ސިންގަޕޫރު ކައިރިން ސެޓެއް ހޯދުމަށް ފަހު ރާއްޖޭގެ ކެޕްޓަން ހައްވާ ރާޝިދާ (6) އެހެން ކުޅުންތެރިންނާ އެކު އުފާ ފާޅުކުރަނީ (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ފޯ ނޭޝަންސް ކަޕް

ފައިނަލްގައި ރާއްޖޭގެ އަންހެން ޓީމު ބަލިވިޔަސް، ތައުރީފް ހައްގު ކުޅުމެއް

ރާއްޖޭގައި އަލަށް ބޭއްވި ފޯ ނޭޝަންސް ކަޕްގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ މެލޭޝިއާ
28 ފެބްރުއަރީ 2023

ޓީމުގެ ކޯޗު އަދި ރާއްޖޭގެ ކުރީގެ އެއް ވަނަ ފިރިހެން ވޮލީބޯޅަ ކުޅުންތެރިޔާ އިބްރާހިމް ނިޒާރު ސިފަކުރި ގޮތުން ނަމަ "މިހާ މޮޅު މެޗެއް، މިހާ ހިތްވަރު ކުރި އަންހެން ޓީމެއް" އޭނާ އަދި ނުދެކެ އެވެ.

ނިޒާރުގެ އެ ވާހަކަ، ރޭ ސޯޝަލް ސެންޓަރުގައި ކުޅުނު ފޯ ނޭޝަންސް ކަޕްގެ އަންހެން ބައިގެ ފައިނަލްގައި ސިންގަޕޫރާ ދެކޮޅަށް ރާއްޖޭގެ ގައުމީ އަންހެން ޓީމު ދެއްކި ފެންވަރުން، މުޅިން ބަރާބަރެވެ. ފަހަތުން އަރައި ކުރި ހިތްވަރާއި އަތު ޖެހޭ ހިސާބުގައި ހުރި ތަށި ހޯދަން، ފަހު ވަގުތާ ޖެހެންދެން ގޮތްދޫނުކޮށް ތަމްސީލްކުރީ، އާދަޔާ ހިލާފު ކުޅުމެކެވެ.

ކުޅިވަރާ ބެހޭ މިނިސްޓްރީގެ ފަރާތުން ރާއްޖޭގައި އަލަށް ބާއްވަން ފެށި ފޯ ނޭޝަންސް ކަޕްގެ އަންހެން ބައިގެ ފައިނަލަށް ރާއްޖެ ދިޔައީ ވެސް، ހައިރާންކުރުވަނިވި ނަތީޖާއަކާ އެކުގަ އެވެ. މި ބައިގައި ސިންގަޕޫރާއި ރާއްޖޭގެ އިތުރުން ވާދަކުރީ މެލޭޝިއާ އެވެ. މިއީ ދެކުނު އިރުމަތީ އޭޝިއާއަށް ނިސްބަތްވާ މި ދެ ގައުމުގެ ގައުމީ ޓީމު ރާއްޖޭގައި ވާދަވެރި މުބާރާތެއް ކުޅުނު ފުރަތަމަ ފަހަރެވެ.

ސިންގަޕޫރާ ދެކޮޅަށް ރާއްޖެ އިން ހަމަލާއެއް ދެނީ: މެޗުގައި ދިވެހި ކުޅުންތެރިން މޮޅު ކުޅުމެއް ދެއްކި (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ތިން ޓީމުގެ މެދުގައި ލީގު އުސޫލުން ކުޅުނު ބުރުގެ އެއް ވަނަ ޓީމު ސީދާ ފައިނަލަށް ދިޔަ އެވެ. ދެ ވަނަ އާއި ތިން ވަނަ ޓީމު ސެމީ ފައިނަލް މެޗެއް ކުޅެ، އޭގެ ތެރެއިން މޮޅުވާ ބަޔަކު ފައިނަލަށް ދާ ގޮތަށް އޮތީ ރާވައިފަ އެވެ.

ލީގު ބުރުގައި މެލޭޝިއާ އާއި ސިންގަޕޫރު އަތުން ވެސް ރާއްޖެ ވީ ބައްޔެވެ. އެކަމަކު ސެމީ ފައިނަލް މެޗުގައި ދެ ވަނަ ޓީމު މެލޭޝިއާގެ މައްޗަށް ރާއްޖޭގެ އަންހެން ޓީމު 3-2 ސެޓުން ކާމިޔާބު ހޯދައި، ފައިނަލަށް ދަތުރުކުރި އެވެ.

މި ނަތީޖާއަކީ މުބާރާތުގެ ފުރަތަމަ މެޗުގައި މެލޭޝިއާ އަތުން 3-2 ސެޓުން ބަލިވުމުގެ ރަނގަޅު ބަދަލުހިފުމެކެވެ. ލީގު ބުރުގައި ސިންގަޕޫރު އަތުން ސީދާ ތިން ސެޓުން ބަލިވެފައި އޮތަސް، ނިޒާރުގެ ކޯޗުކަމުގެ ދަށުން ތަމްރީން ހޯދަމުން އަންނަތާ ގާތްގަނޑަކަށް ފަސް މަސް ދުވަސް ވީ ޓީމުގެ އުއްމީދަށް ބަދަލެއް ނާދެ އެވެ. އަޒުމަކަށް ހަދާފައި އޮތީ ސިންގަޕޫރު ވެސް ބަލިކުރެވޭނެ ކަމެވެ.

ރޭގެ މެޗުގެ ތަފާތަކީ އެ އެވެ. ދިވެހި ޓީމުން ދެއްކި ހިތްވަރަކީ ވެސް އެ އެވެ. ފުރަތަމަ ދެ ސެޓު 25-18 ،25-22 އިން ސިންގަޕޫރު ހޯދި އެވެ. އެހެންކަމުން ލީގު ބުރެކޭ އެއްގޮތަށް މެޗު ނިމެން އެ ދަނީ އަނެއްކާވެސް ސީދާ ތިން ސެޓުން ރާއްޖެ ބަލިވުމާ ދިމާއަށް ކަން، ކުޅިބަލަން ތިބި މީހުންނަށް ހީކުރެވިދާނެ އެވެ.

ފައިނަލް މެޗުގައި ސިންގަޕޫރު އަތުން 3-2 ސެޓުން ބަލިވުމުން ދިވެހި ކުޅުންތެރިން ހިތާމަކުރަނީ: ނަމަވެސް ކުޅުމަށް ސާބަސް ދޭން ޖެހޭ (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ނަމަވެސް ކޯޓުގައި ކުޅެން ތިބި ކުޅުންތެރިންގެ ހިތުގައި އޮތީ އަދި އެހާ ފަސޭހައިން މެޗު ނިންމާލާފައި، ދެ ވަނަ ޓީމުގެ ނަން ހޯދުމެއް ނޫނެވެ. އެހެންވެ ދެން ފެނުނީ، ނިޒާރު އެ ސިފަކުރި، ހިތްވަރެވެ. މޮޅު ކުޅުމެވެ. ތިން ވަނަ ސެޓާއި ހަތަރު ވަނަ ސެޓް 19-25 ،19-25 އިން ރާއްޖޭގެ ޓީމު ހޯދީ އެވެ.

މެޗުގެ ނަތީޖާ ނެރެން ކުޅުނު ފަހު ސެޓް ސިންގަޕޫރުން ކާމިޔާބުކުރީ 15-11 އިންނެވެ.

ބަލިވުމަކީ ކުޅިވަރުގެ އުސޫލެވެ. ނަމަވެސް ހިތްވަރުކޮށް، މޮޅަށް ކުޅެ ބަލިވުމަކީ ކުޅިވަރުގެ ހިތްގައިމުކަމެވެ. ރާއްޖޭގެ އަންހެން ޓީމު، މުބާރާތުގެ ދެ ވަނައާ އެކު ދެއްކީ އެ ހިތްގައިމުކަމެވެ. އެހެންވެ، މި ޓީމަށް މިއީ މުބާރާތުގެ ތަށި ނެގުން ފަދަ ނަތީޖާއެކެވެ.

ހަތަރު ޓީމު ވާދަކުރި ފިރިހެން ބައިގެ ޗެމްޕިއަންކަން، އިއްޔެ ހަވީރު އޮތް ފައިނަލްގައި ސިންގަޕޫރު ސީދާ ތިން ސެޓުން ބަލިކޮށް ހޯދީ މެލޭޝިއާ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް