އިޓަލީ ކޮޅަށް ލަނޑު ޖެހުމަށް ފަހު އިންގްލެންޑްގެ ހެރީ ކޭން އުފާ ފާޅުކުރަނީ. މިއީ އޭނާއަށް ވެސް އަދި އިންގްލެންޑަށް ވެސް ތާރީހީ ލަނޑެއް

ފުޓްބޯޅަ

ކޭންއަށް ރެކޯޑެއް، އިންގްލެންޑަށް 62 އަހަރުގެ މޮޅެއް

މިއީ 1961 ގެ ފަހުން އިޓަލީގައި އިންގްލެންޑަށް އިޓަލީ ބަލިކުރެވުނު ފުރަތަމަ ފަހަރު
24 މާރިޗު 2023

ޔޫރަޕުގެ ޗެމްޕިއަން އިޓަލީ 2-1 އިން ބަލިކޮށް އިންގްލެންޑް އިން 2024ގެ ޔޫރޯ ކޮލިފައިންގެ ފެށުން ރަނގަޅުކޮށް، ރެކޯޑްތަކެއް ވެސް ރޭ ހަދައިފި އެވެ.

މިއީ 1961ގެ ފަހުން އިޓަލީގައި ކުޅެ އިންގްލެންޑަށް އިޓަލީ ބަލިކުރެވުނު ފުރަތަމަ ފަހަރެވެ.

ފުރަތަމަ ހާފުގައި ޑެކްލަން ރައިސް އާއި ކެޕްޓަން ހެރީ ކޭން ޖެހި ދެ ލަނޑުން އިންގްލެންޑް ލީޑު ނަގައި، 2020ގެ ޔޫރޯގެ ފައިނަލްގައި އަމިއްލަ ދަނޑުގައި ކުޅެ އިޓަލީ އަތުން ބަލިވި ބަލިވުމުގެ ބަދަލުހިފުމަކާ ދިމާއަށް ދިޔަ އެވެ. ޕެނެލްޓީއަކުން ކޭން ކާމިޔާބުކުރި ލަނޑާ އެކު އިންގްލެންޑަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް، 54 ލަނޑަށް އަރުވައިގެން، އޭނާއަށް ލިބުނެވެ.

ރޭގެ މެޗަށް އެރި އިރު ކޭން އާއި ވޭން ރޫނީ އޮތީ 53 ލަނޑުން އެއްވަރުވެފަ އެވެ.

ރޭގެ މެޗުގެ ދެވަނަ ހާފަށް އިޓަލީ ނުކުތީ ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 56 ވަނަ މިނިޓްގައި މަޓެއޯ ރެޓެގުއި ލަނޑެއް ޖަހާ، އިންގްލެންޑް ޕްރެޝަރަށް ވައްޓާލި އެވެ.

މެޗުގެ 80 ވަނަ މިނިޓްގައި ލޫކް ޝޯއަށް ރަތް ކާޑު ދެއްކުމުން ފަހު 10 މިނިޓް އިންގްލެންޑް ކުޅުނީ 10 ކުޅުންތެރިންނާ އެކުގަ އެވެ.  ނަމަވެސް އިޓަލީއަށް އިތުރު ގޯލެއް ޖެހިޔަ ނުދީ، އިޓަލީގައި އިންގްލެންޑަށް މިދިއަ 62 އަހަރު ނުލިބުނު މޮޅު ކޭންގެ ކެޕްޓަންކަމުގެ ދަށުން ހޯދައިދިނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް