ފީފާ ވޯލްޑް ކަޕް ތަށި.

ފުޓްބޯޅަ

ފީފާއިން ފުޓުބޯޅަ ވޯލްޑް ކަޕުގައި ވާދަކުރާ ޓީމުތައް އިތުރުކޮށްފި

ފުޓުބޯޅަ ވޯލްޑް ކަޕުގެ އިތުރުން ކްލަބް ވޯލްޑް ކަޕަށް ވެސް ބޮޑެތި ބަދަލުތަކެއް ގެންނަކަން ފީފާއިން ވަނީ ހާމަކޮށްފައި

ފީފާ ފުޓުބޯޅަ ވޯލްޑް ކަޕުގައި ކުޅޭ މެޗުތަކުގެ އަދަދު 64 އިން 104 އަށް 2026ގައި އިތުރު ކުރާނެ ކަމަށް ފީފާއިން ހާމަކޮށްފި އެވެ.

އުތުރު އެމެރިކާގައި ދެން އޮންނަ ވޯލްޑް ކަޕުގައި ވާދަ ކުރާ ޓީމުތަކުގެ އަދަދު ވެސް 32 އިން 48 އަށް އިތުރުވާނޭ ކަމަށް ފީފާއިން ވަނީ ބުނެފަ އެވެ. އަދި އުތުރު އެމެރިކާގައި ބާއްވާ މި މުބާރާތުގައި ހަތަރު ޓީމުގެ މައްޗަށް ހިމެނޭ 12 ގްރޫޕެއް ހިމެނޭނެ ކަމަށް ފީފާއިން އިއްޔެ ވަނީ ހާމަކޮށްފަ އެވެ. 

"ބަދަލު ކުރެވުނު މި ފޯމެޓުގެ ސަބަބުން އޮޅުވާލުންތަކަށް ފުރުސަތު މަދުވެ، މެޗުތަކުގެ ދެމެދުގައި ވަރުބަލި ފިލުވާލެވޭނެ ވަގުތު ލިބޭގޮތަށް ކޮންމެ ޓީމަކުން ވެސް ތިން މެޗު މަދުވެގެން ކުޅޭނެ،" ފީފާއިން ބުންޏެވެ. 

ކޮންމެ ހަތަރު އަހަރަކުން އެއްފަހަރު ބާއްވާ މި މުބާރާތް 2026ގައި އޮންނާނީ އެމެރިކާ 11 ސިޓީއެއްގަ އާއި މެކްސިކޯގެ ތިން ސިޓީއެއްގަ އާއި ކެނެޑާގެ ދެ ސިޓީއެއްގަ އެވެ. އަދި މިއީ 48 ޓީމު މި މުބާރާތުގައި ބައިވެރިވާނެ ފުރަތަމަ ފަހަރެވެ.

މި މުބާރާތުގެ ފޯމެޓު ބަދަލު ކުރުމުގެ ސަބަބުން ދެން އޮންނަ މުބާރާތުގައި އިތުރު 1.5 މިލިއަން ޓިކެޓު ވިކި ފީފާއަށް ރެކޯޑު 11 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ވަނީ ލަފާ ކުރެވިފަ އެވެ.

ފުޓުބޯޅަ ވޯލްޑް ކަޕުގެ އިތުރުން 32 ޓީމުގެ މައްޗަށް އެކުލެވޭ ކްލަބް ވޯލްޑް ކަޕެއް މުބާރާތެއް ވެސް 2025ގެ ޖޫން އިން ފެށިގެން ކޮންމެ ހަތަރު އަހަރަކުން އެއްފަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ފީފާއިން ވަނީ އިއްޔެ އިއުލާންކޮށްފަ އެވެ.

އަދި މިހާރު ހަތް ޓީމުގެ މައްޗަށް ކުރިއަށްދާ ކްލަބް ވޯލްޑް ކަޕު މުބާރާތް 2024 އަށް ފަހު އުވާލާނެ ކަމަށް ވެސް ފީފާއިން ބުނެ އެވެެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް