރި އެވެ.

ނަމަވެސް މި ސީޒަން ފެށީ ވެސް އެހާ ރަނގަޅަކަށް ނޫނެވެ. ނަތީޖާއަކަށް ވީ ވަކި ހިސާބަކުން ކޯޗުން ވެސް ބަދަލުކުރުމެވެ. ރެލިގޭޓްވި އިރު ޓީމުގައި ހުރީ މި ސީޒަންގައި ހަމަޖެއްސި ތިން ވަނަ ކޯޗެވެ.

ލެސްޓާއަކީ އިނގިރޭސި ޕްރިމިއަ ލީގުން ކަޓައި ޗެމްޕިއަންޝިޕަށް ވެއްޓުނު އެންމެ އަގުބޮޑު ޓީމެވެ. ލެސްޓާގެ އަހަރުދުވަހުގެ މުސާރައަށް ވެސް 216 މިލިއަން ޑޮލަރު (3.3 ބިލިއަން ރުފިޔާ) އަރަ އެވެ. ޕްރިމިއަ ލީގުގެ ޗެމްޕިއަންކަން ހޯދި އިރު އެންމެ ވަރުގަދަ ފޯވަޑެއްގެ ގޮތުގައި ފެނުނު ޖެމީ ވާޑީ އާއި ޕްލޭމޭކަރު ޖޭމްސް މެޑިސަން އަދި ރިކާޑޯ ޕެރެއިރާގެ މުސާރައަކީ ހަފުތާއަކު 120،000 ޑޮލަރު (1.8 މިލިއަން ރުފިޔާ) އެވެ.

ޕްރިމިއަ ލީގުގައި އޮތް އިރު ލެސްޓާގެ އާމްދަނީ އުޅެނީ، މޭ 2020ގެ ހިސާބުތައް ދައްކާ ގޮތުން، 256 މިލިއަން ޑޮލަރު (3.9 ބިލިއަން ރުފިޔާ)ގަ އެވެ.

ޗެމްޕިއަންޝިޕްގައި ލެސްޓާގެ އާމްދަނީ އުޅޭނީ 84 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ)ގައި ކަމަށް ލަފާކުރެވެ އެވެ. އެހެންކަމުން ޓީމުގެ މުސާރައިގެ އޮނިގަނޑަށް ވަރަށް ބޮޑު ބަދަލެއް ގެންނަން ޖެހޭނެ ކަމަށް ބެލެވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް