ގަތަރު ވޯލްޑް ކަޕްގެ ޗެމްޕިއަން އާޖެންޓީނާގެ ކުޅުންތެރިން ސެމީ ފައިނަލްގައި ކްރޮއޭޝިއާ 3-0 އިން ބަލިކޮށް އުފާ ފާޅުކުރަނީ
ދެން އަންނަ ވޯލްޑް ކަޕްގައި ވެސް ހަތަރު ޓީމުގެ ގްރޫޕްތައް ހަދަން ނިންމައިފި
އެމެރިކާ އާއި ކެނެޑާ އަދި މެކްސިކޯގައި 2026ގައި އޮންނަ ވޯލްޑް ކަޕްގެ ފުރަތަމަ ބުރު ތިން ޓީމު ހިމެނޭ ގްރޫޕްތަކަކަށް ބަހާލަން ކުރިން ނިންމާފައި އޮތް އޮތުން ބަދަލުކުރަން ފީފާއިން ކަނޑައަޅައިފި އެވެ. ރަސްމީކޮށް އެގޮތަށް ނިންމާނީ މި މަހު 16ގައި ރުވާންޑާގައި އޮންނަ ފީފާގެ ކައުންސިލް ބައްދަލުވުމުގަ އެވެ.
ވޯލްޑް ކަޕްގައި މިހާރު ވާދަކުރާ 32 ގައުމު ބަދަލުގައި 48 ގައުމަށް ގިނަކޮށް ބާއްވާ ފުރަތަމަ މުބާރާތުގެ ފުރަތަމަ ބުރު ކުރިއަށް ގެންދަން ރޭވީ 16 ގްރޫޕަށް ބަހާލައިގެން އެއިން ކޮންމެ ގްރޫޕެއްގައި ތިން ޓީމު ހިމަނާ ގޮތަށެވެ. ނަމަވެސް މިދިއަ އަހަރު ގަތަރުގައި އޮތް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖްގެ ވާދަވެރިކަން ބޮޑުކަމުން، ފީފާއިން އަލުން ކުރީގެ ވިސްނުމަށް ދާން މަޖުބޫރުވި އެވެ.
ފީފާގެ ކައުންސިލްގެ ބައެއް މެމްބަރުން ގަބޫލުކުރާ ގޮތުގައި ވޯލްޑް ކަޕްގެ އެންމެ ދެ މެޗަށް ފަހު ތިންބައި ކުޅަ އެއްބައި ޓީތައް އެނބުރި ގައުމަށް ދާން ޖެހުމަކީ ވެސް އިންސާފެއް ނޫނެވެ.
މިހާ ގިނަ ޓީމުތަކާ އެކު ހަތަރު ޓީމުގެ ގްރޫޕްތަކެއް ހެދިޔަސް، ވޯލްޑް ކަޕްގެ މުއްދަތު އިތުރުނުވާނެ ގޮތަށް ވެސް ފީފާގެ ވިސްނުން ގެންގުޅެ އެވެ. ވޯލްޑް ކަޕްގެ މުއްދަތު ކަމަށް ބަލަނީ މުބާރާތް ކުރިއަށް ދާ ދުވަސްތަކުގެ އިތުރުން ތައްޔާރުވާން ދޭ ދުވަސްތައް ވެސް ލައިގެންނެވެ.
ހަތަރު ޓީމުގެ ގްރޫޕްތައް ހަދާ ނަމަ ކުރިން ކަނޑައެޅި 80 މެޗު 104 މެޗަށް ގިނަވާނެ އެވެ.
ގަތަރު ވޯލްޑް ކަޕްގެ ބައެއް ގްރޫޕްތަކުން ނޮކް އައުޓް ބުރަށް ދާނެ ޓީމުތައް ކަނޑައަޅަން ޖެހުނީ ގްރޫޕްގެ އެންމެ ފަހު މެޗުތަކުންނެވެ. އަނެއްކޮޅުން ތިން ޓީމުގެ ގްރޫޕްތަކަށް ބަހާލަން، ފުޓްބޯޅައަށް ލޯބިކުރާ އެތައް ބަޔަކު ވެސް ދެކޮޅެވެ.