ސްޕެއިންގެ ލަ ލީގާގައި ސެވިއްޔާ ކޮޅަށް ލަނޑު ޖެހުމަށް ފަހު ބާސެލޯނާ ކުޅުންތެރިން އުފާ ފާޅުކުރަނީ

ބާސެލޯނާ

ބާސެލޯނާ ފަހަތަށް ބެލުމެއް ނެތް، އަށް ޕޮއިންޓްގެ ތަފާތެއް ނެރެފި

ހޮނިހިރުދުވަހު ރެއާލް މެޑްރިޑް ބަލިވުމާ އެކު ބާސެލޯނާ މިހާރު ތާވަލްގެ އެއް ވަނާގައި އޮތީ ވަރަށް ބޮޑަށް ހަމަޖެހިލާފައި
6 ފެބްރުއަރީ 2023

ލިއޮނެލް މެސީ ދިއުމުން ބާސެލޯނާއަށް ސަޕޯޓްކުރުން ހުއްޓާލި ދިވެހިންނަށް ވެސް މިހާރު އެ ޓީމު އެ ހޯދާ ކާމިޔާބީން އިނގިލީގައި ދަތް އެޅިދާނެ އެވެ. ފަހަތަށް ބެލުމެއް ނެތި ބާސެލޯނާ އެ އަންނަނީ ލަ ލީގާގައި ތަފާތު ދައްކަމުން، ތާވަލްގައި ތަފާތު ބޮޑު ވެސް ކުރަމުންނެވެ.

ރޭ އަމިއްލަ ދަނޑުގައި ސެވިއްޔާ 3-0 އިން ބަލިކުރުމުން ބާސެލޯނާ ތާވަލްގެ އެއް ވަނާގައި އޮތީ ދެ ވަނާގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ވުރެ އަށް ޕޮއިންޓް ތަފާތަކުންނެވެ.

ފުރަތަމަ ހާފުގައި ލަނޑެއް ނުޖެހި ނިމުނަސް ދެ ވަނަ ހާފުގައި ނުކުމެ ތިން ލަނޑު ކާމިޔާބުކޮށްދީ މުހިންމު ތިން ޕޮއިންޓް ހޮދައިދިނީ ޖޯޑީ އަލްބާ އާއި ގަވީ އަދި ރަފީނިއާ އެވެ.

ބާސެލޯނާ މޮޅުވި އިރު ހޮނިހިރުދުވަހު ރެއާލް ވަނީ މެލާކޯ އަތުން 1-0 އިން ބަލިވެފަ އެވެ.

ބާސެލޯނާގެ ރަން ދަރި މެސީ 2021ގައި ދިއުމާއި މާލީ ބޮޑު މައްސަލަގަނޑެއްގެ ތެރެއަށް ވެއްޓުމުން ބާސެލޯނާއަށް ލީގުގައި މާ ބޮޑު ކަަމެއް ނުކުރެވުނެވެ. ނަމަވެސް ކުރީގެ ތަރީ ޒަވީގެ ކޯޗުކަމުގައި މިހާރު އެ ޓީމު އަންނަނީ ވަރަށް ބޮޑަށް ހަމަޔަކަށް އެޅި ކުރީގެ ކުޅުން ދައްކަމުންނެވެ.

މެސީއާ އެކު ވަރަށް ގިނަ ބަޔަކު ބާސެލޯނާގެ މަތިން ހަނދާން ނައްތާލައި، މެސީ މިހާރު ކުޅެމުން އަންނަ ފްރާންސްގެ ޕީއެސްޖީއަށް ސަޕޯޓްކުރަން ފެށި އެވެ. އޭގެ ތެރޭގައި ވަރަށް ގިނަ ދިވެހިން ވެސް ހިމެނޭ ކަމަށްވެ އެވެ. ނަމަވެސް މެސީ ނެތަސް ބާސެލޯނާ ވިދާލާނެކަން މިހާރު ތިބި ކުޅުންތެރިން އެ އަންނަނީ ސާބިތުކޮށްދެމުންނެވެ.

ލަ ލީގާގެ ގަދަ ފަހެއް

  • 1-

    ބާސެލޯނާ، ކުޅުނު 20، ޕޮއިންޓް 53

  • 2-

    ރެއާލް މެޑްރިޑް، ކުޅުނު 20، ޕޮއިންޓް 45

  • 3-

    ރެއާލް ސޮސިއެޑަޑް، ކުޅުނު 20، ޕޮއިންޓް 39

  • 4-

    އެތުލެޓިކޯ މެޑްރިޑް، ކުޅުނު 20، ޕޮއިންޓް 35

  • 5-

    ވިލަރެއާލް، ކުޅުނު 20، ޕޮއިންޓް 31

އިތުރު އާޓިކަލް

އިތުރު އާޓިކަލް