ފްރާންސްގެ ފުޓްބޯޅަ ތަރި ޖަސްޓް ފޮންޓެއިން 1958ގެ ވޯލްޑް ކަޕްގައި: އެ މުބާރާތުގައި އޭނާ ޖެހި 13 ލަނޑަކި އަދިވެސް މުބާރާތުގެ ރެކޯޑް
އެއް ވޯލްޑް ކަޕެއްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ފޮންޓެއިން މަރުވެއްޖެ
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތެއްގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ފްރާންސްގެ ޖަސްޓް ފޮންޓެއިން، އުމުރުން 89 އަހަރުގައި އިއްޔެ މަރުވެއްޖެ އެވެ.
ސްވިޑްންގައި 1958ގައި އޮތް ވޯލްޑް ކަޕްގައި ފްރާންސް ކުޅުނު ހަ މެޗުގައި ފޮންޓެއިން ވަނީ 13 ލަނޑު ޖަހައިފަ އެވެ. އެކަމަކު އޭނާގެ މި މޮޅު ހުނަރާ އެކު ވެސް ފްރާންސް ދިޔައީ މުބާރާތުގެ ތިން ވަނައަށެވެ.
ފޮންޓެއިންގެ އެ ރެކޯޑް ހެދިތާ 65 އަހަރު ވީ އިރު ވެސް އަދިވެސް އެފަދަ އެހެން ކުޅުންތެރިޔަކު ނުފެނެ އެވެ. ނަމަވެސް ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓްގައި އޭނާ އޮތީ ހަތަރު ވަނައިގަ އެވެ.
ފްރާންސްގެ ފުޓްބޯލް ފެޑެރޭޝަނުން ފޮންޓެއިން ސިފަކުރީ، ފުޓްބޯޅައިން ދުވަހަކު ވެސް ހަނދާން ނައްތާނުލެވޭނެ ކުޅުންތެރިއެއްގެ ގޮތުގަ އެވެ.
"ފްރާންސް ޓީމުގެ އެންމެ ހިތްގައިމު ސަފުހާތަކުގެ ތެރެއިން އެއް ސަފުހާ އޭނާ ވަނީ ލިއެދީފަ އެވެ،" ފެޑެރޭޝަންގެ ބަޔާނުގައި ބުންޏެވެ.
ފޮންޓެއިންގެ ތަފާތު ކަމަކީ އޭނާ އެ ހުރިހާ ލަނޑެއް ޖެހީ ކުޅުނު ހަމައެކަނި ވޯލްޑް ކަޕްގައި ކަމަށް ވުމެވެ. އޭނާއަށް ވުރެ ގިނައިން ވޯލްޑް ކަޕްގައި ލަނޑު ޖަހާފައިވާ ތިން ކުޅުންތެރިންގެ ލަނޑުގެ އަދަދު ގިނަވީ ތަފާތު އެކި ވޯލްޑް ކަޕްގައި ކުޅެގެންނެވެ. އަނެއްކާ އޭނާއަށް އެފަހަރުގެ ވޯލްޑް ކަޕުން ފުރުސަތު ލިބުނީ، ފްރާންގެ ގައުމީ ޓީމުގައި އޭނާއަށް ވުރެ މޮޅު ކަމަށް ބެލެވުނު ދެ ފޯވަޑަކަށް އަނިޔާވެގެން ކުޅެވޭވަރު ނުވުމުންނެވެ.
މުބާރާތުގެ ތިން ވަނަ ހޮވި މެޗުގައި އޭރުގެ ވެސްޓް ޖަރުމަންއާ ކުޅެ ފްރާންސް 3-6 އިން މޮޅުވި އިރު ފޮންޓެއިން ހަތަރު ލަނޑު ޖެހި އެވެ.
ފްރާންސްގެ ގައުމީ ޓީމުގެ ކޯޗަކަށް 1967ގެ ދެ މެޗުގައި އޭނާ އިނެވެ. ދެން ޕީއެސްޖީގެ ކޯޗަކަށް ބަދަލުވެ އެއް ވަނަ ޑިވިޒަނަށް ގެންގޮސްދިނެވެ. އޭގެ ފަހުން ޕީއެސްޖީ އެ މަގާމުން ވެއްޓިފައެއް ނުވެ އެވެ.
ފޮންޓެއިން އަކީ މޮރޮކޯއަށް އުފަން ކުޅުންތެރިއެކެވެ. އެކަމަކު އޭނާގެ ބައްޕައަކީ ފްރާންސް މީހެކެވެ. ފްރާންސްގެ ޓީމަށް ކުޅެން ފެށީ 1953ގަ އެވެ.