ލީގު ކަޕް ކާމިޔާބުކޮށް މެންޗެސްޓަ ޔުނައިޓެޑްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ޔުނައިޓެޑް ގަންނަން ޖާސިމް ދެވަނަ ބިޑެއް ހުށަހަޅައިފި

ޖާސިމްގެ ބިޑުގެ އަގަކީ 5.2 ބިލިއަން ޑޮލަރު. ކްލަބަށް އެންމެ ފައިދާ ބޮޑީ ވެސް މި ބިޑް ކަމަށް، ބައެއް ރިޕޯޓްތަކުން ބުނޭ
26 މާރިޗު 2023

އިނގިރޭސި ލީގުގެ އެންމެ ކާމިޔާބު ކްލަބު ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑް ގަންނަން ގަތަރުގެ މަހުޖަނެއް ކަމުގައިވާ ޖާސިމް ބިން ޙަމަދު އަލް ޘާނީ ދެވަނަ ބިޑެއް ވެސް ހުށައަޅުއްވައިފި އެވެ.

ގަތަރުގެ އިސްލާމިކް ބޭންކުގެ ޗެއާމަން މިފަހަރު ހުށައެޅުއްވީ 5.2 ބިލިއަން ޑޮލަރުގެ ބިޑެއް ކަމަށް، މީޑިއާތަކުން ބުނެ އެވެ.

ރިޕޯޓްތައް ބުނާގޮތުގައި ގަތަރުގެ ކުރީގެ ބޮޑުވަޒީގެ ދަރިކަލުން ޖާސިމް މި ބިޑް ހުށަހެޅުއްވީ މިދިއަ މަހު އެވެ. މިއީ އެއްވެސް ވަރެއްގެ ދަރަންޏެއް އެކުލެވޭ ބިޑެއް ނޫން ކަމަށް ވެސް، ރިޕޯޓްތައް ބުނެ އެވެ.

ޔުނައިޓެޑް ގަތުމަށް ބިޑަށް ހުޅުވާލުމާ އެކު އަށް ފަރާތަކުން ބިޑް ހުށައެޅި ކަމަށްވެ އެވެ.

މިހާރު ހުށަހަޅާފައިވާ ބައެއް ބިޑްތަކަށް ބަލާއިރު ޔުނައިޓެޑް ވާނީ ދުނިޔޭގެ އެންމެ އަގުބޮޑު ކްލަބަށެވެ. އެކަމަކު ޔުނައިޓެޑްގެ ވެރިން ކަމަށްވާ އެމެރިކާގެ ގްލޭޒާ އާއިލާއިން ކިޔަނީ 6.2 ބިލިއަން ޑޮލަރުގެ އަގެކެވެ.

ޔުނައިޓެޑް ގަތުމުގެ ކުރީގައި އުޅުއްވަނީ ޖާސިމްގެ އިތުރުން އިނގިރޭސި ބިލިއަނަރު ޖިމް ރެޓްކްލިފް އެވެ.

ގްލޭޒާ އާއިލާއިން 2005 ގައި ޔުނައިޓެޑް ގަތް ފަހުން އެމީހުން ވަނީ އެ ކްލަބް ބޮޑު ދަރަންޏެއްގެ ތެރެއަށް ވައްޓާލައިފަ އެވެ. އޭގެ ސަބަބުން ކްލަބުގެ ސަޕޯޓަރުން ނުރުހުން އެމީހުންނަށް ވަރަށް ބޮޑެވެ.

ރެޓްކްލިފް ހުށަހަޅުއްވާފައި ވަނީ ގްލޭޒާ އާއިލާގެ އަތުން ޔުނައިޓެޑްގެ %69 ހިއްސާ ގަތުމަށެވެ. 

އެކަމަކު ޖާސިމް ބިޑްކުރެއްވީ %100 ހިއްސާ ބައްލަވައިގަންނަވާ ގޮތަށެވެ. އޭނާގެ ބިޑަކީ ކުލަބާއި ސަޕީޓަރުންނަށް ވެސް އެންމެ ފައިދާ ބޮޑު ގޮތް ކަމަށް އެބިޑާ ގުޅޭ ގޮތުން މައުލޫމާތު އެނގޭ ފަރާތަކާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނެ އެވެ. 

ފަހަކަށް އައިސް މުއްސަނދި އަރަބިން ގެންދަވަނީ ޔޫރަޕްގެ ބޮޑެތި ކްލަބްތައް ބައްލަވައިގަންނަވަމުންނެވެ. އެގޮތުން 2018ގައި ޝެއިޚް މަންސޫރު ވަނީ ޕްރިމިއަ ލީގުގެ ކުލަބު، މެންޗެސްޓާ ސިޓީ ބައްލަވައިގެންފަ އެވެ. އަދި 2021 ގައި ސައުދީގެ މުއްސަނދި ފަންޑަކުން ނިއުކާސްލް ޔުނައިޓެޑް ވެސް ގަތެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް