މާޒިޔާގެ ފުޓްބޯޅަ ޓީމު މި މަހު ސައުދީއަށް ކުރި ޕްރެކްޓިސް ދަތުރެއްގައި ވާމްއަޕްކުރަނީ: މާޒިޔާގައި ގައުމީ ޓީމު 12 ކުޅުންތެރިން ހިމެނޭ

ފުޓްބޯޅަ

ގިނަ ޓީމުތައް އަދިވެސް ޕްރެކްޓިސް ނުފަށައި، އެފްއޭއެމުން ބުނަނީ ފައިސާގެ މައްސަލަ ހައްލުވާނެ ކަމަށް

މިހާތަނަށް ޕްރެކްޓިސް ފެށީ މާޒިޔާ އާއި އީގަލްސް އެކަނި. އެހެން ޓީމުތަކުން ތައްޔާރުނުވާ ނަމަ ސީޒަނަށް ވާނެ ގޮތަކާ މެދު ބިރު އެބަ އޮތް
27 މާރިޗު 2023

މުހިންމު ނުކުތާތައް

އެފްއޭއެމް ރައީސް ބައްސާމް ވިދާޅުވަނީ މި ހަފުތާގައި ފުރަތަމަ ޕޭމަންޓް ޖަމާވާނެ ކަމަށް

ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް މާޒިޔާގައި ތިބުމަކީ ނަސީބެއް

ފުރަތަމަ މުބާރާތް ޕްރެޒިޑެންޓްސް ކަޕް ފަށަން ތާވަލްކޮށްފައި ވަނީ 8 އެޕްރީލްގައި

"ޕްރެކްޓިސް ފަށާނީ މިދިއަ އަހަރު ދޭން ހުރި ލާރި އެފްއޭއެމުން ދިނީމާ."

މިއީ ދިވެހި ފުޓްބޯޅާގައި މި ވަގުތު އެންމެ މަތީ ހަރުފަތުގައި އޮތް އަށް ޓީމުގެ ތެރެއިން ޓީމެއްގެ އޮފިޝަލަކު ބުނި ވާހަކަ އެވެ.

އޭނާގެ އެ ވާހަކައިގެ ހަގީގަތް، އެފްއޭއެމްގެ ފުޓްބޯޅަ ދަނޑުތަކުން މި ވަގުތު ފެންނާނެ އެވެ. އެ އަށް ޓީމުގެ ތެރެއިން ޕްރެކްޓިސް ފަށައި، އިންތިޒާމީ ގޮތެއްގައި ތައްޔާރުވަމުން އަންނަނީ މާޒިޔާ އާއި އީގަލްސް އެކަންޏެވެ.

މައްސަލައަކީ ޕްރިމިއަ ލީގުގެ ޓީމުތަކަށް އަހަރަކު ދޭން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވައުދުވެވަޑައިގެންނެވި ފައިސާ މިދިއަ އަހަރު ގިނަ ޓީމުތަކަށް އެއްކޮށް ލިބިފައި ނެތުމެވެ. އެފްއޭއެމްގެ އިންތިހާބުގައި އޭނާ ޔަގީންކަން ދެއްވީ ޕްރިމިއަ ލީގުގެ އަށް ކްލަބްގެ ތެރެއިން ކޮންމެ ކްލަބަކަށް އަހަރަކު 3 މިލިއަން ރުފިޔާ ދެއްވާނެ ކަމަށެވެ.

'ދައުރު'އަށް އެނގިފައިވާ ގޮތުގައި ގިނަ ކްލަބްތަކަށް އެ ފައިސާގެ ބޮޑު ބައެއް އަދި އޮތީ ނުލިބި އެވެ. ކްލަބްތަކުން ހޭދަކުރަނީ 3 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަލައިގެން ކަމަށާއި އެފްއޭއެމުން އެ އެހީ ނުދޭ ނަމަ އެއީ ކްލަބްތަކަށް އުފުލަން ޖެހޭ ބޮޑު ދަރަންޏެއް ކަމަށް، 'ދައުރު'އާ ވާހަކަ ދެއްކި ބައެއް އޮފިޝަލުން ބުންޏެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ މާލީ ބޮޑު މައްސަލަގަނޑެއްގެ ތެރޭގައި އުޅޭތާ ދުވަސްތަކެއް ވެއްޖެ އެވެ. އެކަމަކު މި އަހަރުގެ ސީޒަން އަންނަ މަހު ފަށަން ތާވަލްކޮށްފައި އޮތް އިރު މިހާތަނަށް އެންމެ ދެ ޓީމުން ޕްރެކްޓިސް ފެށުމަކީ، ދިވެހި ފުޓްބޯޅަ ވެއްޓިފައި އޮތް ނިކަމެތި ހާލަތު އެނގޭ އެއް މިސާލެވެ.

ބައްސާމް ވިދާޅުވަނީ ހައްލު ހޯދޭނެ ކަމަށް

ފުޓްބޯޅައިގެ ތެރޭގައި އަމަލީ ގޮތުން އުޅޭ ބައެއް މީހުންގެ ކަންބޮޑުވުން، މިހާރު ކުރިމަތިވެފައިވާ މައްސަލަތަކަށް އޮތަސް، ކަންކަން ހައްލުކުރެވޭނެކަމުގެ ޔަގީންކަން އެފްއޭއެމްގެ ރައީސް ބައްސާމް ދެއްވި އެވެ. އޭނާ ވިދާޅުވީ ފައިސާ ނުލިބި ހުރި ކްލަބްތަކަށް ފުރަތަމަ ޕޭމަންޓް މި ހަފުތާއިން ފެށިގެން ޖަމާވާނެ ކަމަށެވެ.

"މިދިއަ އަހަރަކީ އެފްއޭއެމަށް މާލީ ގޮތުން ދަތި އަހަރަކަށް ވާތީ ހުންނާނެ ބައެއް ކްލަބްތައް ޖުމްލަ އަދަދު ހަމަ ނުވެ. އެ ބައި މި އަހަރުގެ ތެރޭގައި ހަމަޖެހިގެން ދާނެ،" ވަޓްސްއެޕް މެދުވެރިކޮށް 'ދައުރު'ން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން، ބައްސާމް ވިދާޅުވި އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް: އޭނާ ވިދާޅުވަނީ މިހާރު ހުރި މައްސަލަތައް ހައްލުވާނެ ކަމަށް

އޭނާ ވިދާޅުވި ގޮތުގައި އެފްއޭއެމް އަބަދުވެސް އޮންނާނީ ކްލަބްތަކަށް އެހީތެރިވުމުގަ އެވެ.

"ދަތި ވަގުތުތަކުގައި ވެސް އެންމެން މަޝްވަރާކޮށްގެން ހައްލު ހޯދޭނެ،" ބައްސާމް ވިދާޅުވި އެވެ.

ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތައް އިންތިހާބުކުރަން ފެށުމުން އެންމެ ބޮޑު މައްސަލައަކަށް ވީ، އިންތިހާބުތަކުގެ ފަހަތުގައި ހިންގާ ނުރަނގަޅު މާލީ މުއާމަލާތްތަކާއި ވައުދުތަކެވެ. އެސޯސިއޭޝަންތަކުގެ އަސް ފެންވަރަށް ވުރެ ހޭދަ ބޮޑުވާނެ ފަދަ ކަންކަން ކޮށްދޭން އިންތިހާބުތަކުގެ ވާދަވެރިން އެއްބަސްވެ އެވެ. ހާއްސަކޮށް ފުޓްބޯޅައަކީ ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރަށް ވާތީ، ފުޓްބޯޅައިގެ މަތީ ލީގުތަކުގެ ކްލަބްތަކުގެ ވޯޓު ހޯދަން، ކޮންމެ ކެންޑިޑޭޓަކު ވެސް ނެރެނީ ފުއްދަން އުނދަގޫ ވައުދުތަކެވެ.

ބައެއް ކްލަބްތަކުގެ އޮފިޝަލުން މި ވާހަކައަށް އެއްބަސްވެ އެވެ. ނަމަވެސް އެ މީހުން ބުނަނީ ބައްސާމް ހޮވީ ކޮންމެ ކްލަބަކަށް އަހަރަކު 3 މިލިއަން ރުފިޔާގެ މާލީ އެހީ ލިބޭނެކަމުގެ ޔަގީންކަން ދެއްވުމުން ކަމަށް ވާތީ، އެއީ ކްލަބްތަކަށް ލިބެން ޖެހޭނެ ފައިސާ ކަމަށެވެ.

"އެ ފައިސާ ލިބޭނެ ކަމަށް ހުންނާނެ އަހަރެމެން އަތުން ހޭދަކޮށްފައި. އެބައި ނުލިބެންޏާ އެއީ ދަރަނި،" އެކަކު ބުންޏެވެ.

ބައެއް ކްލަބްތަކުން ކުޅުންތެރިންނަށް މުސާރައެއް ނުދެވެ އެވެ. ބޭރުން ގެންނަ ބައެއް ކުޅުންތެރިން ހާލުގައި ޖެހި، ފީފާއަށް މައްސަލަ ހުށައަޅަ އެވެ. ފުޓްބޯޅައިގެ މި ހަލާކު ހަބަރުތަކާ އެކު ރާއްޖޭގެ ނަން ވެސް ހަރާބުވަނީ އެވެ.

ސީޒަނަށް ތައްޔާރުވާން ކްލަބްތަކަށް އެފްއޭއެމުން ދޭން ބުނި މާލީ އެހީތެރިކަން ލިބުމުގެ ކުރިން، ބައެއް ކްލަބްތަކުން ޕްރެކްޓިސް ފެށުން ދުރެވެ. ނަމަވެސް ބައްސާމް ވިދާޅުވީ މި ހަފުތާގައި ކްލަބްތަކުން ޕްރެކްޓިސް ފަށާނެކަމަށް ބުނެފައިވާ ކަމަށެވެ.

އަޅާ ގިނަ ފިޔަވަޅުތަކުން ބައެއް މީހުންނަށް އުނދަގޫވެދާނެ

އެފްއޭއެމްގެ ދަރަނި ވެސް އެހާ ބޮޑެވެ. ހަރަދު ކުޑަކުރުމުގެ މަސައްކަތްތަކެއް މިހާރު ވެސް ވަނީ ފަށައިފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ މަސައްކަތް ކުރިއަށް ދާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.

"ނަގާ ބައެއް ފިޔަވަޅުތަކަކީ ގިނަ ބަޔަކަށް އުނދަގޫ ފިޔަވަޅުތަކަކަށް ވުން އެކަށީގެންވޭ. އެހެންނަމަވެސް ރަނގަޅު މިސްރާބަކަށް ދިއުމަށް އަޅަން ޖެހޭ ފިޔަވަޅުތަކެއް ކަމަށް ދެކެނީ،" އޭނާާ ވިދާޅުވި އެވެ.

"އިންޝާﷲ، މާ ގިނަ ދުވަހެއް ނުވެ ހައްލުވެގެން ދާނެ."

ފުރަތަމަ ހައްލަކަށް ވާން ޖެހޭނީ ކްލަބްތައް ޕްރެކްޓިހަށް ނެރުމެވެ. އޭގެ ކުރިން އޮތް ބިރަކީ މާޒިޔާ އާއި އީގަލްސް އެކަނި ކުޅެން ނުކުންނަ ސީޒަނަކަށް މި އަހަރުގެ ވާދަކުރުންތައް ވުމެވެ. އެހެން ކްލަބްތައް ދެން ބައިވެރިވާނީ 'ނަމަކަށެ'ވެ. ބައެއް މެޗުތަކަށް ޓީމު ހަމަނުވުން ވެސް ކައިރި އެވެ.

މިދިއަ ހަފުތާގައި ޕާކިސްތާނާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗަށް ގައުމީ ޓީމު ލ. ގަމުގައި: މި އަހަރު ޖޫން މަހު ސާފް ޗެމްޕިއަންޝިޕް ވެސް އޮވޭ

މާޒިޔާ އާއި އީގަލްސްގެ ފަހަތުގައި ތިބި އެހީތެރިންނަށް ޝުކުރު އަދާކުރަން ޖެހެ އެވެ.

ކުޅިވަރަށް އޮތް ލޯތްބެއްގެ ތެރެއިން ކުރާ ހޭދައިގެ ފައިދާ ދިވެހި ފުޓްބޯޅައަށް ކިތައްމެހާ ވެސް ބޮޑެވެ. އެހެން ނޫން ނަމަ މި އަހަރުގެ ސީޒަން، 3 އެޕްރީލް ދުވަހުގެ ރޭ އޮންނަ ޗެރިޓީ ޝީލްޑް މެޗުން ފަށާ އިރު، ޕްރެކްޓިހަށް ނުކުންނާނެ ބަޔަކު ވެސް ނުވީހެވެ. ނަސީބު ދިމާކުރި ގޮތުން އެ މެޗުގައި ވާދަކުރަން ޖެހެނީ ވެސް މި ދެ ޓީމެވެ.

"އީގަލްސް ނެތް ނަމަ، މާޒީޔާ އެކަނި އޮތީހީ. އެފްއޭއެމުން އެބުނާ ތާރީހުގައި އެ މެޗެއް ވެސް ނުކުޅެވުނީސް،" ކްލަބެއްގެ މީހަކު، ނަން ނުޖަހާ ގޮތަށް، ބުންޏެވެ.

އެކަށީގެންވާ ތައްޔާރުވުމެއް ނެތި ފުޓްބޯޅަ ކުރިއަށް ގެންދެވޭނެ ގޮތެއް ނޯންނާނެ އެވެ. ގައުމީ ޓީމަށް ކުޅުންތެރިން ފިޓްކޮށް ބައިތިއްބައިދެނީ ކްލަބްތަކުންނެވެ. އިންޑިއާގައި މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް، ޖޫން ފަހުކޮޅު ފަށާނެ އެވެ. ނަސީބަކުން، މިވަގުތު ރާއްޖޭގެ ގައުމީ ޓީމުގެ ފުރަތަމަ 11 ވެސް އޮތީ މާޒިޔާގަ އެވެ. މިދިއަ ހަފުތާގައި ލ. ގަމުގައި ޕާކިސްތާނާ ދެކޮޅަށް އެރި ގައުމީ ޓީމުގެ ފުރަތަމަ 11ގެ އިތުރުން ވެސް ބައެއް ކުޅުންތެރިން މާޒިޔާގައި ހިމެނެ އެވެ. އެހެންކަމުން މާޒިޔާއިން ކުރިން ތައްޔާރުވާން ފެށުމަކީ، މި އަހަރު ގައުމީ ޓީމަށް ވެސް ލިބޭނެ ބޮޑު އެހީތެރިކަމެކެވެ.

ސީޒަންގެ ފުރަތަމަ މުބާރާތް، ޕްރެޒިޑެންޓްސް ކަޕް، 8 އެޕްރީލްގައި ފަށަން އެ އޮތީ ތާވަލްކޮށްފަ އެވެ. ތައްޔާރުވާން ދެ ހަފުތާ ވެސް މިހާރު ނެތެވެ. 

ރާއްޖޭގެ އެއްވަނަ ކުޅިވަރު އާ ސީޒަނަށް ކުރިމަތި އެ ލަނީ ފިރުކެމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް