މެންޗެސްޓަ ޔުނައިޓެޑް ކޮޅަށް ޖެހި ޕެނެލްޓީ ނާކާމިޔާބުވުމުން ދެރަވެފައި އިން ބްރައިޓަންގެ ސޮލީ މާޗު އަށް އެހެން ކުޅުންތެރިން ހިތްވަރުދެނީ

އެފްއޭ ކަޕް ފައިނަލްގައި މެންޗެސްޓާގެ ދެ ވާދަވެރިން

ސެމީ ފައިނަލް ފަހު މެޗުގައި ރޭ ބްރައިޓަން އަތުން މެންޗެސްޓަ ޔުނައިޓެޑް މޮޅުވީ ޕެނެލްޓީ ޖަހައިގެން
24 އޭޕްރީލު 2023

އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލް މެޗަކީ މެންޗެސްޓާގެ ވާދަވެރި ދެ ކްލަބްގެ ބައްދަލުވުމަކަށް ރޭ ވެއްޖެ އެވެ.

ސެމީ ފައިނަލް ފުރަތަމަ މެޗު ކާމިޔާބުކޮށް މެންޗެސްޓަ ސިޓީން ފައިނަލުން ޖާގަ ހޯދާފައި ވަނިކޮށް ރޭ ވެމްބްލީގައި ކުޅުނު ދެ ވަނަ ސެމީ ފައިނަލް މެޗުގައި ބްރައިޓަން އަތުން މެންޗެސްޓަ ޔުނައިޓެޑް މޮޅުވީ ޕެނެލްޓީއަށް ގޮސްގެންނެވެ.

ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފުގައި ވެސް ލަނޑެއް ނުޖެހި ނިމުނު މެޗުގައި ދެ ޓީމުން ޕެނެލްޓީ ވެސް ޖަހަމުން ގެންދިޔައީ އެއްވެސް ގޯހެއް ނުހަދައި ބަރާބަރަށެވެ. ނަމަވެސް ހަތް ވަނަ ޕެނެލްޓީގައި، ބްރައިޓަންގެ ސޮލީ މާޗު ބޯޅަ ފޮނުވާލީ ގޯލު ދަނޑި މަތިން ބޭރަށެވެ.

ޔުނައިޓެޑްގެ ހަތް ވަނަ ޕެނެލްޓީ، ދިފާއީ ކުޅުންތެރިޔާ ވިކްޓާ ލިންޑެލޮޕް ކާމިޔާބުކޮށް، ވަރުގަދަ ފައިނަލަށް މިސްރާބު ޖަހާލި އެވެ.

ބްރައިޓަން އެންމެ ފަހުން އެފްއޭ ކަޕް ފައިނަލަށް ގޮސްފައި ވަނީ 1983ގަ އެވެ. އެ ފައިނަލްގައި ބަލިވީ ވެސް ޔުނައިޓެޑް އަތުންނެވެ.

އެފްއޭ ކަޕް ފައިނަލް އޮންނާނީ 3 ޖޫންގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް